ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރަކަށް ނ. ހޮޅުދޫ، އުފަންވެލި މުހައްމަދު ތޯހާ އައްޔަން ކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް މަޖިލީހަށް ފޮނުވައިފިއެވެ.
ބޭރު ގައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުން ހަމަޖެއްސުމަށްޓަކައި ރައީސް ޑރ. މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ނިންމުމަށް މައްސަލަ އާ ގުޅޭ ދާއިމީ ކޮމިޓީ އަށް ފޮނުވުމަށް ނިންމީ ހޯމަ ދުވަހުއެވެ. އެއްވެސް ގައުމަކަށް ސަފީރަކު އައްޔަން ކުރައްވަން ބޭނުންފުޅުވާނަމަ އެ ނަމެއް ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަން ޖެހިވަޑައިގަންނަވައެވެ.
ރައީސް ޑރ. މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާ އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަަމަށް މުހައްމަދު ތޯހާ އައްޔަން ކުރުމާ މެދު މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް އަންގަވާދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގާނޫނުއަސާސީ އާއި ފޮރިން ސާވިސް ގާނޫނުގެ ދަށުން ސައުދީ އަށް ކަނޑައަޅާ ސަފީރަކަށް ތޯހާ އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިިލިހަށް ފޮނުއްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ރައީސް ފޮނުއްވި ސިޓީފުޅު ހޯމަ ދުވަހުގެ ޖަލްސާގައި އިއްވާ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ.