ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަމިއްލަ ދާއިރާ އެމްޑީޕީއަށް ގެއްލި، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ހިންނަވަރު ދާއިރާއަށް ވާދަ ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނާއި އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހްމޫދެވެ. ޖީހާން އަކީ މިހާރު ވެސް އެ ދާއިރާގެ މެންބަރެވެ.

ޖީހާން އަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅެވެ. ޖީހާންގެ ކުރީން ފަސް ދައުުރު ހިންނަވަރު ދާއިރާގެ މެންބަރު ކަން ކުރެއްވީ ރައީސް ސޯލިހެވެ. ދެވަނަ ފަހަރަށް ޖީހާނަށް ގޮނޑި ހޯއްދަވައި ދެއްވުމަށް ރައީސް ސޯލިހް ވަނީ ކެމްޕެއިން ގައި ދެ ފަހަރު މަތީން ހިންނަވަރަށް ވަޑައިގެން ވަރުގަދަ ކެމްޕެއިނެއް ހިންގަވާފައެވެ.

މިވަގުތު ހުރިހާ ވޯޓު ފޮށީގެ ވޯޓުތައް ދަނީ ގުނަމުންނެވެ. އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00ގައި ފަށާފައިވާއިރު ކިއުތައް ބަންދުކޮށްފައި ވަނީ ހަވީރު 5:30 ގައެވެ. 5:30 ގައި ކިއުގައި ތިބި މީހުންނަށް އީސީއިން ވަނީ ވޯޓުލުމުގެ ފުރުސަތު ދީފައެވެ.

މިއަދު ހަވީރު 5:00 އާ ހަމައަށް ޖުމްލަ 207،693 މީހުން ވޯޓު ލާފައިވާކަމަށް އީސީއިން ވަނީ ބުނެފައެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 72.96 ޕަސެންޓު މީހުންނެވެ. 5:00 އާ ހަމައަށް ވޯޓުލައްވާފައި ވަނީ 102،867 އަންހެނުންނާއި 104،826 ފިރިހެނުން ކަމަށް އީސީ އިން ވަނީ ބުނެފައެވެ.