ދިވެހި އަންހެން ކަނބަލުންނަކީ ހީވާގި ބައެކެވެ. މިއަދު ކެއްކުމަށް ބޭނުން ކުރާ ގޭސް އުނދުނާއި ކަރަންޓު އުނދުން އިޖާދުކުރުމުގެ ކުރިން ދިވެހިން ކައްކާ އުޅުނީ ވަލަށް ގޮސް ދަރު ކޮށައިގެންނެވެ. ދަރު ކޮށުމަށްފަހު ދަރުތައް ބޮނޑިއަކަށް ބަދެ، ބޮލުގައި އުފުލީ ދަރިން ކިހިލި ޖަހައިގެންނެވެ. ގެއާ މާ ދުރު ހިސާބުތަކުން ނަމަވެސް ބޮލުގައި ދަރު ބޮނޑި ގެންނަނީ ފަރިތަކަމާއެކުއެވެ.
މިއަދު ޒަމާނަށް އައި ތަރައްގީއާއެކު ކެއްކުމަށް ގިނަ ގޭގޭގައި ގޭސް އުނދުން ބޭނުން ކުރަމުންދާއިރު އަދިވެސް ދަރު އުނދުނުގައި ކައްކާ އުޅުނު އެ ކަނބަލުން ބޭނުންވަނީ ދަރު އުނދުނުގައި ކައްކާށެވެ. އެގޮތުން އެފަދަ ކަނބަލެއް ކަމަށްވާ ހދ. ކުމުންދޫއަށް އުފަން މަރިޔަމް އިބްރާހީމް އަދިވެސް ބޭނުންވަނީ ދަރު އުނދުނުގައި ކައްކާށެވެ. މަރިޔަމްއަކީ ތަފާތު ވައްތަރުގެ އަސާރަ ތައްޔާރުކޮށް ވިޔަފާރި ކުރުމުގައި އޭނާގެ އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ފަރާތެކެވެ.
މިހާރު އުމުރުން 60 އަހަރުގެ މަރިޔަމް ބުނި ގޮތުގައި އޭނާ ތައްޔާރުކޮށް އުޅެނީ ބިލިމަގު އަސާރަ އަނބު އަސާރަ އަދި ކެރެޓު އަސާރައެވެ. މަރިޔަމްގެ ޒުވާން އުމުރުގައި ކުރަން ފެށި މި މަސައްކަތް ކުރާތާ މިހާރު 40އަށްވުރެ ގިނަ އަހަރުވެފައިވާނެ ކަމަށް އޭނާ ބުނެއެވެ. ދަ ޕްރެސްގެ ޓީމް ކުމުންދޫއަށް ކުރި ދަތުރުގައި މަރިޔަމް ވަނީ ބިލިމަގު އަސާރަ ހަދާ ގޮތް ހިއްސާކޮށްފައެވެ.
މަރިޔަމް ބުނީ އަސާރަ ތައްޔާރުކުރުމަށްޓަކައި އެންމެ ފުރަތަމަ ތާހަށް ތެޔޮ ކޮޅަކާއި ފިޔާ، މިރުސް އަދި ހިކަނދި ފަތާއި ރާނބާ ފަތް އެޅުމަށްފަހު ފިޔާގަނޑު ރަތްކޮށްލާނީ ކަމަށެވެ. އަދި ފިޔާގަނޑު ރަތްވުމުން އިނގުރު، ލޮނު، ރީނދޫ، ހަވާދުގެ އިތުރުން ދިރި އަދި އަސޭމިރުސް އަޅާނީ ކަމަށެވެ. އެއަށްފަހު ރާހުތާއި އަނބު މަސާލާފަތް އަދި ކަދުރު އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު އިރުކޮޅެއް ފަހުން ބިލިމަގުތައް އަޅާލާނީ ކަމަށް އޭނާ ބުނެއެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް ކެކުމުން އެ ހުރީ އަސާރަ ތައްޔާރުވެފައެވެ.
މަރިޔަމް އަސާރަ ހަދަން ފެށީ އެއިން ވިޔަފާރިއެއް ކުރުމަށެވެ. އަދި އޭނާ ހަދާ އަސާރަ މީހުންނަށް ކަމުގޮސް މިއަދު ވެސް އެޔަށް ޑިމާންޑް އޮންނައިރު އަދިވެސް މަރިޔަމް ދަނީ އަސާރަ ހަދަމުންނެވެ. ކުރިން ދަރު އުނދުނުގައި އަސާރަ ތައްޔާރުކޮށް އުޅުނު ނަމަވެސް އޭނާގެ ސިއްހީ ހާލަތާ ގުޅިގެން ޑޮކްޓަރުން ވަނީ ދުމުގެ ތެރޭގައި އުޅުން މަނާކޮށްފައެވެ. އެހެން ކަމުން މިހާރު އޭނާ އަސާރަ ތައްޔާރުކޮށް އުޅެނީ ގޭސް އުނދުނުގައި ކަމަށް މަރިޔަމް ބުނެއެވެ.
ރަނގަޅު އާމްދަނީއެއް އަސާރަ ވިއްކައިގެން ލިބޭކަން މަރިޔަމް ފާހަގަ ކުރެއެވެ. އަދި އޭނާ ކުރާ މި މަސައްކަތުގައި ދަރިންގެ އެއްބާރުލުން ލިބޭކަން ވެސް މަރިޔަމް ވަނީ ފާހަގަކޮށްފައެވެ. ބަތް ކާއިރު ނުވަތަ އެހެން ވެސް އެއްޗެއްގެ ރަހަމީރުކޮށްލުމަށް ބޭނުން ކުރުމަށް ކަމުދާ އަސާރަ ހަދާތާ 20 އަހަރު ވެފައިވީ ނަމަވެސް އަދިވެސް މަރިޔަމް ތައްޔާރު ކުރާ މި އަސާރައިގެ ރަހައަށް ބަދަލު އައިސްފަނުވާ ކަމަށް އެ ރަށު މީހުން ބުނެއެވެ.
އަސާރައިގެ އިތުރުން ފޮނިމަލަކީ ވެސް މަރިޔަމް ތައްޔާރު ކުރާ އެއްޗެކެވެ. ގިނަ ދުވަހަށް ރައްކާ ކުރެވޭ މި ފޮނި ކާތަކެތީގެ ތެރޭގައި ހިމެނޭ މި ބާވަތަކީ ވެސް މަރިޔަމް ވިއްކުމަށް ވެސް ތައްޔާރު ކުރި ބާވަތެކެވެ. ތައްގަނޑެއް ބޭނުން ކޮށްގެން މަލެއްގެ ބައްޓަމަށް ހަދާ ފޮނިމަލަކީ މީހުންނަށް ހަދިޔާގެ ގޮތުގައި ދިނުމަށް ވެސް ރަނގަޅު ކާތަކެތީގެ ބާވަތެކެވެ.
ކެއްކުމުގެ އިތުރުން ގަސް ހެއްދުމަށް މަރިޔަމްގެ ހިތުގައި އޮންނަ ޝައުގުވެރިކަން އޭނާގެ ގެއަށް ބަލާލުމުން ރަނގަޅަށް ހާމެވެގެންދެއެވެ. ގޯތި ތެރޭގައި ހައްދާފައިވާ މާ ގަސްތަކުން ގޯއްޗަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެއެވެ. މާގަސްތަކުގެ އިތުރުން އޭނާގެ ގޭގައި މޭވާ ލިބޭ އެކިކަހަލަ ގަސްތައް ވެސް ހައްދާފައި ހުއްޓެވެ. މަރިޔަމް ބުނި ގޮތުގައި އެއީ އޭނާ ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެކެވެ.