މުސްލިމުނަށް އައި އުފާވެރި އީދުގައި ގާޒާގެ ރައްޔިތުން މިއަދު އީދު ނަމާދު ކުރީ އިޒްރޭލުން ބިމާ ހަމަކޮށްފައި ވާ މިސްކިތްތަކާ ކައިރީގައި ވަކިވަކި ކުދި ސަފުތަކުގައި މަގުމަތީގައެވެ.

އޭރުވެސް އިޒްރޭލުގެ ޑްރޯންތައް ބޯމަތިން އުދުހެމުން ދިޔަ އިރު އެތަކެތީގެ 'ބޫން އަޑުން' މުޅި މާހައުލަށް އޮތީ ނުތަނަވަސްކަން ގެނުވާފައެވެ. މިސައިލެއް ފޮނުވާލާނީ ކޮން އިރަކު ކޮންވަގުތަކު ކަމެއް, އެއީ އެކަކަށް ވެސް އެނގޭ ކަމެއް ނޫނެވެ.

އީދާ ގުޅިގެން އދ ގެ ރައީސް އެންޓޯނިއޯ ގުޓަރެސް ފޮނުއްވި މެސެޖުގައި ވިދާޅުވީ, ގާޒާ އާއި ސޫދާނާއި އަދި އެނޫންވެސް އެތައް ސަރަހައްދެއްގައި ހަމަނުޖެހުމުގެ ސަބަބުން ހައިނޫނު ކަމާއި ނުތަނަވަސްކަމުގައި އީދު ފާހަގަ ކުރަން ޖެހިފައިވަނީ މުސްލިމުން, އެމީހުންގެ އީދު 'އަސްލު ފާހަގަ ކުރާ ގޮތަށް ނޫން' ކަމަށެވެ.

އީދު ނަމާދަށް އަގްސާ މިސްކިތަށް އާންމުން ދަނީ / ފޮޓޯ: ރޮއިޓާސް

މިއަދު ފަލަސްތީނުގެ އެކި ސަރަހައްދުތަކުގައި އީދު ނަމާދު ވަކިވަކި ކުދިކުދި ޖަމާއަތްތަކުގައި ކޮށްފައި ވާ އިރު 100,000 އަކާ ގާތް ކުރާ އަދަދެއްގެ މީހުން އލް އަގުސާ މިސްކިތުގައި އީދު ނަމާދު ކުރުމަށް ޖަމާވިއެވެ. ނަމަވެސް ޔަހޫދީން އެމީހުން ހުއްޓުވައި ހުއްދަ ދިނީ ފިރިހެނުންގެ ތެރެއިން އުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި އަންހެނުންގެ ތެރެއިން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. ބާކީ އެއްވެ ތިބި މީހުންނަށް އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަނުމަށް ވެސް ހުއްދަ ދީފައި ނުވެއެވެ.

ފަލަސްތީނަށް އެހީ ފޯރުކޮށްދޭ އދ ގެ އެންމެ ބޮޑު ޖަމިއްޔާ އަންރުވާ އިން ބުނީ, މިއަދަކީ އީދެއް ނަމަވެސް ހިތާމަވެރި އީދެއް ކަމަށާއި އީދެއްގެ އުފާ ނުލިބި ރެފިއުޖީންގެ ގޮތުގައި ހުޅަނގު އައްސޭރިއާއި, ގާޒާ ސްޓްރިޕް އަދި ސީރިއާ އާއި ލުބުނާޞުގެ އިތުރުން އުރުދުންގައި ފަލަސްތީނުގެ 6 މިލިއަނެއްހާ މީހުން އެބަތިބި ކަމަށެވެ.

އިޒްރޭލުގެ ބޮންތަކާއި މިސައިލް ތަކުން މުޅި ގާޒާ ފުނޑުފުނޑު ކޮށްލައި 8000 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދު ކޮށްލާފައި ވާ އިރު ގާޒާގެ ކުޑަކުދިން މިއަދު ތަހަންމަލް ކުރަމުން ދަނީ އިންތިހާއީ ބިރުވެރިކަމާއި ނާމާން ކަމެވެ. ނަމަވެސް މިއަދު ފާހަގަ ކުރާ އީދުގައި މިލާ މޯލީވެފައި ތިބި ގާޒާގެ ކުޑަކުދިންގެ މޫނު މައްޗަށް ކޮންމެވެސް ވަރެއްހެ ހިނިތުންވުމެއް ގެނެސްދިނުމަށް ގާޒާގެ މިއުޒީޝަނުން ވަނީ ތަފާތު ކަމެއް ކޮށްލާފައެވެ. އެގޮތުން ކްލައުން އެއް ގޮތަށް ހެދުން އަޅައިގެން ކުޑަކުދިން ގަޔާވާނެ ތަފާތު ހަރާކަތްތައް ދައްކާލައި ލަވަކިޔާ ހަދާލާފައި ވެއެވެ.

ގާޒާގެ ކުޑަކުދިންނަށް އީދުގެ އުފާ ލިއްބައިދިނުމަށް މިއުޒީޝަނުން މަސައްކަތް ކުރަނީ / ފޮޓޯ: ރޮއިޓާސް

"އެކުދިންގެ މީނުމައްޗަށް ހިނިތުންވުން ގެނެވޭތޯ ކޮށްދެވެން ހުރި ހުރިހާކަމެއް ކުރެވޭތޯ އަހަރެމެން މިއުޅެނީ, އީދަކީ ފާހަގަ ނުކޮށް ދޫކޮލެވޭ ކަހަލަ އުފާވެރި ދުވަހެއް ނޫން" އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ މުސްއަބް އަލް ގަމްރީ ބުނެފައި ވެއެވެ.

މިއަދު ގާޒާއަށް ކުރިމަތިވެފައި ވާ ހިތާމައިގައި ބައިވެރިވާކަން ހާމަ ކުރައްވަމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ވަނީ ގާޒާގެ ރައްޔިތުންނަށް އީދުގެ ތަހުނިޔާ ދަންނަވާފައެވެ.

ގާޒާގެއީދު ނަމާދު ކުރަނީ / ފޮޓޯ: ރޮއިޓާސް

އީދާ އެކު މިއަދު އެންމެ އުފާވެރި އެއް ކަމަކަށް ހިނގާފައި ވަނީ, ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަންނަން އަޔަލޭންޑުން ނިންމާނެ ކަމަށް އެގައުމުގެ ހާރިޖީ ވަޒީރު ކުރެއްވި އިއުލާނެވެ. އޭނާ ވިދާޅުވީ, އެކަން ހިނގާނެ ކަމަށާއި ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި އެކަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ފަލަސްތީނަކީ ދައުލަތެއް ކަމަށް ބަލައިގަތުމުގެ ވާހަކަ ގާޒާ ހަނގުރާމަ އާ ގުޅިގެން އާވެފައި ވާ އިރު އދ ގެ ދާއިމީ މެންބަރުކަން ހޯދުމަށް ފަލަސްތީނުން ހުށަހަޅާފައި މައްސަލަވެސް އެޖެންޑާ ކޮށް ކުރިއަށް އެބަދެއެވެ. މި މައްސަލަ ދިރާސާކޮށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އަންނަ މަހު އދ ގެ އާންމު މަޖިލީހަށް ފޮނުވަން މިހާރު މަސައްކަތް ކުރަމުން ދާ އިރު އެ މަޖިލީހުގައި ތިބި ވީޓޯގެ ބާރު ލިބިފައިވާ އެމެރިކާ ފިޔަވައި 153 ގައުމަކުން ތާއީދު ކުރާ ކަމަށް ހަބަރުތައް ބުނެއެވެ. ތާއީދު ނުކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުތައް އޮންނަ މަދު ގައުމަކާއި އިޒްރޭލު ހިމެނެއެވެ.