ދިވެހި ރާއްޖޭގައި ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަަ ސަބަބު ދެނެގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާއްސަ ދިރާސާއެއް ކުރުމަށް ނިންމާ، އެ ދިރާސާ އާއި ގުޅޭ މަސައްކަތް ފަށައިފިއެވެ.

އޭސީސީ އިން މިއަދު ބުނީ އެ ދިރާސާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ގޮތުގެ ތަފްސީލު ދިރާސާކުރުމުގެ ފަންނީ މިންގަނޑުތަކަށް ރިއާޔަތްކުރެވި ދިރާސާ ބުރަދަންދެވޭ ހޯދުންތަކުގެ އަލީގައި އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން ކަމަށެވެ. އަދި މިއީ ކޮރަޕްޝަން ހިންގާ ފަރާތްތަކުން އެ ކުށްތަކަށް އަރައިގަންނަން ވިސްނާ ސަބަބުތަކާ، އަރައިގަންނަ ގޮތްތަކާ، އަރައިގަންނަން ދައުލަތުގެ މަގާމާއި ނުފޫޒާއި ބާރު ބޭނުންކުރާ ގޮތާ، އެކަމުގައި އެހެނިހެން މުވައްޒަގުންނަށް ބައިވެރިކުރާ ގޮތާ، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރާއި ހަރަދު ބަރަދު ބަލައްޓާ ގޮތް ފަދަ ކްރިމިނަލް މައިންޑްސެޓް އާއި އެފަދަ އެހެނިހެން ކަންކަން ތަފްސީލުކޮށް ދިރާސާ ކުރެވޭ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އޭސީސީ އިން ބުނީ މި ދިރާސާގެ އަލީގައި ކުށްކުރާ ފަރާތްތަކުގެ ސުލޫކާ ގުޅުންހުރި ކަންކަމާ،، ދިވެހި މުޖްތަމައުގައި ކޮރަޕްޝަންގެ ކުށާގުޅޭ ސުލޫކީ ނިންމުންތައް ނިންމާ ގޮތާ، ކޮރަޕްޝަންގެ ކުށަށް އަރައިގަތުމާ ގުޅުން ހުންނަ ހެވާއިނުބައި ވަކިކުރުމުގެ ވިސްނުން ގެންގުޅޭ ގޮތް ދެނެގަނެވޭނެކަމަށެވެ. އަދި އޭގެ އިތުރުން ތަކުރާރުކޮށް ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި ޖުމްލަކޮށް ކޮރަޕްޝަނުގެ ކުށްކުރާ ފަރާތްތަކުގެ ފުދުންތެރިކަމާ ތައުލީމާއި އެހެނިހެން ކުށްތަކާ ގުޅުން ހުންނަ މިންވަރު ވެސް ދިރާސާގެ ތެރެއިން ދެނެގަނެވޭނެކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.

މީގެ ކުރިން އޭސީސީ އިން ކުރިއަށް ގެންދިޔަ، ކޮރަޕްޝަނާމެދު އާމުން ދެކޭ ގޮތާ، ހޭލުންތެރިކަން އޮތް މިންވަރުގެ ދިރާސާ ހޯދުންތަކާ މި ދިރާސާ ހޯދުންތައް އެއްކޮށްލައިގެން ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާނެ ފަންނީ މިންގަނޑުތަކުގެ ބާރުދެވޭ އޮނިގަނޑެއް ގާއިމްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް އޭސީސީ އިން ބުނީ މި ދިރާސާގެ ހޯދުންތަކުން ނަޒާހަތްތެރިކަން ކުރިއެރުވުމަށް ރާއްޖޭގައި ސްކޫލްތަކުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ތައުލީމުގެ ތެރެއިން ނަޒާހަތްތެރިކަން ކުދީންގެ ކިބައިގައި އަށަގެންނެވުމަށް އަމަލުކުރަންޖެހޭ ގޮތްތަކާއި ވަޒީފާތަކުގެ ކޮރަޕްޝަން ހުއްޓުވުމަށް ވިސްނުން ގެންގުޅެންޖެހޭ ގޮތްތައް ދެނެގަނެ އެކަންކަން ތަންފީޒުކުރުމަށް ގާނުނުތަކާ ގަވައިދުތަކާ އުސޫލުތައް އެކުލައިލާންޖެހޭ ގޮތްތައް ކަނޑައެޅޭނެކަމަށެވެ.