ތިލޭރުކަން ނުވަތަ އަތްކަން ކުރަން މަޝްހޫރު މީހުން ދިރިއުޅޭ ދ. ހުޅުދެލީގައި މި މަސައްކަތް ކޮށް އުޅުނު މީހުން މި މަސައްކަތް ކުރުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް އުޅުނެވެ. ކުދި ބައްތެލިތަކުގައި ރަށްރަށަށް ގޮސް ބަނޑަހަ ޖަހައިގެން ތިބެ، މި މަސައްކަތް ކޮށްގެން ރަނގަޅު އާމްދަނީއެއް އިހުގައި ހޯދި ކަމުގައި ވިޔަސް ހުޅުދެލީގައި އެފަދަ މަސައްކަތް ކުރާ މީހުން މިހާރު މަދެވެ.
ދ. ހުޅުދެލި، އަބްދުﷲ އަބްދުއްރަހްމާނަކީ ތިލޭރުކަމުގައި އަދިވެސް ދެގޮތެއް ނުވެ އެ ރަށުގައި ހުރި، މި ވަގުތުވެސް ފޯއްވަޅި ހަދައިގެން އާމްދަނީ ހޯދަމުން އަންނަ މީހެކެވެ. އުމުރުން 72 އަހަރުވެފައިވާ އިރު، ފޯއްވަޅި ހަދައި ވިއްކުމުގެ މަސައްކަތް ފެށީތާ މިހާރު 8 އަހަރު ވެދާނެ ކަމަށް އޭނާ ބުނެއެވެ.
މި މަސައްކަތް އޭނާ ކުރަން ފެށީ މަސްވެރިކަމުގައި އުޅުނު އިރު ކަމަށާއި އޭރު މި މަސައްކަތް ކުރަނީ މަދުން ކަމަށް އޭނާ ބުނެއެވެ. ނަމަވެސް 65 އަހަރު ވުމުން މަހަށް ދިއުން ހުއްޓާލުމަށް ފަހު މިހާރު އާމްދަނީ ހޯދުމަށް ހަމައެކަނި ކުރާ މަސައްކަތަކީ މައިގަނޑު ގޮތެއްގައި ފޯއްވަޅި ހެދުން ކަމަށް އޭނާ ބުނެއެވެ.
އެގޮތުން މިހާރު އޭނާ ތައްޔާރު ކުރާ އެއްޗެހީގެ ތެރޭގައި ހިމެނެނީ ކަތިވަޅި އާއި ފޯއްވަޅިއެވެ. މި މަސައްކަތަކީ ވަރަށް ވަގުތު ހޭދަކުރަންޖެހޭ މަސައްކަތެއް ކަމަށާއި އެ ގޮތުން ފޯއްވަޅިއެއް ހެދުމަށް ތިން ދުވަސް ހޭދަވާ ކަމަށް އޭނާ ބުނެއެވެ.
އުމުރުން މިހާ ދުވަސްވެފައި ހުރިނަމަވެސް އޭނާ ކުރާ މަސައްކަތުގައި އަތްގާތްކޮށް ދިނުމަށް އެއްވެސް މީހަކު ނުގެންގުޅޭ ކަމަށް އަބްދުއްރަހްމާން ބުނެއެވެ. އޭނާ ދިރިއުޅޭ ގޭގައި މި މަސައްކަތް ކުރުމަށް ހާއްސަކޮށް ތަނެއް ހަދާފައިވާ އިރު، ގުދަންކޮށް ބައެއް ސާމާނުތައް ރައްކާކުރުމަށް ވެސް ތަނެއް ހަދާފައި ހުރެއެވެ.
ފޯއްވަޅި ތައްޔާރުކުރާ އިރު އޭގެ އަގުތައް ހަދަނީ އޭގެ ދިގުމިނަށް ބަލައިގެން ކަމަށް އަބްދުއްރަހްމާން ބުނެއެވެ. އެގޮތުން 6 އިންޗީގެ ފޯއްވަޅިއެއް ވިއްކަނީ 600 ރުފިޔާއަށް ކަމަށާއި 7 އިންޗީގެ ފޯއްވަނީ 700 އަށް އަދި 8 އިންޗީގެ ފޯއްވަޅި 800 ރުފިޔާއަށް ކަމަށް އޭނާ ބުނެއެވެ. ކަތިވަޅި އަދި އެއް ސައިޒަކަށް ހަދަމުން އަންނަ އިރު އޭގެ އަގަކީ 500 ރުފިޔާ ކަމަށް އޭނާ ބުނެއެވެ.
އަބްދުއްރަހްމާން ހަދާ ފޯއްވަޅި ރާއްޖޭގެ ދެކުނަށާއި އުތުރުގައި ވިކޭ ކަމަށް އޭނާ ބުނެއެވެ. އެ ގޮތުން އެންމެ ގިނައިން ފޯއްވަޅި ވިއްކާފައި ވަނީ ގއ އަދި ގދ އަތޮޅަށް ކަމަށް އޭނާ ބުނެއެވެ. ހަމައެއާއެކު ލ އަތޮޅަށާއި މ އަތޮޅަށާއި ހއ އަތޮޅުގެ ރަށްރަށަށް ވެސް ފޯއްވަޅި ވިއްކާފައި ވާނެ ކަމަށް އޭނާ ބުނެއެވެ.
އެ ރަށްރަށަށް ފޯއްވަޅި ވިއްކަމުން އަންނަނީ އެ ސަރަހައްދުތަކުގައި އުޅޭ ރައްޓެހިން މެދުވެރިކޮށް ކަމަށް އޭނާ ބުނެއެވެ. ގއ އަދި ގދ އަށް ފޯއްވަޅި އެންމެ ގިނައިން ވިކެނީ، އެގޭ މީހަކު ގދ އަތޮޅުގެ މީހަކާ ކައިވެނިކޮށްގެން އުޅޭތީ އެ މީހާގެ އާއިލާ މީހުންގެ އެހީތެރިކަމާއެކުގައި ކަމަށް އޭނާ ބުނެއެވެ.
މި މަސައްކަތަކީ ހަމައެކަނި އާމްދަނީ ހޯދުމަށް ކުރަން ރަނގަޅު މަސައްކަތެއް ނޫން ކަމަށް އަބްދުއްރަހީމް ބުނެއެވެ. ނަމަވެސް ވަޒީފާއަށް ދާ ޒުވާނުން ހުސް ވަގުތުގައި މިފަދަ މަސައްކަތް ކޮށްގެން އިތުރު އާމްދަނީ ހޯދުމަށް މިއީ ކުރަން ރަނގަޅު ކަމެއް ކަމަށް އޭނާ ބުނެއެވެ.
އޭނާ މި މަސައްކަތަށް ހުސްވީ އުމުރުން 65 އަހަރު ވުމުން ކަމަށާއި ސަރުކާރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ދޭތީ، ހަމައެކަނި ފޯއްވަޅި ވިއްކައިގެން ލިބޭ އާމްދަނީއަށް އޭނާ ބަރޯސާ ވާން ނުޖެހޭ ކަމަށް ބުނެއެވެ. އެއީ މަހެއްގެ މައްޗަށް 6 ފޯއްވަޅި ވިއްކަން ގަސްތުކޮށްގެން ހުއްޓަސް ކޮންމެ މަހަކު 6 ފޯއްވަޅި ނުވިކި ދާނެތީ މި ކަމަކީ މާލީ ގޮތުން ބަރޯސާ ވާން ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ބުނެއެވެ.
އަބްރުއްރަހީމް އުމުރުން މިހާ ހިސާބަށް އައި އިރު އޭނާގެ މުޅި އުމުރު ހޭދަ ކޮށްފައި ވަނީ އެކި މަސައްކަތް ކުރުމުގައެވެ. އޭނާ މަސައްކަތެއް ނުކޮށް ހުރި ދުވަހެއް ހަނދާން ނުހުންނަ ކަމަށް ބުނެއެވެ. އެ ގޮތުން އެންމެ ޒުވާން ދުވަސްވަރު މަހަށް ދިޔަ ކަމަށާއި ރަން ރިހީގެ މަސައްކަތް ކުރި ކަމަށް އޭނާ ބުނެއެވެ. އެއަށްފަހު އެންދެރި މަސައްކަތް ކުރި ކަމަށާއި އެއަށް ފަހު މަސްގަނެ ވިއްކުމުގައި އުޅުނެއެވެ. އޭގެފަހުން ވިޔަފާރި ކުރުމުގައި އެތައް އަހަރެއް އޭނާ ހޭދަ ކުރިއެވެ.