ޖިންސީ ފުރައްސާރަައިގެ މައްސަލައެއްގައި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް ސަސްޕެންޑްް ކޮށްފިއެވެ.
ބައްސާމް ސަސްޕެންޑު ކޮށްފައިވަނީ އެ ކުންފުނީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެކަން އިތުރަށް ތަހުގީގު ކުރުމަށެވެ.
މިކަމާ ގުޅިގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތުމަތު ތައުފީގު ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ބައްސާމް އިއްޔެ ސަސްޕެންޑު ކޮށްފައި ވާކަމަށާއި، ކުންފުނީގެ ސަމާލުކަމަށް މި މައްސަލަ އައީ ސޯޝަލް މީޑިއާއިން ކަމަށެވެ. ތައުފީގު ވިދާޅުވިގޮތުގައި އެ ކަހަލަ މައްސަލައެއް ރަސްމީކޮށް ކުންފުންޏަށް ހުށައަޅާފައެއް ނުވެއެވެ.
ނަމަވެސް އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށާއި މެނޭޖްމަންޓުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑިސިޕްލިނަރީ ކޮމެޓީން އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އެމްއެމްޕީއާރްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިންސީ ފުރައްސާރައިގެ އަމަލުތައް އެއްވެސް ހާލެއްގައި ބަލައި ނުގަންނާނެ ކަމަށާއި، މިފަދަ އަމަލެއް ކުރާ ކޮންމެ މުވައްޒަފަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައްސާމް މުވައްޒަފުންތަކަށް ޖިންސީ ފުރައްސާރަކުރީ ދާދި ފަހުން ޖަރުމަންގައި އޮތް ބާލީން ފެއާ ދަތުރުގެ ތެރޭގައެވެ.