އައްޑޫ ސިޓީގެ ނަން ބުނުމުން އެ ސިޓީ ދެކެފައި ނުވާ ކޮންމެ މީހަކަށްވެސް އެ ސިޓީ ސިފަވަނީ ބޭރު ގައުމެއް ފަދަ ގޮތަކަށެވެ. އަހަރެންގެ އަމިއްލަ ތަޖުރިބާއަކީވެސް އެއީއެވެ. އެެހެންނަމަވެސް އައްޑޫއަށް ދެވުމުން ސަރުކާރުތަކުން ވެފައިވާ އިހުމާލު ވަރަށް ރަނގަޅަށް ހާމަވެއެވެ. ބޮޑު އާބަދީއެއްގެ އެ ސިޓީ އޮތީ ތަރައްގީގެ ސަފުގައި ވަރަށް ވެސް ފަހަތުގައެވެ.
ހާއްސަކޮށް އެއްފަސް ކުރެވިފައިވާ އެ ސިޓީގެ މީދޫ އާއި ހުޅުދޫގެ ހާލަތު އޮތީ ވަރަށް ދަށް ކޮށެވެ. އަސާސީ ހިދުމަތްތައް އެންމެ އެދެވޭ ގޮތެއްގައި ނުދެވޭ އިރު ފުރައިގެން ދާން ޖެހެނީ ހިތަދޫއަށެވެ. އެކަން ނިމުމަކަށް ގެނައުމަށް މި ސަރުކާރުން މަސައްކަތް ފަށާފައި ވާއިރު އެ ހުރިހާ ކަމަކަށް އެއްބާރުލުން ދޭނެ މެންބަރަކު ހޮވަން ޖެހެއެވެ.
ސިއްހީ އަދި ތައުލީމީ ދާއިރާއަށް މިއީ އާ މޫނެއް ނޫން
އެ ދާއިރާއަށް ކުރިމަތިލައްވައިފައިވާ ޕީއެންސީގެ ކެންޑިޑޭޓް އިޔާޒް ޖާދުﷲ ނަސީމް އަކީ އެ ފަދަ ކެންޑިޑޭޓެކެވެ. އައްޑޫ މީދޫއަށް އުފަން އިޔާޒު އޭނާގެ މަދަރުސީ ހަޔާތް ފެއްޓެވީ އޭނާގެ ރަށުންނެވެ. ސަދަން ސެކަންޑްރީ ސްކޫލުން ސާނަވީ ތައުލީމް ހާސިލް ކުރެއްވި އިޔާޒު، މަދަރުސީ ދައުރު ނިންމަވާލެއްވީ އީޕީއެސް އާއި އެމްއީއެސް އިން ތައުލީމް ހާސިލް ކުރެއްވުމަށް ފަހުއެވެ.
ދެ ދާއިރާއަކުން މަތީ ތައުލީމް ހާސިލް ކުރެއްވުމަށްފަހު އިޔާޒު ވަނީ އެ ދާއިރާތަކުން އަގު ނުކުރެވޭ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ހެލްތް އެންޑް ސައިންސްއިން ކުރިއަށް ގެންދިޔަ ޕްރައިމަރީ ހެލްތް ކެއާ ކޯހެއް ފުރިހަކުރެއްވި އިޔާޒު ވަނީ ސްރީލަންކާއަށް ވަޑައިގެން އެ ދާއިރާއިން ތަމްރީން ހާސިލު ކުރައްވާފައެވެ.
ސިއްހީ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ސިއްހީ ހިދުމަތްތެރިޔާ އިޔާޒު ވަނީ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން ލ. އަތޮޅު ހިތަދޫ ސިއްހީ މަރުކަޒާއި ދ. މީދޫ ސިއްހީ މަރުކަޒާއި މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި ހުޅުމީދޫ ސިއްހީ މަރުކަޒާއި ހއ. އަތޮޅު ހޮސްޕިޓަލާއި ގއ. އަތޮޅު ހޮސްޕިޓަލާއި ތ. އަތޮޅު ހޮސްޕިޓަލް އަދި ދ. އަތޮޅު ހޮސްޕިޓަލް ހިމެނެއެވެ.
އެއަށްފަހު ދިވެހި ބަހާއި އަރަބި ޓީޗިންއިން ޑިގްރީ ހާސިލް ކުރެއްވި އިޔާޒު ވަނީ އިސްލާމިކް ޓީޗިން އިން މާސްޓާސް ހާސިލް ކުރައްވާފައެވެ. މިހާރު އިޔާޒު ގެންދަވަނީ އެޑިއުކޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވަމުންނެވެ.
ސިޔާސީ މަސްރަހުގެ ގިނަ ކަންތައްތަކެއް ދެވަޑައިގަންނަވާ އިޔާޒު ހުންނެވީ ސިޔާސީ އޮއިވަރުތަކަށް ތައްޔާރުވެ
އިޔާޒު ސިޔާސީ ހަރަކާތްތައް ފެއްޓެވީ 2004 ވަނަ އަަހަރު ކުރިއަށް ގެންދިޔަ އިސްލާހީ ހަރަކާތުގެ ތެރެއިންނެވެ. އެގޮތުން އެ އަހަރުގެ އޮގަސްޓް މަހު 12 އަދި 13 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވި އެއްވުމުގައި ބައިވެރިވުމުގެ ސަބަބުން ދޫނިދޫގެ ކުޑަގޮޅީގައި އޭނާ އަށް ވަނީ 81 ދުވަސް ހޭދަކުރައްވަން ޖެހިވަޑައިގެންފައެވެ. ވަޒީފާގެ ސަބަބުން ސިޔާސީ ކަންކަމުގައި އުޅުއްވަން ދަތިވި ނަމަވެސް ކޮންމެވެސް ސިފައެއްގައި އިޔާޒު ގެންދެވީ ސިޔާސީ މަސްރަހުގައި ހަރަކާތްތެރި ވަމުންނެވެ. އެގޮތުން އިންތިހާބު ތަކަށް ސްލޯގަންތަކާއި ޕޯސްޓަރުތައް ހެދުމުގައި އޭނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
21 އަހަރުގެ ސިޔާސީ މާޒީގައި އިޔާޒު ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ 2014 ވަނަ އަހަރުއެވެ. އަދިވެސް ހުންނެވީ އެ ފިކުރުގައެވެ. ޕީއެންސީގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި އިޔާޒު ދެއްވާ ޔަގީންކަމަކީ ޕާޓީ ބަދަލުކުރުމެއް ނެތި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމެވެ.
މީދޫ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކާއި ވެފައިވާ އިހުމާލުތައް ގުޅިފައި ވަނީ ދާއިރާއިން ބޭރު މީހަކު ދާއިރާ ތަމްސީލު ކުރަން މިދިޔަ 10 އަހަރު ހޮވައިގެން ލިބުނު ގެއްލުން ތަކަށެވެ. ދާއިރާގެ އިހުސާސްތައް ނޭނގޭ މީހަކަށް ފުރުސަތު ދެވިގެން ލިބުނު ގެއްލުން އެ ދާއިރާއަށް ބޮޑެވެ. ދާއިރާގެ ރައްޔިތުންގެ ޝަކުވާއަކަށް ވެފައި ވަނީ ހޮވުމަށް ފަހު ދާއިރާގެ ރައްޔިތުންނާ ހިސާބަށް މެންބަރުން ނާންނަ މައްސަލައާއި ނުފެންނަ އަދި ޝަކުވާ އަޑު ނާހާ މެންބަރުންނަށް ވުމެވެ. އެކަން ބަދަލުކޮށްދޭނެ މެންބަރަަކަށް އިޔާޒު ވާނެއެވެ.
މީދޫ ދާއިރާގެ ދަނޑުވެރިންނަށް ހައްލު ގެެނެސްދީ ސިއްހީ ނިޒާމުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން ސިއްހީ މަރުކަޒު ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރާ ގުޅިގެން އިޔާޒު މަސައްކަތް ކުރައްވާނެއެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯގެ ދަށުން ތައުލީމީ ދާއިރާގެ ތަސައްވުރާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ރަށުގެ ބިން ހިއްކުމާއި މަގު ހެދުމާއި މަތިކިޅި އިކޯގާޑެން ސަރަހައްދު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އިޔާޒު ކުރައްވާނެއެވެ. ޒުވާނުންނާއި އަންހެނުންގެ ހުނަރު އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސް ޒުވާނުންގެ މަރުކަޒަކީ ސަރުކާރުން ހިންގާ ތަނަކަށް ހެދުމަށްވެސް އިޔާޒު މަސައްކަތް ކުރައްވާނެއެވެ. އަދި އައްޑޫގައި ފަތުރުވެރިކަން ފުޅާކޮށް ގޯތި ގެދޮރު ބިނާކުރުމަށް ފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމަށް އިޔާޒު ވަކާލާތު ކުރައްވާނެއެވެ.
ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާއި ގާނޫނުތައް ވުޖޫދުކުރުމަށްވެސް މަސައްކަތް ކުރައްވަން އިޔާޒު ހުންނެވީ ތައްޔާރަށެވެ. އިޔާޒު ވިދާޅުވީ ރައްޔިތުންނަށް މަންފާ ކުރާނެ ގޮތްތަކަށް ގާނޫނުތައް ބައްޓަން ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި ސަރުކާރުގެ ތެރެއިން ކޮށްދެވެން ހުރި ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުށުގެ ވެށިން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ގާނޫނުގެ ތެރެއިން މަސައްކަތް ކުރައްވަން ޖެހޭ ކަމަށް އިޔާޒު ގަބޫލު ކުރައްވައެވެ.
އިޔާޒު ވިދާޅުވީ ހަމައެކަނި ކުށެއް ކުރުމުން އަދަބު ދިނުން އެކަނި މަގުސަދަކަށް ނުހަދާ ކުށެއް ކުރެވުނީމައި ކުށުގެ ވެށިން ސަލާމަތްކޮށް މުޖުތަމައު ބަލައިގަންނަ ފަދަ މީހަކަށް ރައްޔިތުން ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޒުވާނުންނަށް ހެޔޮ މަގު ހޯދައިދީ، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން އިޔާޒު މަސައްކަތް ކުރައްވާނެއެވެ. އިޔާޒަކީ ދުވަހަކުވެސް ޖިނާއީ ކުށެއް ކުރައްވައިފައި ނުވާ، ފަސްބައި ސާފު، ކޮރަޕްޝަނުން އެއްފަރާތް ވެފައިވާ ބޭފުޅެކެވެ. އެކަން މުޅި މީދޫ ދާއިރާގެ ރައްޔިތުންގެ ގަބޫލުކުރެއެވެ.
އިޔާޒު އާއެކު ހަތަރު ކެންޑިޑޭޓަކު އެދާއިރާއަށް ވާދަކުރައްވާއިރު އަމިއްލަ ގޮތުން ވާދަކުރައްވާ ހިޝާން އަހުމަދު ވަނީ އިޔާޒުއަށް ތާއީދު ކުރައްވާ އޭނާގެ ފަހަތަށް ވަޑައިގެންފައެވެ.
އިޔާޒު ހޮވަންވީ ސަބަބާ ގުޅިގެން ދެއްކެވީ ތަފާތު މިސާލެކެވެ. ދުނިޔޭގެ ތަފާތު ގައުމުތަކުގައި ޑިމޮކްރަސީ އޮންނައިރު އިނގިރޭސިވިލާތަށް ބަލާއިރު ރަސްކަލަކު ހުންނަވާ ކަމަށާއި އެމެރިކާގައި ރިޔާސީ ނިޒާމަކާއެކު ހުންނެވީ ރައީސެއް ކަމަށެވެ. އަދި އިންޑިއާގައި ބަރުލަމާނީ ނިޒާމާއެކު ހުންނެވީ ބޮޑު ވަޒީރެއްކަން އިޔާޒު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ރާއްޖޭގައި މިހާރު އޮންނަ ވެރިކަން ކުރާ ޕާޓީ ނުވަތަ ރައީސް އެ ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ ސަރުކާރު ހުއްޓިގެންދާނެ ކަމަށް އިޔާޒު ގަބޫލު ކުރައްވައެވެ. އަދި ރައީސްގެ ބާރު ކަނޑުވާލުމުގެ ފުރުސަތު ވެސް އޮތުމާއެކު ސަރުކާރު ދެމެހެއްޓުމަށްޓަކައި މި 5 އަހަރު ގެއްލިގެން ދިޔަ ނުދިނުމަށާއި ތަރައްގީއަށް ހުރަސް އެޅިގެން ދިޔަ ނުދިނުމަށްޓަކައި، ސަރުކާރު ހިންގާ ޕާޓީއަށް މެޖޯރިޓީ ދޭން ޖެހޭ ކަމަށް އިޔާޒު ވިދާޅުވިއެވެ.
އިޔާޒު އަކީ ދާއިރާގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖޭގެ އެކި ކަންކޮޅުގެ މީހުން ދަންނަ ސިއްހީ ހިދުމަތްތެރިޔާއެވެ. ތައުލީމީ ދާއިރާއަށް ހިދުމަތް ކޮށްދެއްވި، ގިނަ ދަރިވަރުންތަކެއްގެ އިޔާޒު ސާ އެވެ. އިޔާޒު ނިކުމެ ހުންނެވީ ވޭތިވެދިޔަ 10 އަހަރު ދުވަހު މީދޫ ދާއިރާއަށް ވެފައިވާ އިހުމާލު ފޫބެއްދުމަށްޓަކައެވެ. މީދޫ ދާއިރާއަށް އުފާ ފާގަތި ދުވަސްތަކެއް ހޯދައިދެއްވުމަށްޓައެވެ. އިޔާޒު ވާނީ އެ ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވަދޭ، އިހުލާސްތެރިއަކަށެވެ.