މިދިޔަ ހޯމަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެ ރޭ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލެއް ކޮންޓްރޯލް ނުވެ ޒިބްރާ ކްރޮސް ޕޯސްޓް ދަނޑީގައި ޖެހިއެވެ. އެ އެކްސިޑެންޓްގައި 32 އަހަރުގެ މީހަކަށް އަނިޔާވެފައިވާއިރު އޭނާގެ ހާލު ސީރިއަސްއެވެ.

އެ މީހާވެސް އިތުރުފަރުވާއަށް މާލެ ގެނެސްފައިވާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި ޒިބްރާ ކްރޮސް ޕޯސްޓް ދަނޑި ބިންދައިގެން ގޮސް ޕާކު ކޮށްފައިވާ ސައިކަލަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. އަދި އަނިޔާ ލިބުނު މީހާގެ ބޮލުގެ ނާށިގަނޑު ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާއިރު އޭނާގެ ވާއަތް ފަޅިއަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އެ ކަމުގެ މައުލޫމާތު އެނގޭ މީހާކު ވަނީ ބުނެފައެވެ.

އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އަންގާރަ ދުވަހުގެ ރޭ އެ ސިޓީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނަކުވެސް އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

މިއަދު އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް ވިދާޅުވީ ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވެގެން ފުރަތަަމަ ގެނައި މީހާއަށް ފަރުވާދެމުންގެންދަނީ އައިސީޔޫގައި ކަމަށެވެ. އަދި ދެވަނަ އަށް ގެނައި މީހާއަށް ފަރުވާދެމުން ގެންދަނީ އެ ހޮސްޕިޓަލްގެ ވޯޑްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ރޭ އެކްސިޑްންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ދިގުވާޑު ނައިބުތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހިއެވެ. އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކަށެވެ.