އެމްޑީޕީގެ ކެމްޕެއިން ނިންމާ ޕެރޭޑު ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޕީޑީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަޖިލިސް އިންތިހާބަށް އެމްޑީޕީ އިން ފަށްޓާފައިވާ "މިސްރާބު ހަމަމަގަށް" ކެމްޕެއިން ނިންމާ ޕެރޭޑު 19 އޭޕްރީލް ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޑީޕީ އިން ބުނީ މި ޕެރޭޑު ފެށުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރު ސަރަހައްދުން ކަމަށާއި ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާކަމަށެވެ.

މި ކެމްޕެއިން ހަރަކާތުގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ، އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު ޖީހާން މަހުމޫދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހާ މެދު އުންމީދު އެބައޮތް ކަމަށާއި އަދި އެ އިންތިހާބުގައި އެމްޑީޕީ އިން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވާނެ ކަމަށެވެ.

މި ކެމްޕެއިން ހަރަކާތްތަކުގައި ރައީސް ސޯލިހު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރައްވާ ވިދާޅުވީ ވެރިކަމަށް އައުމުގެ ކުރިން ވެސް އަދި ވެރިކަން ލިބުމަށް ފަހު ވެސް، މި ސަރުކާރުން ކުރަމުންދާ ކަމަކީ ރައްޔިތުންނަށް ދޮގުހެދުމާ ހުސް ވައުދުތަކެއްވުން ކަމުގައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރާއިރު ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރެއެވެ.