ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމްއިއްޔާތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަނުވާ ޖަމްއިއްޔާތައް އުވާލަން ނިންމާ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އިން އެ ޖަމްއިއްޔާތަކުގެ ލިސްޓް އާންމު ކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނުގައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާތީ 1989 ޖަމިއްޔާ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އިންއެކްޓިވް ޖަމްއިއްޔާތަކުން ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ދީފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މިހާރު އާންމުކޮށްފައިވާ ލިސްޓްގައިވާ ޖަމްއިއްޔާތަަކަށް ސެޕްޓެމްބަރު 24، 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން ޖަމްއިއްޔާއެއް އުވާލުން ހުއްޓުވައި ދިނުމަށް އެ ޖަމްއިއްޔާގެ މެންބަރަކަށް ނުވަތަ މަސްލަހަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްއިއްޔާތަކުގެ ރަޖިސްޓަރާއަށް ލިޔުމުން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ،

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ޖަމްއިއްޔާ ތަކަކީ އެޖަމްއިއްޔާއެއް ނިސްބަތްވާ ރަށާއި، އަތޮޅަށް އަދި މުޅި ގައުމަށް ނުހަނު ފައިދާހުރި އަގުހުރި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރަމުންގެންދާ ފަރާތްތަކެއްކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.