މި ސަރުކާރު ހިންގަމުންދަނީ ހާމަކަން ކުޑަކޮށް، މައުލޫމާތުތައް ސިއްރުކޮށްގެން ކަމަށާއި ދައުލަތުގެ ބަޖެޓު ހަރަދު ކުރަނީ ކިހިނެއް ކަން ނޭގޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިއްޔެ، އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ނިންމާލުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ސޯލިހް ވިދާޅުވީ މިދިޔަ ތިން ހަފްތާގައި ދައުލަތުގެ މާލިއްޔަތާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާކަމަށެވެ. އަދި ސިޔާސީ މަގާމުުތައް އިންތިހާއަށް އިތުރުވެފައިވާއިރު ތިން ހަފްތާ ކުރިން ހާމަ ކުރި މައުލޫމާތުން އެނގޭ ގޮތުގައި ހަމައެކަނި މުސާރައަށް ކުރާ ހަރަދަށް 450 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރުވެފައިވާކަމަށެވެ.

މީގެ އިތުރުން ސޯލިހް ވިދާޅުވީ ސަރުކާރުގެ މާލިއްޔަތު ބޭނުންކޮށްގެން ކެމްޕެއިން ކުރުމަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. އަދި މިކަމާއި ގުޅޭ ގޮތުން ސުވާލުކުރި ނަމަވެސް ޖަވާބެއް ނުލިބޭކަން ފާހަގަކުރައްވަމުން ސޯލިހް ވިދާޅުވީ މި ސަރުކާރުން މިވަގުތު ހުރިހާ ކަމެއް ކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ވޯޓަށް އެކަނިކަމަށެވެ.

މި ގޮތުން ސޯލިހް ވިދާޅުވީ މަޖިލީސް އިންތިހާބު ނިމުމުން ދެން ދައްކާނެ ވާހަކަވެސް އެގިވަޑައިގަންނަވާ ކަމަށެވެ. އޭރުން ސަރުކާރުން ދެން ބުނާނީ ކައުންސިލް އިންތިހާބާ، 2028ގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކޮށް ދިނުމަށް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ދައްކާ 'މަޅީ' ގައި ނުޖެހުމަށް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ސޯލިހް ވިދާޅުވީ މި ކެމްޕެއިންގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރެވިއްޖެކަމަށާއި ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ވެ ވަޑައިގެންނެވި ވައުދުތައް ނުފުއްދުމުން ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެތައް ދޮގެއް ހައްދަވައިގެން ކަމަށާ މިއަދު ވެސް ރައްޔިތުންނަށް ދޮގުތައް ހައްދަވަމުން އަންނައިރު އެކަންކަން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

އިތުރަށް ސޯލިހް ވިދާޅުވީ ރާއްޖޭގެ މިސްރާބު އޮތީ ހަމަ މަގުން ކައްސާލާފައިވާކަމަށާ އެމްޑީޕީން މިފަހަރު ނުކުމެ އޮތީ ރާއްޖެ ހަމަމަގަށް އެޅުވުމަށް ކަމަށެވެ.