ނިދިފައި އޮތް އާމިނައާއި ދިމާލަށް ރޫހީ ބަލަން އޮތީ ބުޅާ މަސްގަނޑާ ދިމާލަށް ބަލާ ފަދަ ގޮތަކަށެވެ. ރޫހީގެ ދެލޮލުގެ ކަޅީގެ ކުލަވަނީ ބަދަލުވެފައެވެ. ވަޅުވަދެފައިވާ ލޮލުގެ ތެރެއިން އަޅިކުލައިގެ ކަޅި ފެންނަނީ އެހާވެސް ބިރުވެރި ގޮތަކަށެވެ. ކުރަކިވެފައިވާ ތުންފަތާއި ހޭވިފައިވާ އިސްތަށިގަނޑުންވެސް ފާޅުވަމުން ދިޔައީ ބިރުވެރިކަމެވެ. ރޫހީގެ ހަށިގަނޑަށް ބާރު ފޯރުވަމުން ދިޔަ މަޚްލޫގު ވިސްނަމުން ދިޔައީ އާމިނަމެންގެ ކިބައިން ބަދަލު ހިފުމަށެވެ. ކަޅި ޖަހާނުލާ އާމިނައަށް ބަލަމުން ދިޔައީ ވަރުގަދަ ހަސަދައެއް ފިލުވާލާށެވެ.
"އަލިބެ ނުގެންނާށޭ ބުނީމަވެސް އިމީހުން އޭނާ މިތަނަށް ގެނައީ މަ ރުޅިއަރުވާކަށްނު... ކުރިންވެސް މަ ބުނިން ދޯ އަލިބެ ގެނެއްސިއްޔާ ވާނެ ގޮތް... ރޫހީގެ ދުވަސް ދުއްވާލާނަން... މިއއީ ކަލޭމެންގެ ސުންޕާކަން ..." ހިތާހިތުން އެ މަޚްލޫގު ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސާއެވެ.
އެނދުގައި އޮވެ ރޫހީ ގުންފައި ޖަހާ އަޑަށް ސިއްސައިގެންގޮސް އާމިނައަށް ލޯ ހުޅުވާލެވުނެވެ.
އެނދުމަތީ އިށީނދެގެން އިން ރޫހީ ފެނުމުން އާމިނަ ގާތްވެލިއެވެ. އޭނާ ތެދުވީ އެއްޗެއް ބޭނުންވެގެންތޯ ބަލާށެވެ. އިސްއޮބާލައިގެން އިން ރޫހީގެ ކޮނޑުގައި ހިފަހައްޓާލަމުން އާމިނަ ވާހަކަ ދެއްކީ ލޯބިން ފުރިގެންވާ ރާގަކުންނެވެ. "ރޫހީ... ދަރިފުޅާ.. އެއްޗެއް ބޭނުންތަ؟...."
އާމިނަ ކުރި ސުވާލަށް ރޫހީގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ރޫހީގެ ގައިމަތީގައި އަޅާފައިވާ ރަޖާގަނޑު އަތުން އޮޅާލަ އޮޅާލަ އިންތަން ފެނުމުން އާމިނައަށް ރޫހީގެ މިނިވަން ވެފައިވާ ދެއަތް ފެނުނެވެ. އޭނާގެ އަތުގެ ކުޑަހުޅުގައި އައްސާފައިވާ ވާތައް ވަނީ މޮހެލާފައެވެ.
"ދަރިފުޅާ... ކާކު މިއަތް މޮހުނީ...." އެވާތަށް މޮހުނީ ކާކުތޯ ބަލަން އާމިނަ ހާސްވެހުރެ ސުވާލުކޮށްލިއެވެ. ހުޅުވާފަ ހުރި ކުޑަދޮރުން ޖެހުނު ވައިރޯޅިއާއި އެކީ ރޫހީގެ މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް ވިހުރިލިއެވެ.
"މަ މޮހުނީ... ދެން ކިއްކުރާނީ... މަ ބުނިން ދޯ ތަ ކައިރީ އަލިބެ މިތަނަށް ނުގެންނާށޭ....." ރޫހީގެ ދުލުން ބޭރުވަމުން ދިޔައީ ހަރުކަށި ބަސްތަކެކެވެ.
އެ އަޑުގައި ހުރީ ކުރިންވެސް އާމިނަމެންނަށް އިވުނު ކަހަލަ ބިރުވެރި ގޮތެކެވެ. ރޫހީގެ އަޑާއި އެކީ އެހެން ފިރިހެނެއްގެ ބަރު އަޑު އެކުލެވިފައިވާ އިރު އެ އަޑު ވަރަށްވެސް ނާމާނެވެ. އިސްއޮބައިގެން އިނދެ ލޯ އަޅާލަމުން އާމިނައާއި ދިމާލަށް ރޫހީ ބަލާލިއެވެ. ރޫހީގެ ލޯ ހުރިގޮތް ފެނި އާމިނައަށް ތެޅިގަނެވުނެވެ. ސިހިފައި ދުރަށް ޖެހެވުނީ ދުވަހަކުވެސް އެމަންޖެގެ ލޮލުގެ ކަޅި ބަދަަލުވެފައި ހުރިތަން އާމިނައަށް ފެނިފައި ނުވާތީއެވެ. ބިރުންހުރެ ފަސްފަހަތަށް ޖެހެމުން ދިޔަ އާމިނަ ފާރުގައި ލައްވެލިއެވެ. އެއީ އޭނާގެ ދަރިފުޅުކަމާއި މެދު ޝައްކު އުފެދުނެވެ.
ރޫހީގެ އަތަށް އޮޅާލާފައިވާ ރަޖާގަނޑު ހީވަނީ ވާގަނޑެއް ހެންނެވެ. އެނދު މައްޗަށް އެ ރަޖާގަނޑު ވައްޓާލުމަށްފަަހު ރޫހީ ފުންމައިގެން އެނދު މައްޗަށް ކޮޅަށް ތެދުވިއެވެ. ހީވަނީ ތަނެއް ހިސޯރުކުރަން އުޅޭހެންނެވެ. މެދު ހަށި ކުރިއަށް ލަންބާލައިގެން، ތުންފަތް އޫކޮށް، ދެލޯ ބޮޑުކޮށްގެން އާމިނައާއި ދިމާލަށް ބަލަންހުރުމަށްފަހު އަތުގައިވާ އައިވީ ހޮޅި ނައްޓާލިއެވެ. ކެނިއުލާ މެދުވެރިކޮށް ހޯސްލާފައި އަތުން ލެއި ފައިބަމުން ދިޔައެވެ. އެނދާ ދިމާލު މަތީގައި ވާ ފަންކާއަށް ރޫހީ ބަލާލިއެވެ. އަނގަ ތަންމިނަށް ހުޅުވަމުން ބިރުވެރި ގޮތަކަށް ހޭން ފެށީ ބަރު އަޑަކުންނެވެ.
އާމިނަގެ ހިތް ބާރަށް ތެޅިގަތެވެ. ރޫހީ ލައިގެން ހުރި ހެދުން ތެންމަމުން ދިޔައީ އޭނާގެ އަތުން ފައިބަމުން ދިޔަ ލެއިންނެވެ. ދުވެފައިގޮސް ކޮޓަރި ދޮރު ކައިރީގައި ހުރި ސްވިޗްތަކުން އާމިނަ ފަންކާ ނިއްވާލިއެވެ. ރޫހީގެ ހަރަކާތް ހުރިގޮތުން ކޮންމެވެސް ކަމެއް ކޮށްފާނެކަމާއި މެދު އާމިނަ ކަންބޮޑުވިއެވެ. އެހެންކަމުން ނަރުސް ކުއްޖެއް ގެނައުމަށް ކޮޓަރީގައި ހަރުކޮށްފައި ހުރި ފޯނުގެ އަތްގަނޑު ނަގާ ނަރުހުންގެ ޖަހަގައިގެ ނަންބަރަށް ގުޅޭތޯ ބެލިއެވެ. އެވަގުތު ފޯނުގެ ލައިން މަސައްކަތެއް ނުކުރިއެވެ. އާމިނަ ހަދާނެގޮތް ހުސްވި ކަހަލައެވެ.
އާމިނަގެ ނިކަމެތި ހާލު ފެނުމުން ރޫހީގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. އާމިނައާ ކުރިމަތިލައި ބޮޑު ހިނިގަނޑެއް ޖަހާލަމުން ރޫހީ ވާހަކަ ދެއްކިއެވެ. "އަދިވެސް އަހަރެން ބުނާ ކަމެއް ނުކުރާތި.... ކަލޭމެން ހީކުރަނީ ކަލޭމެންހާ ވަރުގަދަ ބަޔަކު ނުތިބޭނޭތަ؟... މިފަހަރު ރޫހީގެ ދުވަސް ދުއްވާލާނަން..."
ކޮޓަރީގައި ދިއްލާފައިވާ ހޮޅިބުރީގެ އަލިކަނި ކެނޑިކެނޑިފައި ނިވި ދިއްލެން ފެށުމުން އާމިނަ އިތުރަށް ބިރުގަތެވެ.
"ނޫން... އާދޭސްކޮށްފާ މި ބުނީ... ތިހެން ނުހަދާ... ރޫހީ ދޫކޮށްލާ... އެ ކުއްޖާ ފަކީރު ކަލެއަށް ކުރީ ކޮން އުންދަގުލެއްތަ؟..." އާމިނައަށް މަޑަކުން ނުހުރެވުނެވެ. އެ މަޚްލޫގު ގާތު ކުރަން ބޭނުންވެފައިވާ ޝަކުވާތައް ބަންޑުން ކޮށްްލިއެވެ.
ރޫހީ އެނާގެ ދެއަތުން އިސްތަށިގަނޑުގައި ހިފާ ދަމަންފެށިއެވެ. ބޮނޑި ބޮނޑިއަށް އިސްތަށިތައް ބޮލުން ވަކިވެގެން އައެވެ. އެނދުމަތީގައި އޮތް ރަޖާގަނޑު ނަގާ އޭނާގެ ކަރުވަށާ އޮޅަން ފެށިއެވެ. ބަލާކަށް ނުހުރެ އާމިނަ އެކޮޓަރިން ނުކުމެގެން ނަރުސް ކުދިންގެ ޖަގަހައާ ދިމާލަށް ދުއްވައިގަތީ މީހެއްގެ އެހީ ހޯދާށެވެ. އާމިނަ އެކޮޓަރިން ނުކުތުމާއި އެކީ ބަންލާފައި ދޮރުފަތް ލެއްޕުނެވެ.
*** *** *** *** *** ***
ކޮޓަރީގެ ދޮރު ހުޅުވުމާއި އެކީ މަންޝާ އިސްއުފުލާ ބަލާލި އިރު ކޮތަޅުތަކެއް ހިފައިގެން ނަވާފް އައިސް ކޮޓަރިއަށް ވަނީއެވެ. އެނދުގައި ނިދިފައި އޮތް ކުޑަމީހާއާއި ޒުހާއަށް ބަލާލި އިރު ނަވާފްގެ މޫނު މައްޗަށް އުފާވެރިކަން ލިބިގެން ދިޔައެވެ. ނަވާފް އެ އައީ ގެއަށް ގޮސް ފެންވަރާ، ތާޒާ ވެލައިގެންނެވެ. ރޭގައި އެ ދެމައިން ނުނިދާ އުޅެން ޖެހުމުން ނަވާފް ހުރީ އިންތިހާއަށް ދެރަވެފައެވެ.
ސޯފާއިން ތެދުވެ ވައި އަޑުން މަންޝާ ވާހަކަ ދެއްކީ ޒުހާއަށް އުނދަގޫ ވެދާނެތީއެވެ. "އަހަރެން ދެން ގޮސްލަނީ... ރިޕޯޓްވެސް ނަގަން ޖެހޭ.... މާދަމާ އަންނާނަން... ޑިސްޗާޖް ކުރަންޏާ ލެޓް މީނޯ އިނގޭ...." މަންޝާ ދެއްކި ވާހަކަތަކަށް ނަވާފް ބޯ ޖަހާލިއެވެ. އަދި މަންޝާ ކޮޓަރިން ނުކުތުމުން، ނަވާފް ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލަމުން އެތެރެއިން ތަޅުލިއެވެ.
އަނގަޔަށް ޗޮކްލެޓެއް ލައިގެން ފޯނުގެ ސްކްރީނަށް ބަލަމުން ނަރުސް ކުދިން ތިބޭ ޖަގަހައާ ދިމާލަށް މަންޝާ ހިނގައިގަތީ ލިފްޓު ހުރި ދިމާލަށް ދިޔުމަށެވެ. ފޯނާ ކުޅެމުން ވަކި ހިސާބަކަށް ގޮސް މަންޝާ ފިޔަވަޅު މަޑުކޮށްލިއެވެ. ޒުހާގެ ބޭބީއާއި އެކީ ނެގި ސެލްފީ އެޑިޓް ކޮށްލުމަށްފަހު އިންސްޓަގްރާމަށް އަޕްލޯޑްކޮށްލީ 'މައި އޭންޖަލް' އޭ ޖަހާލަމުންނެވެ. އެ ފޮޓޯ އަޕްލޯޑް ކޮށްލި އިރު މަންޝާއަށް ހުރެވުނީ އުފަލުން ދަތްޕިލަ އަތަށް ލައިގެންނެވެ.
ކުއްލިއަކަށް އަރިމަތީ ހުރި ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ފިނި ވައި ރޯޅިއެއް މަންޝާގެ ހަށިގަނޑުގައި ބީހިލިއެވެ. މަންޝާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކަނދުރާމަތީ ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ދެކޮނޑު އަރުވާލަމުން މަންޝާގެ ކަދުރާގައި އަތުން ފިރުމާލަމުން ބޮލުގެ އިސްތަށިގަނޑު އެއް ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓާލިއެވެ.
މަންޝާ ކުރިއަށް ހިނގައިގަތީ އަވަހަށް ރިޕޯޓް ބަލާ ދިޔުމަށެވެ. އޭރު މަންޝާގެ ކުރިމަތިން ކަޅުކުލައިގެ ކޯޓެއް ލައިގެން ދާ ޒުވާނެއް ފެނުނެވެ. އޭނާ ލައިގެން ހުރި ކޯޓުގެ ހުޑުން އޭނާގެ ބޯމަތި ނިވާ ކޮށްފައި ވުމުން އެއީ ކާކުކަން ދެނެގަންނަން ވަރަށް އުނދަގުލެވެ. ކޯޓުގެ ދެފަރާތުގެ ދެޖީބަށް އަތް ޖަހައިގެންހުރެ ނަރުސްކުދިންގެ ޖަގަހައާ ދިމާލުން އެމިހާ ލަނބާލީ އިސްޖަހައިގެން ހުރެއެވެ. އެއީ ދިވެއްސެއް ކަމާމެދު މަންޝާގެ ހިތުގައި ޝައްކެއް އުފެދުނީ އޭނާގެ ދިގު އިސްކޮޅާއި ލާފައިވާ ހެދުމުގެ ސަބަބުންނެވެ.
ނަރުސްކުދިންގެ ޖަގަހައާއި އަރާ ހަމަވިއިރު ކުރިންވެސް މަންޝާއަށް ފެނުނު އަންހެން މީހާ ފެނުނެވެ. އޭނާ ހުރީ އެ ޖަގަަހައިގައި ތިބި ނަރުސް ކުދިންނާ ވާހަކަ ދައްކާށެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އަބުއިކަމެވެ. ކައުންޓަރު ތެރޭގައި ތިބި ހުރިހާ ނަރުސް ކުދިން އެކުއެކީގައި ކޮޓަރިތަކާއި ދިމާލަށް ދިޔައީ ކަމެއް ގޯސްވެގެން ދާ ފަދައަކުންނެވެ. އެއްބަޔަކު ދުއްވައިގެން އިރު އަނެއް ބަޔަކު ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައި ހިނގާފައެވެ.
އެ މަންޒަރަށް ބަލަމުން ކުރިޔަށްގޮސް ލިފްޓުގެ ސްވިޗަށް ފިތާލައިގެން ލިފްޓްގެ އިންތިޒާރުގައި މަންޝާ މަޑުކޮށްގެން ހުރީއެވެ. މަންޝާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެންމެ ސުވާލެކެވެ. "އަނެއްކާ ކިހިނެއް ވެގެންބާ އެ އުޅެނީ؟"
ލިފްޓުގެ ދޮރު ހުޅުވުމާއެކީ މަންޝާއަށް އޭގެތެރޭގައި ތިބި ޒުވާނުންނަށް ވަކިވަކިން ބަލާލެވުނެވެ. އެ އެންމެންގެ ތެރޭގައި ހުރި ބިޔަ ފިރިހެން މީހާ، މަންޝާއާއި ދިމާލަށް ކަޅި ޖަހާނުލާ ބަލަން ހުއްޓެވެ. އެމީހާގެ ބެލުމަށް ފަރުވާލެއް ނުބަހައްޓާ މަންޝާ ލިފްޓަށް އަރަން ހިނގައިގަތެވެ. އެންމެ ފަހުން ލިފްޓުން ފައިބަން ހުރީ ވަރަށް މުސްކުޅި މީހެކެވެ. އެމީހާ ނުކުންނަން ފެށުމުން މަންޝާ ލިފްޓުގެ ދޮރުފަތް ދޭތެރެއަށް އަތް ލައްވާލަމުން ދޮރުފަތް ލެއްޕުނަ ނުދީ ހިފަހައްޓާލިއެވެ. މަންޝާ ހިނިތުން ވެލިއެވެ. ނަމަވެސް އެ މުސްކުޅި މީހާ ނިކުތް އިރު ޝުކުރު އަދާ ނުކުރިތާނގައި ރައްދުގައި ހީވެސް ނުލައެވެ. އަނގަ ޗޭ ކޮށްލާ ދެކޮނޑު އަރުވާލަމުން މަންޝާ ލިފްޓަށް އެރިއެވެ. އަދި ތިރިއަށް ދާން 'ޖީ' އަކުރަށް ފިތާލިއެވެ.
ދޮރުފަތް ލެއްޕިލެއްޕި ހުއްޓާ މީހަކު ލިފްޓަށް އަރަން ދިމާކުރިއެވެ. ލެއްޕިލެއްޕި ހުރި ލިފްޓުގެ ދޮރު ދޭތެރެއަށް އޭނާ އަތްލާން އުޅުނުތަން ފެނިގެން ލިފްޓުގައިވާ ސްވިޗަކަށް ފިތާލަމުން މަންޝާ އެ ދޮރު ހުޅުވާލަދިނެވެ. އެ ޒުވާނާ ލިފްޓަށް އެރުމަށްފަހު ބޯމަތީގައިވާ ހުޑް ނަގާ ބޮލުގެ ދިގު ފަން އިސްތަށިގަނޑު ތަޅުވާލިއެވެ. އަދި އަތުން އެ ފަން އިސްތަށިގަނޑު އޮމާން ކޮށްލަމުން މަންޝާއާއި ދިމާލަށް އެ ޒުވާނާ ބަލާލީ ވަރަށް ވަގު ގޮތަކަށެވެ. އޭނާގެ މޫނުމަތިން އެއްވެސް ކަހަލަ އިހްސާސެއް ފާޅު ނުވާކަހަލައެވެ. އެއީ ހަމުގެ ކުލަ ދޮން ވަރަށް ރީތި މީހެކެވެ. ކޮނޑާހަމައަށް އަންނަ ފަން ދިގު އިސްތަށިތަކުގެ ކޮޅުގައިވަނީ ރަތްކުލަ ޖައްސާފައެވެ. ލޮލުގެ ކަޅި ހުރީ މުށި ކުލައަކަށެވެ.
"ޔަގީން މީ ބޭރު މީހެއް... ހާދަ ރީއްޗޭ ދޯ.." އެ ޒުވާނާއާއި ދިމާލަށް މަންޝާ ބަލަންހުރީ އޭނާގެ ރީތިކަމުންނެވެ. ފިލްމުތަކުން ފެންނަކަހަލަ ފުރިހަމަ ކަމެއް ލިބިފައި ހުރި މި ޒުވާނާ ފެނުމުން މަންޝާގެ ހިތް ބާރަށް ތެޅެން ފެށިއެވެ.
*** *** *** *** *** ***
އެންމެންނަށް ވުރެ ކުރިން ނަރުހުންގެ ތެރޭގައި އިސްކޮށް އުޅޭ ނަރުސް ކުއްޖާ ރޫހީ އެނދުމަތިކޮށްފައިވާ ކޮޓަރިއާ ހަމަޔަށް ދިޔައެވެ. ކައުންޓަރު ދޮށުން ހިނގައިގަތް އާމިނައަށް ފަހަތުން މީހަކު ގޮވާލިއެވެ. އާމިނަ ފަސް އެނބުރި ބަލާލިއިރު ލިފްޓުން ފައިބެގެން ޟިރާރުއާއި ރިޔާޒާއި އެކު އަލިބެވެސް އާމިނަަގެ ފަހަތުގައި ހުއްޓެވެ.
"ކިހިނެއްވީ؟.. އާމިނާ ކީއްވެ މިތަނަށް އައިސް ތީނީ؟..." ޟިރާރު ކުރަމުން ދިޔަ ސުުވާލަށް އާމިނައަށް ޖަވާބު ދެވޭ ގޮތެއް ނުވިއެވެ.
"ރޫހީ.... މަގޭ ކޮއްޔާ..." ރަނގަޅަށްވެސް އާމިނައަށް ރޮވިއްޖެއެވެ. މީހާ ބިރުންގޮސް ތުރުތުރު އަޅަނީއެވެ. ޟިރާރު އައިސް އާމިނަ ހަށިގަނޑުގައި ހިފާ ތަޅުވާލިއެވެ. ރޫހީ އޮތް ކޮޓަރިއާ ދިމާލަށް އިނގިލި ދިއްކުރަމުން އާމިނަ އިޝާރާތްކޮށްލިއެވެ. އާމިނަމެން ގާތަށް އައިސް ވަށައިގެން އެ މާހައުލަށް އަލިބެ ބަލަމުން ދިޔައީ ނުބައި އިހްސާސެއް އޭނާއަށް ކުރަމުން ދާތީއެވެ. ރޫހާނީ އެފަދަ އެއްޗެހި އުޅޭ ކަމުގެ އިހްސާސް އަލިބެއަށް ކުރާތީ އޭނާ މަޑުމަޑުން ކިޔަވަން ފެއްޓިއެވެ.
އާމިނަ އިޝާރާތްކުރި ކޮޓަރިއާއި ދިމާލަށް ރިޔާޒް ދުއްވައިގަތެވެ. އޭރު ނަރުސް ކުދިންތައް ރޫހީ އޮތް ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިގެން ތިއްބެވެ. އެ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ. ރިޔާޒް އެދިމާލަށް އަންނަތަން ފެނުމުން ނަރުސްކުދިން އޭނާ އެތެރެއަށް ވަނަނުދީ ހުއްޓުވިއެވެ. ނަމަވެސް ރިޔާޒް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
"ބައްލަވާ... އެއީ އަޅުގަނޑުގެ ކޮއްކޮއޭ... އަޅުގަނޑު ތި ހުއްޓުވަނީ ކިހިނެއްވެގެންތޯ؟...." ރުޅި މައިތިރި ކުރަމުން ނަރުސް ކުއްޖަކާ ރިޔާޒް ސުވާލުކުރީ ވެގެން އުޅޭގޮތް ޚުދު އޭނާއަށްވެސް ނޭނގޭތީއެވެ.
އާމިނައާއި އެކީ ޟިރާރުއާއި އަލިބެއަށް އެހިސާބަށް އާދެވުނު އިރު ނަރުސް ކުދިން ރިޔާޒް ކުރިއަށް ދިޔަ ނުދީ ހިފަހައްޓާތީ އެ މީހުން ވެސް ތިބީ ހިސާބަކަށް ހައިރާންވެފައެވެ. ނަރުސް ކުއްޖާ ގާތު ޟިރާރު ސުވާލުކޮށްލަމުން މިއީ ރޫހީގެ ބައްޕަ ކަމަށް ބުންޏެވެ. ވެގެން އުޅޭގޮތް ކިޔައި ދިނުމަށް ނަރުސްކުދިންގެ ތެރެއިން އިސްކޮށް ހުރި ނަރުސް ޟިރާރުއާއި އެކީ ދުރަށް ޖެހިލިއެވެ.
"މިވަގުތަކީ ތި އާއިލާ ވަަރަށް ބޮޑަށް ކެތްތެރިވާންޖެހޭ ވަގުތެއް.... އަޅުގަނޑުމެން މިކޮޓަރިއަށް އައީ ރޫހީގެ މަންމަ ރޫހީ ޖައްސަމުން ދިޔަ ވައްތަރުތަކުގެ ވާހަކަ ދެއްކުމުން.... ނަމަވެސް އަޅުގަނޑުމެންނަށް އާދެވުނު އިރު މާލަސްވެއްޖެ... ރޫހީ މި ދުނިޔެ ދޫކޮށް ހިނގައްޖެ.... ހިތްވަރު ކުރާތި.... މިހާރު ފުލުހުންގެ ޓީމަކާއި ހޮސްޕިޓަލުގެ ޓީމެއް މައްޗަށް އެބަ ދުރުވޭ... އަޅުގަނޑުމެންނަށް އިތުރު މަޢުލޫމާތެއް ދެވޭނީ އެބޭފުޅުން މިކޮޅަށް ދުރުވުމުން.... އިހަށް ވެއިޓިން އޭރިއާގައި މަޑުކޮށްލަ ދެއްވާ!..."
ނަރުސް ކުއްޖާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހިމޭނުން ޟިރާރު ހުރިކަމުގައި ވީނަމަވެސް އެޚަަބަރުން ޟިރާރަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބުނެވެ. ހުއްޓުމެއްނެތި ޟިރާރުގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ދެ ލޯ ފޮހެލުމަށްފަހު ދުރުގައި ހުރި އާމިނައާއި ދިމާލަށް ޟިރާރު ބަލާލީ ކަރު އެލުވާލައިގެން ހުރެއެވެ. ހަތަރު އުދަަރެސް ފެނުޖެހިފައިވާ ފަދައެވެ. ރޫހީ ސަލަމަތްކުރަން ހިތްވަރާއެކީ ފެއްޓި މަސައްކަަތް ފަނުފުލުން ދިޔައީއެވެ. ޟިރާރުގެ ހަރަކާތުން އާމިނައަށްވެސް ކަމެއް ގޯސްވެއްޖެކަން ކަށަވަރުވިއެވެ.
މަޑު ހިނގުމެއްގައި ރިޔާޒްމެން ގާތަށް ޟިރާރު އައިސް ހުއްޓުމަށްފަހު ވެއިޓިންގް ރޫމުގައި މަޑުކުރަން ދާން ބުނެލި އިރު އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔަތަން ފެނުނެވެ. ދުވަހަކުވެސް ބައްޕަ މިގޮތަށް ރޯން ހުއްޓައެއް ރިޔާޒް ނުދެކެއެވެ. ބައްޕައަށް ވަމުން ދިޔަ ގޮތް ފެނި ރިޔާޒްގެ ހިތަށްވެސް ވަރަށް ފުން އަސަރުތަ ކުރިއެވެ. އެހެންކަމުން ވެއިޓިންގް ރޫމަށް ދާން ހިނގައިގަތް އެންމެންގެ ތެރޭގައި ހުރި ރިޔާޒް އެނބުރި ނަރުސް ކުދިންނާ ދިމާލަށް ދާން ފިޔަވަޅު އަޅާލިއެވެ. އެ ފިޔަވަޅަށް ހުއްޓުމެއް އައީ ރިޔާޒްގެ އަތުގައި ޟިރާރު ހިފެހެއްޓުމުންނެވެ.
*** *** *** *** *** ***
ލިފްޓުގެ ދޮރުފަތް ލެއްޕުމާއި އެކީ ލިފްޓް ދާންފެށީ މައްޗަށެވެ. އެހެންކަމުން މަންޝާ ލިފްޓުގެ އެއް ފަރާތުގައި ލެގިލައިގެން މަޑުން ހުރީއެވެ. ހަތަރުވަނަ ބުރިއަށް ގޮސް ލިފްްޓުގެ ދޮރުފަތް ހުޅުވުނެވެ. އެހިސާބުން މީހަކު ފެންނާކަށް ނެތެވެ. އަނެއްކާވެސް ދޮރު ލެއްޕުމަށްފަހު ލިފްޓު މައްޗަށް ދާން ފެށިއެވެ. އިރުއިރުކޮޅާ ލިފްޓު ތެރޭގައި ހުރި ޒުވާނާއާ ދިމާލަށް މަންޝާއަށް ބަލާލެވުނެވެ.
އެހެން ހުއްޓާ އަނެއްކާވެސް ލިފްޓްގެ ދޮރު ހުޅުވިއްޖެއެވެ. މިފަހަރުވެސް މީހަކު ފެންނަން ނެތުމުން މަންޝާއަށް ހައިރާންކަމެއް ލިބުނެވެ. ނަމަވެސް ހިތަށް ދެން އައި ޚިޔާލުން އެހެންވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ނިންމިއެވެ. އެއީ ހޮޮސްޕިޓަލުގައި އެލިފްޓާ ޖެހިގެން އިތުރު ލިފްޓެއް ހުންނާތީއެވެ. ކުރިން އަނެއް ލިފްޓު އައިސް އެއަށް މީހުން އަރައިފިނަމަ މި ލިފްޓަށް ދެވޭއިރު މީހުން ނެތިދާނެ ކަމެވެ. މިފަހަރު ލިފްޓު ދޮރު ލެއްޕުމާއި އެކީ ތިރިއަށް ދާން ފެށިއެވެ. އަވަހަށް އެ ލިފްޓުން ފައިބަން ބޭނުންވެފައި ހުރި މަންޝާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
ކުއްލިއަކަށް ލިފްޓުތެރޭގައިވާ ބޮކި ނިވިދިއްލެން ފެށިއެވެ. ސިއްސައިގެން ގޮސް މަންޝާއަށް ކައިރީގައި ހުރި ޒުވާނާގެ އަތުގައި ހިފާލެވުނެވެ. ދެވަނަ ފަހަރަށް ބޮކީގެ އަލި ނިވި ދިއްލެން ފެށުމުން، ބިރުންހުރި މަންޝާއަށް ހަޅޭއްލަވައި ގަނެވުނެވެ. ލިފްޓު ތެޅިލިހެންވެސް ހީވިއެވެ. ދެލޯ ހުޅުވާލެވުނު އިރު ލިފްޓްގެ ދޮރުވަނީ ހުޅުވިފައެވެ. ދުވެފައި މަންޝާ އެބަޔަށް ފޭބިއެވެ. ދެފަރާތުން ދެވެން ހުރި މަގުން ވާތް ފަރާތުން އެތެރެއަށް ވަނުމަށް ލިފްޓުން ފޭބި ޒުވާނާ މިސްރާބުޖެހިއިރު މަންޝާއާ ދިމާލަށް އޭނާ ބަލާވެސް ނުލައެވެ.
ރިޕޯޓްބަލާ ދިޔުމަށް ސްލިޕްކޮޅު ނަގަން މަންޝާގެ އަތްދަބަސް ހާވާލަމުން އަތުގައި އޮތް ފޯނު ދަބަސްތެރެއަށް ލިއެވެ. ކުއްލިއަކަށް މަންޝާގެ ސަމާލުކަން ދަމައިގަތީ އެވަގުތު އިވެންފެށި އާދަޔާ ޚިލާފް އަޑެކެވެ. ދަބަހުން ނަޒަރު ދުރުކޮށްލަމުން އެ އަޑު އަންނަ ދިމާލަށް މަންޝާ ބަލާލަން ބޯ އުފުލާލިއެވެ.
ބާވެފައި ހުންނަ ދުއްވާ އެއްޗެތީގެ ފުރޮޅު އެނބުރޭ އިރު ގޮވާ ފާޑުގެ ތޫލި އަޑެއް އިވެމުން ދާތީއެވެ. ދަތް ހީލިކަރުވާތީ މަންޝާއަށް ދެބުމަ ގޮށްޖަހާލަމުން ދަތްކުނޑި ވިކާލެވުނެވެ. އެ ހަމަހިމޭން މާހައުލުން އިވެމުން ދިޔަ އަޑަށް ސަމާލުކަން ދެމުން އެ ޒުވާނާ ދިޔަ ފަރާތަށް މަންޝާ ފިޔަވަޅެއް އަޅާލަމުން ބޯ އަރިކޮށް ބަލާލެވުނެވެ.
ޓްރޮލީއެއް ފާޑު އެއްޗެއްގައި ސާމާނުތަކެއް ހިފައިގެން އަންނަ މީހެއް ފެނުނެވެ. އެ ސާމާނުތައް ނުފެންނާނެހެން މަތީގައި ވަނީ ހުދު ފޮތިގަނޑެއް އަޅާފައެވެ. އެ ޓްރޮލީ ދުއްވަން ހުރި މީހާގެ މޫނަށް މަންޝާ ބަލާލީ ޖެހިލުންވެ ހުރެއެވެ. ހިތް ނުތަނަސްވެ ބިރުގަންނަ ގޮތްވީ އެމީހާގެ ސޫރަ މަންޝާއަށް ސާފުކޮށް ފެންނަ ހިސާބަށް އައުމުންނެވެ.
އޭނާގެ މޫނުމަތީގެ އެއްފަޅިވަނީ ފިހިފައެވެ. ދެލޯމަތީގައިވެސް އައިބުގޮތެއް ހުއްޓެވެ. ބޮލުގައި އެއްވެސް އިސްތައްޓެއް ނެތެވެ. ބުމަ އަދި އެސްފިޔައެއްވެސް ނެތެވެ. ގައިގެ ހަންގަނޑު ހީވަނީ ހިކިގެން ތޮށަލި ލާފައި ހުރިހެންނެވެ. އެމީހާގެ ނަޒަރު ހުއްޓިފައި ހުރީ މަންޝާއާ ދިމާލަށެވެ. ފަހަތަށް ޖެހެމުން ގޮސް ފާރުގައި މަންޝާ ލަށްވެލިއެވެ. ކުރިމަތިން އެމީހާ ހުރަސްކޮށްފައި ދިޔައިރު ކޮންމެވެސް މީހަކު ވައިއަޑުން މަންޝާގެ ކަންފަތް ދޮށުގައި ގޮވާލި އަޑު އިވުނެވެ.
"މަންޝާ....."
(ނުނިމޭ)