ފަހުވަގުތާ ހަމައަށް މަޑު ނުކޮށް ހުރިހާ ރައްޔިތުންވެސް ވޯޓު ލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް މިފަދައިން އިލްތިމާސް ކުރައްވާފައިވަނީ ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

"މިއީ އެންމެންގެވެސް ހައްގެއް އަދި ޒިންމާއެއް، ވީމާ ހުރިހާ ރައްޔިތުންވެސް ނުކުމެވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާ ކުރައްވާށޭ. ކޮންމެހެން ހަވީރަށްވަންދެން މަޑު ނުކޮށް ވީ އެންމެ އަވަހަކަށް ވޯޓު ލައްވާ" ރައީސް ވިދާޅުވިއެވެ.

އިންތިހާބުގައި ޕީއެންސީން ކިތައް ގޮނޑި ނަގާނެ ކަމަށް އުންމީދު ކުރެވޭތޯ ނޫސްވެރިއަކު ސުވާލު ކުރި ނަމަވެސް މިއީ އެ މައުޟޫއުގައި ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށް ވިދާޅުވެ އެސުވާލަށް އެމަނިކުފާނު ޖަވާބެއް ނުދެއްވިއެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 8 ޖަހާއިރު ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ރާއްޖޭގައި ކުރިއަށް ދާނީ ހަވީރު 5:30 އަށެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އީސީއިން 5:30 އަށް ވޯޓުލާ ވަގުތު އިތުރުކޮށްފައި ވާއިރު ވޯޓުލާން އިތުރު ވަގުތު ނުދޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓަކު ވާދަ ކުރާއިރު ހަތް ސިޔާސީ ޕާޓީން 238 ފަރާތެއް ވާދަ ކުރެއެވެ. އެއީ 326 ފިރިހެނުންނާއި 42 އަންހެނުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓައެވެ.

އަދި ވިލިމާލޭގައި ނުވަ ވޯޓު ފޮށި ބަހައްޓާއިރު، އަތޮޅު ތެރޭގެ ރަށްތަކުގައި 319 ވޯޓު ފޮއްޓެއް ބަހައްޓައެވެ. އަދި ޖަލުތަކުގައި ފަސް ވޯޓު ފޮއްޓެއް ބަހަަައްޓާއިރު، ރިސޯޓްތަކުގައި 34 ވޯޓު ފޮއްޓެއް ބަހައްޓައެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގައި ތިން ވޯޓު ފޮއްޓެއް ބަހައްޓައެވެ. ސިނާއި މަސައްކަތް ކުރާ އެއްވެސް ތަނެއްގައި މި އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަފައެއް ނުވެއެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ އަދަދު 284،663 އަށް އަރައެވެ.