'އިއްޒަތްތެރި ބޮޑެތި މެންބަރުން' ބަލިކޮށް ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެންގެވުމަކީ ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެކެވެ. ސިޔާސީ ގޮތުން 'ވަރުގަދަ އެތައް މެންބަރުންނެއް' ބަލިވެގެން ދިޔުމަކީ ކުޑަކުޑަ ކަމެއް ނޫނެވެ.
ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެބައެއްގެ ތަރި 'އުޑުގައި ޖެހި' ފިޔަޖެހި އެތައް ލީޑަރުންނެއްގެ 'ތުންގަނޑު ބިމަށް ހަރާލަން' މަޖުބޫރު ކުރުވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސީރިއަސްކަން ސާބިތު ވެގެން ދިޔަ ކަމެކެވެ.
ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ހިފެހެއްޓި އެމްޑީޕީ 12' ވިކެޓަށް' [12 ގޮނޑިއަށް މުއިއްޒު ވައްޓާލެއްވީ] އެންމެ 'ހުސް ގޮނޑިއެއްވެސް' ނުދައްކަވައެވެ.
ރިޔާސީ އިންތިހާބުގެ ދުވަސް ވަރު އެ ބޭފުޅެއް [ރައީސް އަބްދުﷲ ޔާމީން] ގެ ނަންފުޅުގައި ހުސްކުރި ހުސްގޮނޑި އަކީ 'ސުމެއް' ކަން އިއްޔެ ނިިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ދައްކައި ދީފިއެވެ.
އެ ބޭފުޅެއް [ރައީސް މުހައްމަދު ނަޝީދު] ގެ ކެރިސްމެޓިކް ކަމާއި މަގުމައްޗަށް ފަރިތަ ވުމުގައި މިއަދު ހިންގަވާން އެންމެ މަގެއްވެސް އަތުނުވުމަކީ ފިލާވަޅު ލިބިގަންނަން ޖެހޭ ކަމެކެވެ.
ރައީސް މުއިއްޒު ސީރިއަސް، ސަމާސާ ނުކުރޭ!
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ އޭގެ ކުރީގެ 3 ރައީސުން ކަމަށް ވާ، ރައީސް ނަޝީދާއި، ރައީސް ސޯލިހާއި، ރައީސް ޔާމީންގެ ވެރިކަމުގައި ނުފުއްދި ހުރި އެތައް ސަތޭކަ ކަމެއް ހިމެނޭ ދިގު ލިސްޓަކާއި ދިވެހި ރައްޔިތުން އެންމެ ބޭނުން ވެފައި ވާ ބޯހިޔާވަހިކަން ދެއްވުމުގެ ބޮޑު ވައުދުފުޅާއެކުގައެެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނަމުން ދިޔަ ނަމަވެސް އެކަމާ ސީރިއަސް ވެ މަސައްކަތް ފެށި އިރު އޮތީ ދައުރު ނިމެން ކައިރިވެފައެވެ. މަސައްކަތުގެ ސޮލޯކަމާއެކު ބޯހިޔާވަހިކަމުގެ އެއްވެސް ވައުދެއް ނުފުދި ދިޔުމަކީ ރައްޔިތުން އެ ވެރިކަމާ މެދު ސީރިއަސް ވެ ވެރިކަން ބަދަލު ކުރި މައިގަނޑު އެއް ސަބަބެވެ. ނުވަތަ އެންމެ މުހިންމު އެއް ސަބަބެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 30 ދުވަސް ނިންމެވީ، ބޯހިޔާވަހިކަަން ފޯރުކޮށް ދިނުމަށް ސަރުކާރު ސީރިއަސް ކަން ހާމަކޮށް ދެމުން އެކަމަށް ބޭނުންވާ ބިންހިއްކަން ފެށުމާއެކުގައެވެ. އެންމެ ބިމެއްވެސް ނޫނެވެ. 65،000 އަށް ވުރެ ބޮޑު އާބާދީއަކަށް އަމާޒު ކުރާ ރަސްމާލެ އާއި ގުޅިފަޅާއި، ހުޅުމާލެއާއި ގިރާވަރުފަޅު ހިއްކާ ނިންމާ މަންޒަރު ރޮލަށް ދައްކަމުންނެވެ.
އެކަމުގައި މުއިއްޒު ސީރިއަސްކަން ރައްޔިތުންނަށް ގަބޫލު ކުރެވިއްޖެއެވެ.
ސީރިއަސް ދިވެހި ރައްޔިތުން ކަންބޮޑުވި އަނެއް މައްސަލަ އަކީ ހިފެހެއްޓުމެއް ނެތި ފައިސާ ޗާޕުކޮށް ދަރަނި ބޮޑުވެ އިސްރާފު އިތުރުވެ ނިމިދިޔަ ސަރުކާރަށް ނުހިފެހެއްޓި ގައުމު ބަނގުރޫޓު ވުމުގެ ބިރާ ކުރިމަތިވުމެވެ.
އެކަމުގައި ރައީސް މުއިއްޒު ސީރިއަސްކަން ދެއްކެވީ، ފައިސާ ޗާޕުކުރުން ހުއްޓާލުމާއެކު، ބޭރުގެ ދަރަނިން ވީއްލުމަށްޓަކައި ގުރުބާނީތަކެއް ވެ ވަޑައިގެންވެސް ދަރަނި ހަލާސްކުރައްވަން ފެއްޓެވުމާ އެކުގައެވެ. އިންފްލޭޝަން މަތިވެ، ހިފެހެއްޓުމެއް ނެތި އަރަމުން ދިޔަ ޑޮލަރުގެ އަގު ދަށް ކުރުމަށް ފިޔަވަޅުތައް އަޅުއްވައެވެ.
ކުރީ ސަރުކާރުތަކުން ފަށާ، ހަރަދު ކޮށް، ކަޑަ ޖަހާ، އެ ކަޑަތައް ދަބަރަށް ވެ، ރާއްޖޭގެ އެތަން މިތާނގައި ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ބަލުން ފައްޓަވައެވެ.
ދިވެހިންގެ އިޖުތިމާއީ ފޭރާން ހަލާކުވެ ދިޔުމަށް އަސަރު ކުރާ އިޖުތިމާއީ މައްސަލަތައް ހައްލު ކުރުމަށް ފިޔަވަޅުތައް އަޅުއްވައެވެ. އެގޮތުން ކުށުގެ ވެށިން ޒުވާނުން ނެރުމަށް ފަށާފައި ވާ ސީރިއަސް ޕްރޮގްރާމުތަކާއި ބަރަހަނާ ސައިޓްތަކަށް ނުވަދެވޭނޭ ގޮތް ހެދުން ފަދަ މުހިންމު ފިޔަވަޅުތަކަކުންނެވެ.
71 ގޮނޑި އާއެކު ޑރ. މުއިއްޒަށް ރައްޔިތުން ސުޕާ މެޖޯރިޓީ ދިނީ އެފަދަ ކިތަންމެ މައްސަލައެއް އަދި އަސާސީ ކިތަންމެ ހިދުމަތެއް 'ރަނުން ރަނަށް' މުއިއްޒު ފުއްދަވާނެ ކަމަށް ގަބޫލު ކޮށްގެންނެވެ. މުއިއްޒުގެ ވައުދުފުޅަކީވެސް އެއީ އެވެ. 5 އަހަރުގެ ދައުރު ނިމޭ އިރު ބޯހިޔާވަހިކަމެއް [ދިރިއުޅޭނެ 1 ގެ] ނުލިބޭނެ ހަމަ އެކަކުވެސް ނުހުންނާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މޯހިޔާވަހިކަމުގެ މުހުތާދަކީ އޭގެ ވަށައިގެން ހުރި ހުރިހާ މައްސަލަތަކެއްގެ ހައްލުގެ ފެށުން ކަމަށް ވާއިރު އަމަލާއި ބަހުން އެކަން ކުރައްވާތަން މުއިއްޒު ދައްކަވަން ފައްޓަވާފައި ވާ އިރު ރައްޔިތުން އެ ނިންމީ އެ ފުރުސަތު ރައީސް މުއިއްޒަށް ދޭށެވެ.
ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން 'ދިވެހީންގެރާއްޖެ' ހޯދުމަށެވެ.
އެކަމުގައި މުއިއްޒު ސަމާސާ ނުކުރައްވައެވެ. ސީރިއަސްއެވެ.
ރައީސް މުޢިއްޒަކީ ބަހާއި ޢަމަލާ ދިމާވާ ހަމައެކަނި ރައީސް. ޢިއްޒަތްތެރި ރައީސަކީ ހަމަ އެކަނި ރައީސް މުޢިއްޒު.