20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ފެށިގެން މިހާރު ކުރިއަށް ދާއިރު ވޯޓުގައި މިހާތަނަށް ބޮޑު މައްސަލައެއް ދިމާވެފައި ނުވާ ކަމަށާއި ކުރިއަށް ދަނީ އަމާންކޮށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލުމުގެ އެއްވެސް ބޮޑު މައްސަލައެއް ހިނގި ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައި ނުވާ ކަމަށާއި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވެސް ރަނގަޅު ކަމަށެވެ. އަދި އުއްމީދަކީ 5:30ގެ ނިޔަލަށް ހަމަ މިގޮތަށް ކުރިއަށް ދިއުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އީސީ އިން ބުނީ މިއަދު މެންދުރު 1:00 ގެ ނިޔަލަށް 113،627 މީހުން ވޯޓު ލާފައިވާކަމަށެވެ. އެއީ ވޯޓު ލެވޭ މީހުންގެ އާބާދީގެ 39.92 ޕަސެންޓު މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 51،976 އަންހެނުންނާއި 61،651 ފިރިހެނުންނެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 8 ޖެހިއިރުން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:30 އަށެވެ.
މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓަކު ވާދަ ކުރާއިރު ހަތް ސިޔާސީ ޕާޓީން 238 ފަރާތެއް ވާދަ ކުރެއެވެ. އެއީ 326 ފިރިހެނުންނާއި 42 އަންހެނުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓައެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ.