ލ. މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގާފައިވާ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި 18 މޭ 2025 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، ލ.މުންޑޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި އޭރު ހުރި އަލީ އާދަމް (ހިޔާވެހި / ލ.މުންޑޫ) ގެ މައްޗަށެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެެއްގައި ބުނީ، ލ.މުންޑޫ ސްކޫލުގެ ވަޒީފާއަށް ހާޒިރުނުވާ މުވައްޒަފަކު ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އާ އެއްގޮތަށް ވަޒީފާއިން ވަކިނުކޮށް، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް، މުވައްޒަފުންގެ މުސާރަ ޝީޓުގައި ހިމަނައި، ހުއްދަދިން ފަރާތެއްގެ ހައިސިއްޔަތުން އަލީ އާދަމް ސޮއިކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވާފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ގާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލައިގައި ދައުލަތަށް ޖުމުލަ 28,317.99 (އަށާވީސް ހާސް ތިންސަތޭކަ ސަތާރަ ރުފިޔާ ނުވަދިހަ ނުވަ ލާރި) ގެ ގެއްލުން ވެފައިވާކަމަށް ވެއެވެ. އަދި މި ފައިސާ އަނބުރާ ހޯދުމަށް ކޮމިޝަނުން ވަނީ ލ.މުންޑޫ ސްކޫލަށް އަންގާފައެވެ.