ރައްޔިތުން މަޖިލީހުގެ ގޮނޑިތައް ކުރިން ފުރުއްވާފައި ތިއްބެވި މެމްބަރުންތަކެއް އަނެއްކާވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

މަޖިލީހުގެ ގޮނޑި އަނެއްކާވެސް ކާމިޔާބު ކުރެއްވި ބޭފުޅުން:

  • މާފަންނު މެދު ދާއިރާ އަސްމާ ރަޝީދު (އަސްމާއްތަ)
  • މިލަންދޫ ދާއިރާ ހަސަން މުފީދް އަބްދުލް ގާދިރު (ހަސަނާ)
  • ބާރަށު ދާއިރާ އިބްރާހިމް ސުޖާއު (ސުޖާ)
  • އިނގުރައިދޫ ދާއިރާ އިބްރާހީމް ފަލާހް
  • ހުޅުދޫ ދާއިރާ މުހައްމަދު ޝާހިދު
  • ދިއްދޫ ދާއިރާ އަބްދުއް ލަތީފް މުހައްމަދު
  • ފޭދޫ ދެކުނު ދާއިރާ އިބްރާހީމް ދީދީ (އައިބީ)
  • ވިލިމާލެ ދާއިރާ މުހައްމަދު އިސްމާއީލް
  • ތިނަދޫ އުތުރު ދާއިރާ ސައުދުﷲ ހިލްމީ
  • ފޮނަދޫ ދާއިރާ އަބްދުއް ރަހީމް އަބްދުﷲ
  • ދިއްގަރު ދާއިރާ އަހުމަދު ނާޒިމް
  • ވިލުފުށި ދާއިރާ ރިޔާޒް ރަޝީދު

ވިލިމާލެ ދާއިރާއަށް އިންތިހާބު ވެ ވަޑައިގެންނެވި މުހައްމަދު އިސްމާއީލް 18 ވަނަ މަޖިލީހުގެ އިންތިހާބުގައި ތަމްސީލުކޮށްފައިވަނީ ހޯރަފުށީ ދާއިރާއެވެ. މީގެއިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ 18 ވަނަ މަޖިލިސް ކާމިޔާބު ކުރެއްވީ މިނިވަން ކެންޑިޑޭޓެއް ގޮތުގައެވެ. އޭގެ ކުރިން އުޅުއްވާފައިވަނީ ޑީއާރްޕީ އަދި އެޔަށް ފަހު ޖޭޕީ ގައެވެ.

މި ހުރިހާ މެމްބަރުންނަކީވެސް 18 ވަނަ މަޖިލީހުގެ މެމްބަރުންނެވެ.

މިވަގުތު ހުރިހާ ވޯޓު ފޮށީގެ ވޯޓުތައް ދަނީ އިއުލާންކުރަމުންނެވެ. އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާއިރު ކިއުތައް ބަންދުކޮށްފައި ވަނީ ހަވީރު 5:30 ގައެވެ. 5:30 ގައި ކިއުގައި ތިބި މީހުންނަށް އީސީއިން ވަނީ ވޯޓުލުމުގެ ފުރުސަތު ދީފައެވެ.

މިއަދު ހަވީރު 5:00 އާ ހަމައަށް ޖުމްލަ 207،693 މީހުން ވޯޓު ލާފައިވާކަމަށް އީސީއިން ވަނީ ބުނެފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 72.96 ޕަސެންޓު މީހުންނެވެ. 5:00 އާ ހަމައަށް ވޯޓުލައްވާފައި ވަނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުން ކަމަށް އީސީ އިން ވަނީ ބުނެފައެވެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

އަދި ވިލިމާލޭގައި ނުވަ ވޯޓު ފޮށި ބަހައްޓާފައިވާއިރު، އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި ފަސް ވޯޓު ފޮއްޓެއް ބަހަަައްޓާފައިވާއިރު، ރިސޯޓްތަކުގައި 34 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.