ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ޖަލު ހުކުމް ތަންފީޒު ކުރައްވައި ގެކޮޅުގައި އުޅުއްވުމަށް ފަހު ބޭރަށް ނިކުމެވަޑައިގެން ބޭއްވި ފުރަތަމަ ޖަލްސާގައި، މި ސަރުކާރުން ގެނައީ ހަމައެކަނި ކޮރަޕްޝަނާއި ބަނޑުހައި ހޫނުކަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފް އުފެއްދި ފަހުން ފުރަތަމަ ފަހަރަށް އާންމު ތަނެއްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ވޭކްއަޕް" ގެ ނަމުގައި އާޓިފިޝަލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އަތޮޅު ތެރޭގެ ތަރައްގީ އެންމެ ބޮޑަށް ގުޅިފައިވަނީ މަސްވެރިކަމުގެ ދާއިރާއަށް ކަމަށްވީ ނަމަވެސް މަސް ކިލޯއެއް މިއަދު ކިރަނީ 16 ރުފިޔާއަށް ކަމަށްވާތީ މަސްވެރިންނަށް އާމްދަނީއެއް ނުލިބޭ ކަމަށެވެ.
އަދި މަސް ކިރާއި އަގާއި ޑޮލަރު ގަންނަން ލިބޭ އަގަށް ބަލާއިރު ދިވެހި ރުފިޔާގެ އަގު ގާތްގަނޑަކަށް 35 ޕަސަންޓް ޕަސެންޓް ވެއްޓިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއް ވެސް ދިވެހިން ދެކެފައިވާ ކަމަށާއި އޭރު ފެނުނީ ފިނިފެންމަލާއި އަސުރު މަލުގެ ޖާދުވީ އަސަރު ކަމަށެވެ. އެކަމަކު ބަޔަކަށް އެ މަންޒަރު ބަލަން ކެތްނުވެ އެ އަސަރު ކަނޑުވާލައި ފަނޑުނޫ ކުލަ ގެނެސްފައިވާ ކަމަށް ވިދާޅުވެ ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ޔާމީން ޅެން ބައިތަކުން ވިދާޅުވީ،
"ފަނޑުނޫކުލައިން ގެނުވައިފިއޭ ބަނޑުހައިކަމާއި ހައިހޫނުކަން،
ބަނޑުބޮޑުނުކޮށް ފައްކާވިޔޭ ވައުދާއި ކޮރަޕްޝަން ގައިގޯޅިކޮށް،"
މީގެ އިތުރުން ވެސް ޔާމީން ވަނީ މި ސަރުކާރުން ހުރިހާ ކުންފުނިތައް "ތޮށިގަނޑަކަށް" ހަދާލައިފިކަމަށް ވިދާޅުވެ ހަޖޫ ޖައްސަވާފައެވެ. އެގޮތުން ސަރުކާރުގެ ބައެއް ކުންފުނިތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ކުނި މެނޭޖްކުރާ ކުންފުނި ވެމްކޯ ފަތުރުވެރިކަމުގެ ސިނާއަތަށް ވަންނަން މަސައްކަތްކުރަމުންދާ ކަމަށާއި، މައި އެއާޕޯޓުގެ ބެލެނިވެރި ކުންފުނި އެމްއޭސީއެލުން ރަށްރަށުގައި ޖިމްތައް ހިންގަން ފަށައިފި ކަމަށެވެ. އެއާއެކު، މަގުހަދާ ކުންފުނި އާރުޑީސީއަކީ އެއްވެސް ފައިސާއެއް ނެތް "ތޮށިގަނޑެއް"ގެ ގޮތުގައި ޔާމީން ވަނީ ސިފަކުރައްވާފައެވެ.
ރިޝްވަތުގެ ފައިސާއިން މިސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުންގެ ޖީބުތައް ފަލަވެގެން ދާއިރު ރައްޔިތުންގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ދަށަށްކަމަށް ވިދާޅުވެފައި ވެއެވެ. އަދި ހަމަ އެހެންމެ ކޮރަޕްޝަނާއި ހިޔާނާތަކީ މުޖުތަމައު ހަލާކުކޮށްލާނެ އެންމެ ވަރުގަދަ ފަނި ކަމަށްވާތީ ރައްޔިތުން ހޭލުމަށްވެސް ރައީސް ޔާމީން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
ޔާމީން މިވާހަކަތައް ދެއްކެވި އިރު އެނަނިކުފާނުގެ ސަރުކާރުގައި ހިންގި ކޮޕަރްޝަނާ ގުޅިގެން އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން އޭރުގެ ނައިބު ރައީސް އަދީބަށް ވެސް ހުކުމް ކުރިއެވެ.