ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އައި ނައިޖީރިއާ މީހަކު ހައްޔަރުކޮށްފިއެވެ.

އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

އެމީހާގެ ބަންދު އަމުރުގައި ބުނެފައިވަނީ އޭނާއާ ދެކޮޅަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ތަހުގީގު ބަޔާންތަކާ، ފޮޓޯ ރިޕޯޓާ، މެޑިކަލް ރިޕޯޓު ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ އަމުރުގައި ވަނީ އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭތަކެތި ރާއްޖެ އެތެރެކޮށްފައިވާއިރު އޭގެ އެއްވެސް މުއާމަލާތެއް އޭނާ ރާއްޖޭގައި ހިންގާފައިނުވާ ކަމަށެވެ. އަދި އޭނާ ގުޅަމުން ދިޔައީ ނައިޖީރިއާއިން އޭނާ ފޮނުވި މީހާއަށް ކަމަށްވެސް އެ އަމުރުގައިވަނީ ބުނެފައެވެ. އެހެންކަމުން މި މީހާއާ އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ފުލުހުންވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.