ތިން ރަށެއްގައި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް ހެލްތް މިނިސްޓްރީން އެމްޓީސީ އާ ހަވާލުކޮށްފިއެވެ. މިއަދު އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ ރ.އަލިފުށި، ނ.މަނަދޫ އަދި މ.މުލީ ގައި ހޮސްޕިޓަލު އެޅުމަށެވެ.
މި ގޮތުން މ.މުލީ އަދި ނ.މަނަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ހަމަޖެހިފައި ވާއިރު އެމްޓީސީސީ އާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 185 މިލިއަން ރުފިޔާ އަށް ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މީގެ އިތުރުން ރ.އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 128 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
ހެލްތް މިނިސްޓްރީން ބުނީ މި 3 ރަށުގައި އާ ހޮސްޕިޓަލް ޢިމާރާތްތައް ގާއިމްކޮށް ހިދުމަތް ދޭން ފެށުމާއެކު، މިހާރު މި ރަށްރަށުގެ ހިދުމަތްދޭ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ހިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ވެގެން ދާނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހެލްތް މިނިސްޓްރީން ބުނީ މި ހޮސްޕިޓަލްތަކަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލްތަކެއް ކަމަށެވެ މީގެ އިތުރުން ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އެޅިފައިވާނެއެވެ. ހެލްތް މިނިސްޓްރީން ބުނީ މިއީ ސަރުކާރުން އަތޮޅުތަކުގައި ދެވޭ ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަޅާ ހޮސްޕިޓަލްތަކެއް ކަމަށެވެ.
މީގެ އިތުރުން ހެލްތް މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގައި ސްޕެޝަލިސްޓް ހޮސްޕިޓަލްތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން ވަނީ ކެންސަރު ބައްޔައް ފަރުވާދިނުމަށް ހާއްސަ ހޮސްޕިޓަލަކާ، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕީޓަލެއްގެ އިތުރުން ތެލަސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަށް ނިންމާފައިވެއެވެެ.
މި ސަރުކާރުން ކެންސަރު ފަރުވާއަށް ހާއްސަ ހޮސްޕިޓަލް މާލޭގައި އެޅުމަށް ނިންމާފައިވާއިރު ތެލަސީމިއާ ހޮސްޕިޓަލް އަދި އަންހެނުންނާ ކުޑަކުދިންނަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވަނީ ހުޅުމާލޭގައެވެ. މި ސަރުކާރުގެ އަމާޒަކީ މި ފަސްއަހަރު ނިމުމުގެ ކުރިން މި ހޮސްޕިޓަލްތަކުގެ މަސައްކަތް ނިންމާ ރައްޔިތުންނަށް އެ ހޮސްޕިޓަލް ތަކުން ބޭނުންވާ ހާއްސަ ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. ހަމަ މިއާއި އެކު ރަށްރަށުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް ކުރިން ލިބެމުން ނުދާ ފަރުވާތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.