ގެދޮރުވެރިޔާ ސްކީމުން ފްލެޓު ނުލިބޭ މީހުންގެ ލިސްޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ފޭކް ލިސްޓެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީއިން) ބުނެފިއެވެ.
މިއަދު އޭސީސީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުން ގެންދާ ލިސްޓަކީ އެ ކޮމިޝަނުގެ ލިސްޓެއް ނޫންކަން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެ ކޮމިޝަނުން ބަލައި އަަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އޭސީސީ އިން ބުނެފައިވެއެވެ.
އެ ކޮމިޝަނުންގެ އެއްވެސް މަސައްކަތަކަށް އެއްވެސްް މީހެއްގެ ނުވަތަ ފަރާތެއްގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އަދި ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ގާނޫނު ނަގަހައްޓައި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
[ކުރުސީ ނަމުގައި ހިންގާ އެކްސް އެކައުންޓަކުން ދައުރު ކުރަމުން ދަނީ ފޭކް ލިސްޓު ކަމަށް އޭސީސީން ބުނޭ]
ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްއާ ގުޅިގެން ގިނަ މައްސަލަތައް ފާހަގަ ވެ މިސަރުކާރުން މައްސަލަ އޭސީސީއަށް ހުށަހެޅިއެވެ. ފްލެޓް މައްސަލައިގައި އޭސީސީން ހިންގި ތަހުގީގުގެ ހޯދުންތައް ހާމަ ކުރަމުން ބުނެފައި ވަނީ ގެދޮރުވެރިންގެ ސްކީމްގެ ފްލެޓާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ވަނީ 4048 ފޯމް ބަލާފައި ކަމަށެވެ. އޭގެ ތެރޭގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭ 20.7 ޕަސެންޓް ފޯމް ހިމެނޭ އިރު، 59.6 ޕަސެންޓް ފޯމަކީ ޝަރުތު ފުރިހަމަ ނުވާ ފޯމްތަކެވެ. ހަމައެއާއެކު 4048 ފޯމްގެ ތެރެއިން 19.7 ޕަސެންޓް ފޯމަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަ ހުރި ފޯމްތައް ކަމަށް އޭސީސީން ބުނެފައި ވެއެވެ.
އޭސީސީން ބުނާ ގޮތުގައި ޝަރުތު ހަމަނުވާ ފަރާތްތައް އެ ލިސްޓުގައި ހިމްނާފައިވާ އިރު، ޝަރުތުގައި ބަޔާން ކުރާ އެންމެ ބޮޑު އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރާ މާލޭގައި 15 އަހަރު ދުވަހު ދިރިއުޅެފައިވާ ފަރާތްތަކަށް މި ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ބުނާ ބައި ފުރިހަމަ ނުވާ ފަރާތްތައް ވެސް ލިސްޓުގައި ހިމަނާފައިވެއެވެ. އެގޮތުން ލިޔެކިޔުމުން އެ ފަރާތްތަކަކީ މާލޭގައި އެ މުއްދަތުގައި ދިރިއުޅެފައިވާ ކަން ޔަގީން ކުރެވިފައި ނުވެއެވެ.
މި ތަހުގީގުގެ މައްޗަށް ބިނާކޮށް އޭސީސީން ވަނީ ދާއިމީ ލިސްޓުގައި ހިމެނޭ ފޯންތަކުގެ ތެރެއިން ޝަރުތު ހަމަވެ އެއްވެސް މައްސަލައެއް ދިމާނުވާ ފޯމްތަކުގެ ލިސްޓެއް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެ ލިސްޓަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ފްލެޓް ދޫކުރުމަށް ހާއްސަ މިނިވަން ކޮމިޓީއެއް އެކުލަވާލައި އެ ފަރާތްތަކަށް ފްލެތް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.