ރާއްޖެއަށް ޗައިނާ އިން އެތެރެ ކުރާ މުދަލަށް ޗައިނާގެ ފައިސާ، ރެންމިންބީ އިން ފައިސާ ދެއްކޭގޮތަށް ހެދުމުގެ އިންތިޒާމުތައް ކުރަމުން ދާ ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާ އާއި އިންޑިއާއިން ރާއްޖެ އެތެރެ ކުރާ މުދަލަށް އެގައުމުތަކުގެ ފައިސާއިން އަގު ދެއްކޭނެ އިންތިޒާމުތައް ހަދަން މަޝްވަރާއަށް ވަޑައިގަންނަވާ ވާހަކަ ހުސްވި ހަފްތާގައި ރާއްޖޭގެ އިގްތިސޯދީ ވަޒީރު އިއުލާން ކުރައްވާފައި ވަނިކޮށް ޗައިނާގެ ނޫހެއް ކަމަށް ވާ ޗައިނާ ޑެއިލީގައި ބުނީ, މިހިނގީ އޭޕްރީލް މަހުގެ 14 ވާ އާދީއްތަ ދުވަހު އެކަން ސަރުކާރުން އިއުލާން ކުރާނެ ކަމަށެވެ.
މިނިސްޓަރާ ހަވާލާދީ އެ ނޫހުގައި އެހެން ބުނެފައި ވާއިރު އީ ވޮލެޓްގެ ތެރޭގައި ހިމެނޭ ބައެއް ހިދުމަތްތައް ދާދި ފަހުން ވަނީ ރާއްޖެއަށް ތައާރަފު ކޮށްފައެވެ. އާދީއްތަ ދުވަހު އިއުލާން ކުރަނީ އަލީޕޭއާއި ވީޗެޓް ބޭނުން ކޮށްގެން ފައިސާގެ މުއާމަލާތް ކުރެވޭނެ ހިދުމަތެވެ. ވީޗެޓަކީ ޗައިނާގައި އެންމެ ފުޅާދާއިރާއެއްގައި ފައިސާގެ މުއާމަލާތަށާއި ދޭދޭ މީޙުންގެ މެދުގައި ކުރެވޭ ފޯނު އަދި ޓެކްސްޓް މުއާމަލާތަށް ވެސް ބޭނުން ކުރާ އެއް ޕްލެޓްފޯމެވެ. ވީޗެޓުގައި ފައިސާގެ މުއާމަލާތް ކުރެވޭ ހިދުމަތް ހިމަނާފައި ވާ އިރު, ޗައިނާގެ ވިޔަފާރިވެރިންނާ މުއާމަލާތު ކުރުމަށް ވެސް އެންމެ ފަސޭހަ އެއް ވަސީލަތަކީ ވީޗެޓްކަން ފާހަގަ ކޮށްލެވެއެވެ.
މިނިސްޓްރާ ހަވާލާދީ އެ ނޫހުގައި އިތުރަށް ބުނެފައި ވަނީ, ރާއްޖެއަށް އެކިއެކި ގައުމުތަކުގެ އީ ވޮލެޓް ތައާރަފު ކުރާނެ ކަމަށާއި އެގޮތުން ދެކުނު ކޮރެއާ, ޖަޕާން, އެމެރިކާ, ސިންގަޕޫރު, މެލޭޝިއާ, އިންޑިއާ އަދި ޔޫއޭއީގައި މަގުބޫލު އީވޮލެޓުތައް ހިމެނޭ ކަމަށެވެ.
ރާއްޖެ އަށް ބޭރުން އެތެރެ ކުރާ މުދަލަށް އެގައުމެއްގެ ފައިސާއިން ފައިސާ ދެއްކޭ ގޮތް ވުމުން ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާގެ އަގު އަރައިގެން ދާނެއެވެ. ސައީދު އުއްމީދު ކުރައްވަނީ ކުރިއަށް އޮތް މަދު މަސްތަކުގެ ތެރޭގައި ދިވެހި ރުފިޔާގެ އަގު 30-40 އާ ދެމެދަށް އަރައިގެން ދިޔުމަށެވެ.
ހުސްވި ޑިސެމްބަރު ނިމުނު އިރު ޗައިނާއިން ރާއްޖެއަށް 782 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ތިޔަކީ ރައީސް އިބުރާހިމް ވެސް ކުރަން ނިންމާފަވާކަމެއް