ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ)ގެ ކުރިއަށް އޮތް ފިލްމު "ސޮރީ"ގައި ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް ތަރިންގެ ތެރޭ ހިމެނޭ ހުސައިން ސޮބާހު ހަރަކާތްތެރިވާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ނަހޫގެ "ސޮރީ"ގެ ޝޫޓިން ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާއިރު މަޝްހޫރު ފިލްމީތަރި ޝީލާ ނަޖީބު އޭނާގެ ޓިކްޓޮކް އެކައުންޓުގައި ސޮބާ އާއެކު ޕޯސްޓްކުރި ވީޑިއޯގައި ބުނީ ފިލްމީ ކެރިއަރުގައި ސޮބާ އާއެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާ ކަމަށާއި މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އެ ވީޑިއޯގައި ސޮބާ ބުނީ "ސޮރީ ފޮ ބީން ލޭޓް" ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭ ޝީލާއާއެކު ދުވަހަކުވެސް މަސައްކަތްކޮށްފައިނުވާ ކަމަށާއި ޝީލާ އާއެކު ފިލްމެއް ކުޅޭނެ ދުވަހެއްގެ އިންތިޒާރުގައި ހުއްޓާ އެ އުންމީދު ހާސިލްވެފައިކަމަށެވެ. 1995 ވަނަ އަހަރު ފިލްމު "ދުޝްމަން" އިން މަރިޔަމް ނިޝާ އާއެކު ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލި ސޮބާ އަކީ ދިވެހިންގެ މެދުގައި މަގްބޫލު އެކްޓަރެކެވެ.
ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ފުންނާބު އުސް ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި މަރިޔަމް އައްޒަ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ނަހޫގެ ހަގު އަންހެން ދަރިފުޅުގެ އިތުރުން ނާޝްގެ ދަރިފުޅުވެސް ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެއެވެ. 2019 ވަނަ އަހަރު އިއުލާންކުރި މި ފިލްމަކީ ނަހޫގެ ބޮޑު ބްރޭކަކަށް ފަހު ގެނެސްދޭ އެންމެ ފުރަތަމަ ފިލްމުވެސް މެއެވެ. އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ފިލްމަކީ ދިވެހި އޯޑިއަންސް އަށް ކަމުދާނެ ފިލްމެކެވެ. ބެލެވޭ ގޮތުގައި މި ފިލްމު މި އަހަރު ދިވެހި ސިނަމާއަށް އަންނާނެއެވެ.
ނަހޫ ޕްރޮޑިއުސްކޮށް އެންމެ ފަހުން ގެނެސްދިނީ 2017 ވަނަ އަހަރު އާއިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ ދިވެހި ފިލްމު "ބޮސް" އެވެ. އެފިލްމަށް ވެސް ދިވެހިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. އެ ފިލްމުގައި ލީޑު ރޯލު ކުޅުނީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުތް މުހައްމަދު ޔުނާން އާއި މަރިޔަމް އައްޒަ އެވެ. އެ ފިލްމަކީ ވެސް ބޮޑު ކާސްޓެއް ފެނިގެންދިޔަ ފިލްމެކެވެ.