ރާއްޖޭގެ ނިޒާމައް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއެކު ކަމަށް ވޮއިސް އޮފް ޗިލްޑްރެން (ވީއޯސީ) އިން ބުނެފިއެވެ.

ވީއޯސީން މިހެން ބުނީ، އެ ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ކުރާ މުޒާހަރާތަކަށް މިނިސްޓަރުގެ ތާއިދު ލިބުމާ ގުޅިގެންނެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، މަގުތައްމަތީ ކުރާ މުޒާހަރާތަކުގެ އަޑު އޭނާއަށް އިވިވަޑައިގަންނަވާ ކަމަށެވެ.

ޖެންޑާ މިނިސްޓަރު ވިދާޅުވީ، ޖިންސީ ގޯނާއާ ފުރައްސާރައިން އަންހެނުންނާއި ކުޑަކުދިން ހިމާޔަތް ކުރުމަށް ނިޒާމުތައް މާ ގިނަ ދުވަސް ވަންދެން ފެއިލްވެފައިވާ ކަމަށެވެ. އަދި ނިޒާމު އިސްލާހުކޮށް ރަނގަޅު ކުރަން ޖެހޭ ކަމަށާއި އެކަން އަވަސް މުއްދަތެއްގައި ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިޖުތިމާއީ އިސްލާހުތަކާއި، ތަހުގީގު ކުރުމުގައި ގެންނަން ޖެހޭ އިސްލާހުތަކާއި، ޝަރުއީ މަރުހަލާގެ އިސްލާހުތަކުގެ އިތުރުން އެދޭތެރެއިން އަންނަ ކޮންމެ ފިޔަވަޅެއް ވެސް އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

ތި ފަރާތްތަކުގެ ކަންބޮޑުވުން އަޅުގަނޑުވެސް ހިއްސާކުރަން. މިހުރީ ތި ފަރާތްތަކާއެކު، ނޯ މީންސް ނޯ!
ޖެންޑާ މިނިސްޓަރު

މިނިސްޓަރު އައިޝަތު ވިދާޅުވީ، މަގުތައްމަތީ މުޒާހަރާ ކރުަމްުނދާ ފަރާތްތަކުގެ ކަންބޮޑުވުން އޭނާ ވެސް ހިއްސާ ކުރައްވާ ކަމަށެވެ. އަދި ހުންނެވީ އެ ފަރާތްތަކާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ވީއޯސީން ވަނީ މިނިސްޓަރާއެކު ގުޅިގެން މަސައްކަތް ކުރާން ކަމަށް ބުނެފައެވެ. އަދި މިކަމުގައި ހުރިހާ ފަރާތްތަކަކަށް ވެސް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

ވީއޯސީން ވަނީ އެ ޖަމްއިއްޔާގެ އިސްނެގުމުގެ މަތިން ފާއިތުވި ހަފްތާތެރޭގައި ޖިންސީ ގޯނާއާއި ރޭޕާ ދެކޮޅަށް ދެ މުޒާހަރާއެއް ބާއްވާފައެވެ. އެއީ މިދިޔަ ހޯމަ ދުވަހު ބޭއްވި މުޒާހަރާއަކާއި. އިއްޔެ ބޭއްވި މުޒާހަރާއެކެވެ. މި ދެ މުޒާހަރާގައި ވެސް ބައިވެރިން ވަނީ އެ ބައިވެރިންގެ ވާހަކަތައް އަސަރާއެކު ކިޔައިދީފައެވެ.