ރާއްޖޭގައި އިންޑިއާ ސިފައިންގެ ބޫޓު ކިބައެއް ވިޔަސް ހުންނަން އެދިވަޑައިނުގެން އެވާހަކަ އެންމެ ބާރަށް ދެއްކެވި އެއް ވެރިޔަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ރައީސް މުއިއްޒު އެވާހަކަފުޅު ދެއްކެވީ ސަބަބުތަކެއް ހުރެގެންނެވެ.
ރައީސް މުއިއްޒާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ފިކުރުގެ ވެރިން އެވާހަކަ ދެއްކެވުން, މިހާރުގެ އިދިކޮޅު އަދި އޭރު ވެރިކަމުގައި އޮތް އެމްޑީޕީ އާއި އެމީހުންނަށް ވާގިވެރިވަމުން ދިޔަ އިންޑިއާއަށް އެއީ ބޮޑު މައްސަލައަކަށް ވިއެވެ. އެމީހުން ދިވެހިންނަށް ވިސްނައިދެމުން ދިޔައީ, އިންޑިއާ އަކީ ސަރަހައްދުގެ ބޮޑު ބާރެއްގެ އިތުރުން ނިއުކްލިއާ ގާބިލްކަން ހޯދާފައި ވާ ދުނިޔޭގެވެސް ބާރެއް ކަމަށާއި އިންޑިއާ އިން ބޭނުން ނަމަ ރާއްޖެއަށް އަރާ ހިފިވެސް ދާނެ ކަމަށެވެ. އަދި އޭރުގެ ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔައީ ހަތިޔާރާއެކު އިންޑިއާ ސިފައިންގެ މީހަކު ނެތް ކަމަށާއި ތިބި ބަޔަކު ތިބީ ދިވެހިންނަށް ހެލިކޮޕްޓަރު ނުދުއްވޭތީ އެ ދުއްވައިދޭން ކަމަށެވެ. އަމުދުން އެމީހުން ތިބުމަކީ މައްސަލައެއް ނޫން ކަމަށް ދައްކައި ދިނުމަށެވެ.
ނަމަވެސް އިންޑިއާގެ ސިފައިން ގިނަ އަދަދަކަށް ރާއްޖެ ފައިބާ ތިބި ކަމަށާއި ލ. އަތޮޅާއި, އައްޑޫގެ އިތުރުން ހދ. ހަމިނާދޫގައި ގާއިމުވެ ތިބި ކަމަށް އިދިކޮޅުން ބުނެ އެންމެން ބާލާނެ ކަމުގެ ވައުދު ވަމުން ގެންދިޔައެވެ.
އިންޑިއާގެ ސިފައިން ތިބުމަކީ ދިވެހިންގެ ތެރެއިން ބަޔަކަށް ކަމަކަށް ނުވި ނަމަވެސް މެޖޯރިޓީ ދިވެހިން ބުނަމުން ދިޔައީ މި ފަސްގަނޑުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންގެ މީހަކު ހުރެގެން ނުވާނެ ކަމަށާއި އެންމެން ބާލަން ޖެހޭނެ ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވެރިކަން ބަދަލު ކުރި އެއް ސަބަބަކީ އެއީ ކަމުގައި ވާ އިރު, އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފޮނުވާލައި މިއަދު ރައީސް މުއިއްޒު 'އެ ވަރުގަދަ އިންޑިއާ' އަށާއި އިންޑިއާ ސިފައިން ތިބުން ވަރިހަމަވި ފަރާތްތަކަށް ނަމޫނާ ދައްކަވައިފިއެވެ.
އިންޑިއާގެ ސިފައިންނާއި ހެލިކޮޕްޓަރުތައް
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެލިކޮޕްޓަރާއެކު އައި އިންޑިއާގެ ސިފައިންގެ އަދަދު އިތުރު ކުރަމުން ގޮސް, ރައީސް އަބްދުالله ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނު އިރު އަދަދު ވަނީ 89 އަށް އިތުރު ކޮށް 2 ހެލިކޮޕްޓަރާއި 1 ޑޯނިއާ މަތިންދާބޯޓު ގެނެސްފައެވެ. އެމީހުން އެ އުޅަނދުތައް އުދުއްސަމުން ގެންދިޔައީ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ދިމާވާ ކުއްލި އެމަޖެންސީ ތަކުގައި އެއްތަނުން އަނެއްތަނަށް މީހުން އުފުލުމަށް ކަމަށް ވާ އިރު އެއިން ކޮންމެ ދަތުރަކީ އެމްއެންޑީއެފްގެ ހުއްދައާއެކު ކުރަން ޖެހޭ ދަތުރެކެވެ. ނަމަވެސް ދާދިފަހުން ޑިފެންސް މިނިސްޓަރުގެ ފަރާތުން ސާފުވެގެން ދިޔަ އެއް ކަމަކީ އެމްއެންޑީއެފްގެ ހުއްދަ ނެތިވެސް އެމީހުން ދަތުރެއް ކުރި ކަމެވެ.
ގައުމީސަލާމަތުގެ ނަޒަރަކުން ބަލާއިރު އެއީ ނުރައްކާ މައްސަލައެކެވެ. ނުވަތަ ނުރައްކާ މައްސަލައެއް ފެށުމުގެ ރަނގަބީލެކެވެ. އެ ދަތުރާ ގުޅިގެން އޭރުގެ އެމްއެންޑީއެފް އިން އެޅި ފިޔަވަޅެއް ސާފު ނުވާ އިރު, އެއީ ފެށުމެއްގެ ގޮތުގައި ދޫކޮށްލެވުމުން އެފަދަ ކިތަންމެ ދަތުރެއް ކުރުމަށް މަގުފަހިވެގެން ދެއެވެ.
އިތުބާރުހުރި ބައެއް މަސްދަރުތަކުން މީގެ ކުރިން ލިބިފައިވާ މައުލޫމާތަށް ބަލާއިރު, ޓަވަރަށް ނޭނގި އެ އުޅަނދުތައް ނަގާ ޖެއްސުމަކީ މީގެ ކުރިން ހިނގާފައި ވާ ކަންކަމެވެ. އަދި އެ އުޅަނދުތައް ބޭނުން ކުރާ އިންޑިއާގެ ސިފައިން އިމިގްރޭޝަން ޗެކިން ހަދަން ނުޖެހޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. މިފަދަ ހައްސާސް މައްސަލަތައް އޭރު ހުރި އިރު 2017 ގައި އެއާޕޯޓުގައި ހިނގި އެކްސިޑެންޓެއްގައި އޭޕްރަން މަތީގައި ދުއްވާ ސިޑިބަރިއެއްގައި ހެލިކޮޕްޓަރެއްގެ ފިޔައެއް ޖެހި ނައްޓައިގެން ދިޔަ ބައެއް ދިވެހި މުވައްޒަފެއްގެ ބަނޑާ ދިމާއިން ވަދެ ލިބުނު ފުން ޒަހަމްތަކަށް އެ މުވައްޒަފު އަދިވެސް ފަރުވާ ކުރަމުން ދާ މައްސަލަވެސް އޮތީއެވެ. އެ މައްސަލައިގައި އަނިޔާލިބުނު މުވައްޒަފަށް އަދިއަދަށް ދާންދެންވެސް އިންސާފުވެރި އިންސާފެއް ލިބިފައެއް ނުވެއެވެ.
ދެން އެއްވެސް ވެރިއަކަށް ސިފައިން ގެންނާކަށް ނުކެރޭނެ
އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމުގައި ރައީސް މުއިއްޒު ދެއްކެވި 'ގަޓ' އެއީ ތައުރީފު ހައްގު ކަމެކެވެ. ސިފައިން ގެންދަން ތަކުރާރު ކޮށް އެދެމުން ދިޔަ އިރުވެސް އެކަމާ އަޅާ ނުލައި އިންޑިއާއިން ތިބި ތިބުން މުއިއްޒު ނިމުމަކަށް ގެންނެވީ ކެރުމާއި ހިތްވަރާއި ފަސްޖެހުމެއް ނެތްކަން ސާބިތު ކޮށްދެއްވަމުންނެވެ. އިންޑިއާއިން ފަސްޖެހެމުން ދިޔަ ދިޔުން ނިމުމަކަށް ގެންނެވުމަށް ދެއްވި އެންމެ ވަރުދަގަ އިންޒާރަކީ, ރާއްޖެ ކުޑަޔަސް ބްލީ ކުރުމުގެ ހައްގު [އިންޑިއާ] އަކަށް ވެސް ނޯންނާނެ ކަމަށް ވިދާޅުވަމުންނެވެ. އެ މެސެޖާއެކު އިންޑިއާއިން ރާއްޖޭގެ މަތީފަންތީގެ ޓީމަކާއެކު މަޝްވަރާތައް ފަށާ ނިމެމުން މިދާ މެއި 9 ވަނަ ދުވަހު ހުރިހާ ސިފައިން ވަނީ ބާލައިގެން ގެންގޮސްފައެވެ.
3 ބުރަކަށް ބަހާލައިގެން ހުރިހާ ސިފައިން ބާލަން އެއްބަސްވި ތާރީހުގެ 1 ދުވަސް ކުރިން އެކަން ކޮށް ނިންމާފައި ވާ އިރު, މިއީ ދިވެހި ތާރީހުގައި ވެރިއެއްގެ ކެރުމާއި ހިކުމަތުއަމަލީގެ މުހިންމު ބާބެއްގެ ފެށުމެވެ.
ނިމިދިޔަ 2 ވެރިކަމުގައި އިންޑިއާ އާ ނުކުޅެވުނު ނަމަވެސް ރާއްޖެ އަކީވެސް މިނިވަން މުސްތަގިއްލު ގައުމެއްކަމާއި ރާއްޖޭގެ ދާހިލީ އަދި ހާރިޖީ ކަންކަން ހިނގާނީ ރާއްޖެއިން ބޭނުންވާ ގޮތަށްކަން މުއިއްޒު ވަނީ ސާބިތު ކޮށްދެއްވާފައެވެ.
މިއަދި ޔުނިފޯމް އެޅި އިންޑިއާ ސިފައިންގެ ބަދަލުގައި ކުލަހެދުމުގައި ހަރަކާތްތެރިވާ މަދަނީން އެ އޮޕަރޭޝަން [ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމަށް] ގެނެސް ހުރިހާ 'ބޫޓު ކިބައެއް' މި ފަސްގަނޑުން ވަނީ ބާލާފައެވެ.
ރައީސް މުއިއްޒުގެ މި ނިންމެވުމާއެކު ސީލް ޖެހި ބަންދުވެގެން އެދިޔައީ މީގެ ފަހުން ދެން އަންނަ އެއްވެސް ވެރިއަކަށް އެގޮތަށް [ކުރިން ގެނައި ގޮތަށް] ބޭރުގެ ސިފައިން ގެނައުމުގެ ދޮރެވެ. ސާފުވެގެން ދިޔަ އަނެއް ކަމަކީ ރައީސް މުއިއްޒުގެ ނިންމެވުން ބޮލާލައި ޖަހާ ދެން އަންނަ ވެރިކަމެއްގައި އެގޮތަށް ސިފައިން ގެނެސްފި ނަމަ އަނެއްކާވެސް ފޮނުވާލާނެ ކަމާއި ސިފައިން ގެންނަން ދިވެހި ރައްޔިތުން ވެސް ޖާގަ ނުދޭނެކަމެވެ.