ހުމައިރާ އަސްއަރު އަލީ އަކީ ކާކު؟
ހުމައިރާ އަސްއަރު އަލީ އުފަންވީ 1992 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޕާކިސްތާނުގެ ލާހޯރު އަށެވެ. އޭނާގެ ބައްޕައަކީ ޕާކިސްތާނުގެ އަސްކަރީ ޑޮކްޓަރެކެވެ. ކުރެހުމާއި ސްކަލްޕްޗާ ދާއިރާއިން ހުމައިރާ ވަނީ ޕަންޖާބުގައި ހުންނަ، ނޭޝަނަލް ކޮލެޖް އޮފް އާޓްސް އެންޑް ޑިޒައިން އިން މަތީ ތައުލީމު ހާސިލުކޮށްފައެއެވެ. ހުމައިރާ އެކްޓިންގެ ދާއިރާއަށް ލޯ ހުޅުވިގެން ދިޔައީ ކޮލެޖުގެ އުޅުނު ދުވަސްވަރު ރާފީ ޕީއާރް ތިއޭޓަރު ތެރެއިންނެވެ. އޭގެ ފަހުން މޮޑެލް ކުރުމުގެ އިތުރުން ޑްރާމާތަކާއި ފިލްމުތަކުންވެސް އޭނާއަށް ފުރުސަތު ލިބިގެން ދިޔައެވެ.
ގިނަ ޓީވީ ޑްރާމާތަކުގައި މަސައްކަތްކުރި ހުމައިރާ ވަނީ 2022 ވަނަ އަހަރު އާރީ ޑިޖިޓަލްގެ ރިއަލިޓީ ޝޯ ތަމާޝާ ގަރް (ސީޒަން ވަން) ގައި ބައިވެރިވެފައެވެ. މީއީ އޭނާއަށް ސޯޝަލް މީޑިއާގައި ގިނަ ފޮލޯވަރުން ލިބި ބޮޑު މަޝްހޫރުކަމެއް ލިބިގެން ދިޔަ ޝޯއެކެވެ. މީގެ އިތުރުން ހުމައިރާ ފެނިގެން ދިޔަ ޑްރާމާތަކުގެ ތެރޭގައި ޖަސްޓް މެރިޑް، ލަވް ވެކްސިން، ޗަލް ޑިލް މެރޭ، ސިރަތު-އީ-މުސްތާކިމް (ލާލީ)، އެހްސާން ފަރަމޯޝް، އަދި ގުރޫ އަކީ ފާހަގަކޮށްލެވޭ ޑްރާމާތަކެވެ. މީގެ އިތުރުން ހުމައިރާ ވަނީ އެކި ފިލްމުތަކުގައި ވެސް މަސައްކަތްކޮށް، މަޝްހޫރު ބްރޭންޑްތަކާއެކު، އަދި ފެޝަން މެގަޒިންތަކުންވެސް ފެނިގެން ގޮސްފައެވެ.
ހުމައިރާ މަރުވެފައި އޮތްކަން އެގުނީ 10 މަސް ފަހުން:
މިދިޔަ ހަފްތާތެރޭގައި މުޅި ޕާކިސްތާނާއި، ޕާކިސްތާނުގެ ޑްރާމާތަކަށް ލޯބިކުރާ ފަރާތްތަކަށް ބޮޑު ހައިރާންކަމެއް ލިބުނީ ހުމައިރާ ދިރިއުޅޭ އެޕާޓްމަންޓުގައި އޭނާ މަރުވެފައި އޮއްވާ ފެނުނު ހަބަރާ ގުޅިގެންނެވެ. މިފަދަ ބޮޑު މަޝްހޫރުކަމަކާއި މަގުބޫލުކަމެއް ލިބިގެން ދިޔަ ހުމައިރާ މަރުވީ ކޮން ދުވަހު ކިހިނެއްކަން އެއްވެސް މީހަކަށް ނޭގޭއިރު، އޭނާ ފެނުނު އިރު ހަށިގަނޑުވަނީ ވަރަށް ބޮޑަށް ކުނިވެ ފުޅައަޅާފައެވެ. ހުމައިރާ މަރުވެފައި އޮއްކަން އެގުނީވެސް އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުގެ ކުލި ނުދައްކައިގެން އެތަނުގެ ވެރި ފަރަތާކުން ކޯޓު އަމުރެއް ހޯދައިގެން، އެޕާޓްމަންޓުގެ ދޮރު ވައްޓާލާ އެތެރެއަށް ވަނުމުންނެވެ. އޭރު ބިލު ނުދެއްކުމުގެ ސަބަބުން އެތަނުގެ ކަރަންޓާއި ފެންވެސް ވަނީ ކަނޑާލާފައެވެ.
ހުމައިރާގެ ހަށިގަނޑު ފެނުމާއެކު ތަފާތް ގިނަ ވާހަކަތަކެއް މީޑިއާގައި ފެންމަތިވެގެން ދިޔައިރު ޖަވާބު ނުލިބޭ ސުވާލުތައްވެސް އެހާ ގިނައެވެ. ބައެއް މީހުން ބުނާ ގޮތުން ހުމައިރާ މަރުވެފައި އޮންނަތާ 2 ހަފްތާއެވެ. ނުވަތަ އެއް މަސް ދުވަހެވެ. އެކަމަކު ނޫސްވެރިޔާ އިގްރާރުލް ހަސަން ބުނެފައިވަނީ އެ ހަށިގަނޑަކީ، މަރުވެފައި އޮންނަތާ ނުވަ މަސް ދުވަސްވެފައިވާ ހަށިގަނޑެއް ކަމަށެވެ.
ހުމައިރާގެ މަރާއެކު ގިނަ ސުވާލުތަކެއް، އެއްވެސް މީހަކު އޭނާ ނުފެނިގެން އުޅުނުތަ؟
ސުވާލަކީ ނުވަ މަސް ދުވަހު އިންސާނަކު ގެއްލިގެން ދިޔައިރު އެއްވެސް މީހަކަށް އެކަން ފާހަގަނުކުރެވުނީ ކީއްވެ ހެއްޔެވެ؟ ހާއްސަކޮށް ހުމައިރާ ފަދަ އާންމުންގެ މެދުގައި މަގުބޫލު މޫނެއް ނުފެނުމުން އެ ސުވާލު އެއްވެސް މީހަކު ނުކުރީ ކީއްވެ ހެއްޔެވެ؟ ރައްޓެހިން، ދަންނަ މީހުން ނުވަތަ އަވަށްޓެރިންނާއި އޭނާއާއި އެއް ދާއިރާއެއްގައި މަސައްކަތްކުރާ މީހުން އޭނާގެ ހަބަރެއް ނުބެލީ ކީއްވެގެންތޯއެވެ؟ ސޯޝަލް މީޑިއާގައި އެކްޓިވްކޮށް އުޅުނު މީހަކު ގެއްލިގެން އެއްވެސް މީހަކު ނޫޅުނީ ކީއްވެތޯއެވެ؟ ގޭގެ ވެރިފަރާތުން ކޯޓަށް ނުދިޔަނަމަ، އެ ހަށިގަނޑު އެތަނުގައި އޮންނާނީ ކިހާ ދުވަހެއް ވަންދެންތޯއެވެ؟ ކުލީގެ މައްސަލަ ނުޖެހުނު ނަމަ އެ ހަމަހިމޭން މަރު މުއްދަތެއް ނެތް ގޮތަށް ފޮރުވިފައި އޮތީސް ހެއްޔެވެ؟
ނޫނެކެވެ! ހުމައިރާ ނުފެނިގެން އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް އެ ވާހަކަދެއްކި މީހަކު އެބަހުއްޓެވެ. އެއީ ނޫސްވެރިއެކެވެ. ހުރިހާ އެންމެންގެ ހަރަކާތްތައް ހޯދާ ބަލާ މީހެކެވެ. އޮކްޓޯބަރު 7، 2024 އިން ފެށިގެން ހުމާރާ ގެއްލިފައިވާ ކަމަށް ހާމަކުރި ފެޝަން މަޖައްލާގެ އެޑިޓަރު ދާނިޝް މަގްސޫދު އަހުމަދުއެވެ. ބޮޑެތި ޕަބްލިޝިން ހައުސްތަކާ އެކު އެ ވާހަކަތައް ގެނެސް ހުމައިރާ ހޯދަން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އެއްވެސް މީހަކު އެކަމަކަށް ސަމާލުކަމެއް ނުދިނެއެވެ. ދާނިޝްވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުވެސް ހުމައިރާ ގެއްލުނު މައްސަލަ ރިޕޯޓް ކުރުމަށް އޭނާ ވަނީ ވަރަށް މަސައްކަތްކޮށްފައެވެ.
އާއިލާއިން ހަށިގަނޑާ ހަވާލުވާން ދެކޮޅު ހެދި، އެހާ ރުޅި އަންނަންވީ ސަބަބު އަދިވެސް ނޭގުމެއްގައި:-
ފުލުހުންގެ މަސްދަރުތަކުން ބުނާ ގޮތުގައި ހުމެއިރާގެ ފޯނުން އޭނާގެ މައިންބަފައިންނަށް ގުޅާ، އޭނާގެ ބައްޕައާއި ހަށިގަނޑު ހަވާލުކުރުމަށް މަސައްކަތް ކުރެވުނެއެެވެ. އެހެންނަމަވެސް އެ ހަށިގަނޑު ބަލައިގަތުމަށް ދެކޮޅު ހަދަމުން ހުމައިރާގެ ބައްޕަވަނީ، “މީގެ ދެ އަހަރު ކުރިން އަހަރެމެން އޭނާއާއި ހުރިހާ ގުޅުމެއް ކަޑާލައިފިކަމަށް" ބުނެފައެވެ. މީގެ ކުރިން ހުމައިރާ ދިން އިންޓަވިއުއެއްގައި ވަނީ ފިލްމު އިންޑަސްޓްރީއާ ގުޅުމަކީ އޭނާގެ ބައްޕަ ވަރަށް ނުރުހޭ ކަމެއްކަން ފާހަގަކޮށްފައެވެ. އެހެންނަމަވެސް މަންމަގެ ފަރާތުން އެއްބާރުލުން ލިބުނުކަން އޭރު ހުމައިރާ ވަނީ ފާހަގަކޮށްފައެވެ
ސުވާލަކީ ކިތަންމެ ބޮޑު މައްސަލައެއް ޖެހުނަސް ދަރިއެއްގެ ފުރާނަ ނެތް މަސްގަނޑާ ހަވާލުވާން ބައްޕަ އާއި ބޭބެ ދެކޮޅު ހެދީ ކީއްވެތޯއެވެ. އެއްވެސް ބައްޕައަކު، އަންހެން ދަރިފުޅު މިގޮތަށް ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟ ހިތް ހިލައަށް ބަދަލުކޮށްލައިގެން އެ ތިބީ ހުމައިރާ ކޮންކަހަލަ ގޯހެއް ހަދައިގެން ހެއްޔެވެ؟ ހުމައިރާގެ ބައްޕަ އޭނާގެ ހަށިގަނޑާ ހަވާލުވެފައި ނުވާއިރު ގިނަ ބަޔަކު ވަނީ މިއީ ބަތަލާ އައިޝާ އާއި ދެތެރޭ އޭނާގެ ދަރިންވެސް ކަންތައް ކުރި ގޮތްކަމަށް ބުނެފައެވެ. އައިޝާ މަރުވި ހަބަރާއެކު، އޭނާގެ ހަށިގަނޑާއި ހަވާލުވާން ދަރިން ދެކޮޅު ހެދިކަމަށް ބުނެ ގިނަ ބަޔަކުވަނީ އެ ހަނދާންތައްވެސް އާކޮށްފައެވެ.
މަޝްހޫރު މީހުން ދިރިއުޅެނީ އެންމެ އުފާވެރިކޮށްތަ؟
ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މަޝްހޫރި މީހުން، މުއްސަނދިން، އެކްޓަރުން، އިންފްލޫއެންސަރުންނަކީ ވަރަށް އުފަލުގައި ހިތްހަމަޖެހިގެން ދިރިއުޅެމުން އަންނަ ބައެކެވެ. އެއީ އެމީހުންގެ ހުވަފެނީ ދުނިޔޭގައި ހަގީގީ ކުލަޖައްސައިގެން ހުރިހާކަމަކުން ފުދިގެން އުޅޭ ބައެކެވެ. އެކަމަކު އެމީހުންގެ ތެރެއިން ގިނަ މީހުންގެ ދިރިއުޅުމުގެ އެކަނިވެރިކަން އެގިގެން ދަނީ އެ ވާހަކަ އެހެން މީހުންނާއި ހިއްސާކުރުމުންނެވެ. ނުވަތަ އެމީހުން މަރުވުމުންނެވެ. އިންސްޓަގްރާމްގައި ހުމައިރާގެ ހަތްލައްކައަށް ވުރެ ގިނަ ފޮލޯވަރުން ތިއްބެވެ. ނަމަވެސް، ހަގީގީ ދިރިއުޅުމުގައި އޭނާގެ އެއްވެސް މީހަކު ނެތްކަން އެގިގެން ދިޔައީ އެކަނި އޮވެ މަރުވުމުންނެވެ. އެއީ ކުއްލި މަރެއް ނޫނެވެ. އޭނާ އެ އެކަނިވެރިކަމުގައި އެތައް ދުވަހެއްވަންދެން އުޅުނެވެ. އޭނާއަށް ލިބުނު މަޝްހޫރުކަމަކީ ވަގުތީ އެއްޗެކެވެ. އެ އުފާވެރި މޫނުގެ ފަހަތުގައި ފޮރުވިފައިވާ ހިތްދަތިކަން އެގޭނެ އެއްވެސް ގާތް މީހަކު އޭނާގެ ނެތްކަން އެގުނީ މަރުވެ ހަށިގަނޑު ކުނިވިއިރުވެސް އެއްވެސް މީހަކު އޭނާ ގެއްލިގެން، ނުފެނިގެން، ހޯދަން ނޫޅުމުންނެވެ.
ހުމައިރާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، ފުލުހުން ބުނީ އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓް-މޯޓަމް ރިޕޯޓު ލިބުމުން ކަމަށެވެ.