ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުން އޮގަސްޓު މަހުގެ ނިޔަލަށް ފަސް ކޮށްފިއެވެ.

މީރާ އިން ބުނީ ކޮމިޝަނާ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ ދަށުން ހުށަހަޅަން ޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި ޑޮނޭޝަންގެ މައުލޫމާތު ހުށަހެޅުމުގެ އެންމެ ފަހު ތާރީހު އޮގަސްޓު 31، 2021 ގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ތާރީހުގެ ނިޔަލަށް ލިޔެކިޔުން ހުށަނާޅާ ޖަމްއިއްޔާތައް، ކޮމިޝަނާ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުގެ ލިސްޓުން އުނިކުރެވޭނެ ކަމަށް ވެސް މީރާ އިން ވަނި ބުނެފައެވެ.

މީގެ ކުރިން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓު ހުށަހަޅަން ޖެހޭ ތާރިހަކީ ކޮންމެ އަހަރކު ވެސް ޖޫން މަހުގެ 30 ވަނަ ދުވަހެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްއްޔާތަކުގެ ލިސްޓު މީރާގެ ވެބްސައިޓުން ފެންނަން ހުންނައިރު އެ ފަދަ ޖަމްއިއްޔާތަކުން ކޮންމެ އަހަރަކާ ގުޅޭ އަހަރީ ރިޕޯޓާއި އެ އަހަރެއްގައި ލިބުނު ޑޮނޭޝަންގެ މައުލޫމާތު ހިމެނޭ ގޮތަށް އާމްދަނީއާ ހަރަދުގެ ބަޔާނެއް ހުށަހަޅަން ޖެހެއެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްއްޔާއަކުން ކޮމިޝަނާ ޖެނެރަލްގެ ހުއްދަ ހޯދަން ބޭނުންނަމަ "ޗެރިޓަބްލް އޮގަނައިޒޭޝަންތައް ރަޖިސްޓަރީކުރުން" ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހާ މައުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަން ޖެހެއެވެ.

އެހެންނަމަވެސް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަށް މީރާއިން ގަބޫލުކުރާ ޖަމިއްއްޔާތަކުގެ ލިސްޓުގައި ހިމެނޭ ފަރާތްތައް، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ކޮމިޝަނާ ޖެނެރަލް ހުއްދަ ދީފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްއްޔާތަކުގެ ގޮތުގައި ބެލެވޭނެ ކަމަށް މީރާއިން ބުނެއެވެ.