ވަރަށް ގިނަ ކަންކަމަކީ ބައެއް ފަހަރު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކޮށް އުޅޭ ކަންކަމެވެ. ވެރިކަމުގެ ބާރުތަކުގައި ތިބޭ މީހުނަށް ބައެއް ފަހު ރައްޔިތުންނަކީ 'ގަމާރުންނޭ' ހީވާ ކަހަލައެވެ.
އެވެނިކަމެއް, މިވެނިކަމެއް ކޮށްދޭނަމޭ, އެ މަޝްރޫއު މިމަޝްރޫގައި ސޮއި ކޮށްފީމޭ ބުނާނެއެވެ. އަދި ބައެއް ފަހަރު ބޭރުގެ ފަރަންޖީއެއް ސްޓޭޖަށް އަރުވާ ރީތި ފޮޓޯ ނަގާވެސް ހަދާނެއެވެ.
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ވެރިކަމަކީ ވެސް އެގޮތުން ވަކި ތަފާޓު ވެރިކަމެއް ނޫނެވެ. ކޮންމެ ކެމްޕެއިނެއް ބޯމަތިވާ ވަގުތު, އޮއްސާލާ ވައުދު ފުނީގައި, މަސް ފަލަ ހައެއްކަ ފިރިހެނުންނަށް ވެސް ހިފާ އެ އުފުލާނުލެވޭނެއެވެ. އެހާ ވައުދު ނިމިދިޔަ ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް ވިއެވެ. ކޮންމެ ދެގެ ދޭތެރޭގައި އެއާޕޯޓެއް, ކޮންމެ ރަށެއްގައި ބަނދަރެއް, އިޖުތިމާއީ މަރުކަޒެއް, ނޭޝަނަލް ސްޓޭޑިއަމެއް މިހެން ގޮސް ނަން ހުސްކޮށް ވައުދު ވިއެވެ.
ހިންގަމުންދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވެސް ވައުދު ހުރީ ހަމަ އެގޮތަށެވެ. 15 މިނެޓުގެ ދުރުމިނުގައި ވެސް އެއާޕޯޓުތައް އަޅަން ވައުދުވަނީއެވެ. 80-90 ޕަސެންޓް ނިމިފައި އޮންނަ އެއާޕޯޓު ހުއްޓުވައި ޖެހިގެން އޮންނަ ރަށަށް ބަދަލުވެއް ކުރުވަނީއެވެ.
އެކިއެކި ރައްޔިތުންގެ ދަރަނި މާފުކުރުން
ނިމިދިޔަ ސަރުކާރުގައި ކުޑަކޮށް އަދި މާފު ކުރި ލިސްޓުގައި ހިމެނޭ ކަންތައްތައްވެސް މަދެއް ނޫނެވެ. އެގޮތުން ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއި, ވިނަރެސްގެ ކުލި ކުޑަކޮށް ލުއިތައް ދިނުމާއި ސިފައިންނާއި ފުލުހުންގެ ފްލެޓުތަކުގެ ކުލިން ލުއިދީ ގްރޭސްޕީރިއަޑް ދަންމާލަން ބުނުމާއި, ދަރިވަރުން ކިޔަވަން ނަގާފައި ހުންނަ ލޯނުތަކުން މާފު ކޮށްދިނުމާއި އިސްޓިކާއާއި އެނޫންވެސް ޖޫރިމަނާތައް ހިމެނެއެވެ. އަދަދުގެ ގޮތުން މާބޮޑުއެއްޗެއް ނާރާ, ފެންބިލާއި ކަރަންޓް ބިލުގެ ޖޫރިމަނާ ކޮޅު ކަހަލަ އެތިއެތިކޮޅު މާފުކޮށް ނުދޭ ވާހަކައެއް ނޫނެވެ.
މުއިއްޒުވެސް އެހެން މައާފުކޮށްދެއްވަމުން އެބަގެންދަވައެވެ. ސްޓިކާ ޖަހައިގެން ވެފައި އޮންނަ ޖޫރިމަނާ ކޮޅު މާފެވެ. ފެންބިލާއި ކަރަންޓުން ނުދެއްކި ވީ ޖޫރިމަނާ މާފެވެ. ދެން މާފަށް އައީ ކޮވިޑް ރިލީފް ލޯނުތަކެވެ.
ކޮވިޑް ރިލީފް ލޯނުތައް މާފު ކުރީ ސޯލިހުތަ މުއިއްޒުތަ؟
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް ކެމްޕެއިން އެންމެ ފޯރިގަދަ ވެފައި ވާ މިވަގުތުގައި ރޭ އާންމުންނަށް ދޫކޮށްލި ޕަޒަލް އަކީ ކޮވިޑް ރިޕީފް ލޯނުތަކުގެ އިންޓަރެސްޓް މާފު ކުރި ވާހަކައެވެ. އިސް ވަޒީރު އަބްދުއްރަހީމާއި އަތޮޅުގެ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިނަށް މުޅި ލ. އަތޮޅަށް ވިޔަފާރީގެ އިންގިލާބީ ބަދަލެއް ގެންނަކަން އިއުލާން ކުރި ރަސްމިއްޔާތުގައި ރައީސް ވަނީ ކޮވިޑް ރިލީފް ލޯނުތަކުގެ އިންޓަރެސްޓް މާފުކޮށްދެއްވިކަން އިއުލާން ކުރައްވާފައެވެ. އެ ހަބަރު އިދިކޮޅު އެމްޑީޕީގެ ކަންފަތުގައި ޖެހުމާއެކު, އާންމު ކުރީ ނޮވެމްބަރު 15, 2023 ގެ ތާރީހުގައި އޭރުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާފައި އޮތް ސިޓީއެކެވެ. އެ ސިޓީ ތިރީގައި އެ އޮތީއެވެ.
އޭގައި އޮތް ގޮތުން ކޮވިޑް ރިލީފް ލޯނުތަކުގެ އިންޓަރެސްޓްގެ ތެރެއިން 22 މިލިއަނަކީ ދައުލަތަށް ނުލިބޭނެ އެއްޗެއް ކަމަށް ކަނޑައަޅާ, އަދި އިންޓަރެސްޓުގެ ގޮތުގައި މަތީގައި ވާ ތާރީހާ ހަމައަށް ދައްކާފައި ވާ 23 މިލިއަނަކީ ލޯނުގެ ޕްރިންސިޕަލް އަދަދަށް ދެއްކި އެއްޗެއް ކަމުގައި ހަދާ އިތުރަށް ދެއްކިފައި ހުރި 1 މިލިއަން ރުފިޔާ އޭގެ ވެރިންނަށް އަނބުރާ ދައްކަން ރައީސް ސޯލިހު އިރުޝާދު ދެއްވާކަމަށް އެބައޮތެވެ. އަދި އެ ލޯނުތައް ދައްކަން އޮތް މުއްދަތު 10 އަހަރަށް ދަންމާލި ކަމަށް ވެސް އެބައޮތެވެ.
ސުވާލަކީ އެސިޓީ ލިޔުން ފިޔަވައި އޭގައި އެބުނާ ކަމެއް ވި ހެއްޔެވެ? ލޯނު ނެގި އެއްވެސް މީހަކަށް ދައްކަން ޖެހުނު އަދަދު ކުޑަ ވި ހެއްޔެވެ? އަމިއްލަ އެކައުންޓަށް އަނބުރާ ފައިސާއެއް ޖަމާ ވި ހެއްޔެވެ?
އެމީހަކު ނެތެވެ. އެގޮތަށް މާފު ނުކުރިއްޔާ މާ ރަނގަޅެވެ.
ރޭ މުއިއްޒު އިއުލާން ކުރެއްވީ އެޗްޑީއެފްސީ އާއި އެސްޑީއެފްސީ މެދުވެރިކޮށް ހުރި ލޯނުތަކުން ކޮވިޑް މުއްދަތުގައި ރައީސް ސޯލިހު ލުއިދެއްވައި އިންޓަރެސްޓް ނުހިނގާނެ ކަމަށް ބުނި ލޯނުތަކުގެ އިންޓަރެސްޓް މާފުކޮށްދެއްވި ވާހަކައެވެ.
ކޮވިޑް ލޯނުތަކަށް ވީ ކިހިނެއް؟
ކޮވިޑްގެ ތެރޭގައި އެސްޑީއެފްސީ އިން ކުދި އަދި މެދުފަންތީގެ ވިޔަފަރިތަކަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ގިނަ އަދަދެއްގެ ލޯނު ދޫކުރިއެވެ. ފައިނޭންޝަލް ސަޕޯޓުގެ ގޮތުގައި ދޫކުރި އެ ފައިސާ އަކީ އާންމު އެތައް ބައެއްގެ އެވަގުތުގެ ދިރިއުޅުން ހަމަޖެއްސުމަށް މުހިންމު އެއްޗަކަށް ވިއެވެ. އޭރުވެސް ބޭންކް އޮފް މޯލްޑިވްސް އާއި މާލީ އެކިއެކި އިދާރާތަކުން ފައިދާ ނަގަމުން ދިޔަ އެންމެ ބޮޑު ވިޔަފާރިއަކަށް އޮތީ ލޯނެވެ. އެޗްޑީއެފްސީ އަކީ ބޮޑަށް ހައުސިން ލޯނުގެ މައްޗަށް ބުރަވެފައި އޮންނަ ކުންފުންޏެކެވެ. އެ ތަނުންވެސް އެ މުއްދަތުގައި ލޯނުތަކުގެ އިންޓަރެސްޓަށް އަރާބައި ދައްކަން ނުޖެހޭނެ ކަމަށް ބުނެ ލުއި ދިނެވެ.
ނަމަވެސް ކޮވިޑް ކުޑަކޮށް މައިތިރިވެ ހަމައަކަށް އެޅެން ކައިރިވެލި ވަގުތު ކަސްޓަމަރުންނަށް އެޗްޑީސީއެފްސީންވެސް އެންގީ ކުރިން މުއްދަތަކަށް މާފުކޮށްދިން އިންޓަރެސްޓް އަލުން ދެއްކުމަށެވެ. އޭރު މާފު ކުރި މުއްދަތަށް ބައެއް މީހުންގެ ލޯނު އެކައުންޓަށް 200,000 އަށް ވުރެ މައްޗަށް އިންޓަރެސްޓް އަރާފައި ހުއްޓެވެ. އެ ފައިސާ ދައްކަން ދިން މުހުލަތަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހެވެ. ރައީސް ސޯލިހުގެ ސިޓީގެ ތާރީހަކީ ނޮވެމްބަރެވެ.
އިންޓަރެސްޓެ ދެއްކި ބަޔަކު ދައްކާ ހަލާސް ކޮށް ހަނދާންވެސް ނެތިފައި ހުއްޓާ މާފުކުރަން ކީއްކުރާ ސިޓީއެއްހެއްޔެވެ. އެހެނަސް ރަނގަޅެވެ. ފުދިގެންނާއި ނުފުދި ވިޔަސް ދަރަންޏެއް ވީމައި ދެއްކި މީހުން އޭރު ފައިސާ ދެއްކިޔަސް ނުދައްކާ މީހުންކޮޅެއް ވެސް ތިއްބެވެ. އެހެންވީމާ ދެން އެބައިވެސް މާފުވާނެތާއެވެ.
ނަމަމެސް އެ ސިޓީ ލިޔުން ފިޔަވައި އަމަލީގޮތުން އެއްކަމެއްވެސް ނުހިނގި އިރު, އެސްޑީއެފްސީ މެދުވެރިވެގެން ނެގި ލުއި ލޯނުތަކަށް ވެސް ދައްކަން ޖެހޭ އަދަދުން ބައިރުފިޔާއެއް ވެސް އުނިވެފައެއް ނުވެއެވެ. އެހެންވިއްޔާ އެއީ ކީއްކުރާ ސިޓީއެއް ހެއްޔެވެ.
ރޭ މުއިއްޒު ކުރެއްވި އިއުލާނާއެކު, ކުރިން ފާހަގަ ކުރިގޮތަށް ފެންބިލާއި ކަރަންޓް ބިލާއި ސްޓިކާ ފަދަ ޖޫރިމަނާ ކޮޅެއް މާފުވާގޮތަށް މާފުވާނެއެވެ. އެއީ ރިސޯޓުތަކުން ދައުލަތަށް ލިބެން ޖެހޭ އެކަމަކު ނުދައްކައިގެން މާފުކޮށްދޭ 22-23 ބިލިއަން ރުފިޔާ ކަހަލަ އަދަދެއް ނޫނެވެ.
ރޭ ކުރެއްވި އިއުލާނާއެކު މާފުކުރުމުން އަންނަ ބަދަލުތައް ކަސްޓަމަރުގެ ޕޯޓަލުން ފެންނާނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ. އަދި މިހާތަނަށް ދެއްކި ފައިސާ ލޯނުގެ ޕްރިންސިޕަލް އެމައުންޓުން އުނިކުރެވިފައި ހުންނާނެ ކަމަށާއި ޕްރިންސިޕަލް އަށް ވުރެ އިތުރަށް އެއްވެސް ފައިސާއެއް ދެއްކިފައި [އިންޓަރެސްޓް ކަލްކިއުލޭޓް ކުރާގޮތުން] ވާނަމަ އެ އަދަދެއް އަނބުރާ ރައްދު ކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މިހާތަނަށް ލޯނު ދައްކާ އެއްކޮށް ހަލާސްކުރި ފަރާތްތަކަށް ވެސް އިންޓަރެސްޓްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ދޭނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ކޮށްދިން ކަމަކީ ލޯނު ދެއްކި ތާރީހުން ފެށިގެން ދައްކަން ޖެހޭ މުއްދަތު 10 އަހަރަށް ދަންމާލުމެވެ.
މިއީ ރައީސް ސޯލިހު ނިންމަވައިގެން އަލީ ޒާހިރު ސޮއިކުރައްވާފައި އޮތް ސިޓީގައި ހުރި ކަންތައްތަކެވެ. ނަމަވެސް ތަންފީޒުވާން މި ފެށެނީ ގުދާރު ބިންދައިގެން ހޯދާ ލާރިކޮޅު ބޮޑު އިންޓަރެސްޓަށް ދައްކާ ނިމޭފަހުންނެވެ.
ރާއްޖޭގެ މާލީ އިދާރާތަކުން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓުގައި މިލިއަނުން, ބިލިއަނުން ފައިދާ ވި ކަމަށް ޖަހާއިރު އޭގެ ބޮޑުބަޔަކކީ ނަގާ ބޮޑު އިންޓަރެސްޓެވެ. ކޮވިޑް ލުއި ލޯނުގެ ގޮތުގައި ދޫކުރި ބައެއް ފެސިލިޓީ 4 ޕަސެންޓުގައި ދޫކުރި އިރު އެޗްޑީއެފްސީ ފަދަ ތަންތަންނުން ދޫކޮށްފައި ހުރި ބައެއް ފެސިޓީއަށް 12.5 ޕަސެންޓުގެ އިންޓަރެސްޓް ނަގައެވެ. އެފަދަ ބައެއް ފެސިލިޓީތަކަކީ ކޮވިޑް ފެސިލިޓީތަކަށް ނުވި ނަމަވެސް 2 މިލިއަންގެ ލޯނެއް ނަގައި 20 އަހަރަށް ބަހާލާނަމަ އިންޓަރެސްޓާއެކު 9 މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހުމުން އަހަރީ ރިޕޯޓުގައި ފެންނަން އޮންނަ ފައިދާ ބޮޑުވަނީއެވެ.
ލޯނުތަކުގެ އިންޓަރެސްޓް މާފުކުރުމަކީ ހެޔޮ ބަދަލެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ އިރު, ލޯނުތަކުގެ އިންޓަރެސްޓް ކުޑަކޮށް ހިފެހެއްޓުމަށް ސިޔާސަތުތަކަށް ބަދަލު ގެނައުމަކީވެސް މުހިންމު ކަމެކެވެ. އަދި މިހާރު އާންމު ރައްޔިތުންނަށް ނުދެއްކި ހުރި ލޯނުތައް ބަލައި ދެނެގަނެ, އެ ލޯނުތައް މާފުކޮށް ދިނުން ނުވަތަ އެ ލޯނުތަކުގެ ދެބައިކުޅަ އެއްބައި ދައްކައި ދިނުމަކީވެސް ސަރުކާރަށް ކުރެވިދާނެ ކަމެކެވެ.
ރިސޯޓް އޯނަރުން, ދިވެހިންގެ ބިންތައް ވިއްކައިގެން ލާރި ހޯދާ އެ ލާރީގައި އުދުހެން ދާ އިރު ދިވެހި ދައުލަތަށް ކޮންމެހެންވެސް ލިބެންޖެހޭ ބިމުކުލި މާފުކޮށް ދެވޭ ފެންވަރު ހުރި ދައުލަތެއްގައި ދިވެހި އައިޑީ ކާޑެއް އޮތް ދިވެހިންގެ މާލީ ބުރަ ނައްތާލަ ނުދެވޭންވީ ސަބަބެއް ނެތެއް ނޫންތޯއެވެ.