ނޮޅިވަރަމް ދާއިރާއަށް ހުރި ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ސަރުކާރު ތަމްސީލު ކުރާ ކެންޑިޑޭޓު، އަހުމަދު އަޝްރަފް އަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ނޮޅިވަރަމް ދާއިރާގެ ރައްޔިތުންނަށް ރައީސް ދެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހުރިހާވެސް އިތުބާރެއް އޮތް ހަމައެކަނި ކެންޑިޑޭޓަކީ ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރާ ކެންޑިޑޭޓަށް ކަމަށެވެ.

ދާއިރާގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ކުރަން އެބަ ހުންނެވި ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ތެރެއިން ސަރުކާރަށް ބޭނުންވާނެ އެއްބާރުލުން ލިބޭނީ ހަަމައެކަނި އެ އަޝްރަފް އިންތިހާބު ކޮށްގެން ކަމަށެވެ.

"އަޅުގަނޑުގެ ފުރިހަމަ ތާއިދާއި ހުރިހާވެސް އިތުބާރެއް ހުރި ކެންޑިޑޭޓަކީ ކެންޑިޑޭޓު ނަމްބަރު ހަތަރެއް، އަޝްރަފަށް ވޯޓު ދެއްވުމަށް ދާއިރާގެ ހުރިހާ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން އެހެން އިތުރު އެއްވެސް ކެންޑިޑޭޓަކު ނުހުންނާނެ ތި ދާއިރާއަށް އަޅުގަނޑުގެ އިތުބާރު ހުރި އަދި އަޅުގަނޑު ތާއީދު ކުރާ" ރައީސް ވިދާޅުވިއެވެ.

މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާ ތަމްސީލު ކުރައްވަމުންގެންދަނީ މިހާރުވެސް އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. މޮސްޓާ ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކޮށް އަޝްރަފްގެ ކެމްޕެއިން ޓީމާއި ގުޅިވަޑައިގެންފައިވާ ކަމަށް އަޑު ފެތުރިފައިވެއެވެ. ނަމަވެސް އެ ވާހަކަތަށް ދޮގު ކުރަމުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މޮސްޓާ ވިދާޅުވީ އެބޭފުޅާގެ ކަމެއް އިއުލާން ކުރައްވާނީ އެބޭފުޅާ ކަމަށާއި އިތުރު ބޭފުޅުން އެކަން އިއުލާން ކުރައްވަން ނުޖެހޭނެ ކަމަށެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބަށް ވަގުތު ކުޑަތަންވެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި އިންތިހާބާއި ގުޅުވާ ރިޝްވަތު ދިނުމާއި ނުފޫޒުގެ ބޭނުންކުރުމާއި ވަޒީފާގެ ބިރު ދެއްކުމުގެ މައްސަލަތައް ލިބޭކަން ފާހަގަކޮށް އިލެކްޝަން ކޮމިޝަނުން ވަނީ އިންޒާރުވެސް ދީފައެވެ.

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓަކު ވާދަ ކުރާއިރު ހަތް ސިޔާސީ ޕާޓީން 238 ފަރާތެއް ވާދަ ކުރެއެވެ. އެއީ 216 ފިރިހެނުންނާއި 22 އަންހެނުންނެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 08:00 އިން ހަވީރު 05:30 އަށެވެ.