ހއ. ތުރާކުނާ ޖެހިގެން އޮންނަ ވަނގާރަކީ ތުރާކުނު ބައެއްގެ ގޮތުގައި އަދި އއ. އުކުޅަހުގެ ބައެއްގެ ގޮތުގައި ގަލަގިލި ފަޅު ކަނޑައަޅައިފިއެވެ.

މިއަދު ރައީސް އޮފީހުން ނެރުނު ގަރާރުގައިވަނީ ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ.

2016 ވަނަ އަހަރު ވަނގާރުގައި ރިސޯޓު ތަރައްގީކުރުމަށް 2.8 މިލިއަން ޑޮލަރަށް ކުއްޔަށް ދޭން ނިންމާފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ތުރާކުނުގެ ރައްޔިތުންގެ އެދުމާ އެއް ގޮތަށް އެ ރަށް ފަތުރުވެރިކަމަށް ދޫނުކުރަން ނިންމާ، އެ ރަށް ތުރާކުނުގެ އިހްތިސާސުގެ ތެރޭގައި ހިމެނުމަށް ނިންމާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއި ކުރައްވައި ނެރުއްވި ގަރާރުގައިވާ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން ގަލަގިލި އަކީ އުކުޅަހު ބައެއްގެ ގޮތުގައި ކަނޑައަޅުމަށްވެސް މިއަދު ވަނީ ނިންމާފައެވެ. މީގެ އިތުރުން އިއްޔެ ރައީސް ވަނީ އދ. މަހިބަދޫގެ ބައެއްގެ ގޮތުގައި އެއަތޮޅު މާފަރުފަޅު ކަނޑައަޅާފައެވެ.

މީގެ އިތުރުން ރައީސް އޮފީހުން ވަނީ ނ. މާފަރުގެ ބައެއްގެ ގޮތުގައި އެ އަތޮޅު "ފަރުމުލި" އާއި "ކަންޑިންމަހުރާ" ހަމަޖައްސާ އެކަމާ ގުޅޭ ގަރާރެއްވެސް ނެރެފައެވެ.