ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ސައޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދަށް އަރުވައިފިއެވެ.
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދަށް އަރުވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ. ސައޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދަށް، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ސައުދީ ފަންޑުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށާއި، ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް، ވަރަށް ފުޅާ، ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ރައީސް، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ސައުދީފަންޑް ފޮ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރަށް އަރުވައިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ 3 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.