ރަޝިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އެއިރޯފްލޮޓްގެ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

ރާއްޖެއާއި ރަޝިއާގެ ވެރިރަށް މޮސްކޯއާ ދެމެދު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ A350-900 މަރުކާގެ ބޯޓެވެ. މިއީ ދިގު ރާސްތާ ތަކަށް ދަތުރުކުރުމަށް އެންމެ ރަނގަޅު ބޯޓަށްވާއިރު މިއީ ދެ އިންޖީނުލީ ވައިޑް ބޮޑީ އެއާ ކްރާފްޓެކެވެ. މިހާރުވެސް ރާއްޖެއާ ދެމެދު ދަތުރުތައް ކުރަމުންދާ މި އެއާލައިންގެ ދަތުރުތައް އިތުރު ކުރުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރުން ފެށިގެންނެވެ.

A350-900 މަރުކާގެ ބޯޓުގައި ނުވަ ގަޑިއިރުގެ މި ދަތުރުގައި ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކޮށްލެވޭނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

އެއިރޯފްލޮޓް ރާއްޖެއާ ދެމެދު ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ:

  • 14 މެއި 2024 އިން ފެށިގެން - ހަފްތާއަކު ފަސް ފްލައިޓް
  • 6 ޖޫން 2024 އިން ފެށިގެން - ހަފްތާއަކު ހަތަރު ފްލައިޓް
  • 30 ސެޕްޓެމްބަރު 2024 އިން ފެށިގެން - ހަފްތާއަކު ހަތް ފްލައިޓް

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އިތުރަށް ހޫނުވުމާ ގުޅިގެން ދެ މަސް ދުވަހަށް ދަތުރުތައް މެދުކަނޑާލުމަށް ފަހު އެރޮފްލޮޓް އިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށާފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހުއެވެ.

ރަޝިއާ އަކީ ރާއްޖެއަށް ކޮންމެ އަހަރު އެތައް ފަތުރުވެރިންނެއް ދަތުރުކުރާ ގައުމަކަށްވާއިރު އެ ގައުމުގެ މާކެޓް އިތުރު ކުރުމަށް މިއީ ރަނގަޅު ފުރުސަތަކަށް ވެގެންދާނެއެވެ. ހުސްވި އަހަރު އެންމެ ގިނައިން ރާއްޖެ އައީ އިންޑިއާ ފަތުރުވެރިން ނަމަވެސް މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ރަޝިއާއިންނެވެ.

ނިމިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއަހަރަށް ސަރުކާރުން އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އަދި ހަމަ އެހެންމެ މި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ކޮވިޑް-19 ގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދިޔަ ޗައިނާ މާކެޓް އިތުރަށް ރަނގަޅު ކުރުމަށެވެ.