ހައްޖާޖީންނަށާއި އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް، އަދި ދެ ހަރަމްފުޅު ގަސްދުކޮށްގެން ސައޫދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ދޭ ހާއްސަ މެހެމާންދާރީއާއި ހިދުމަތްތަކަށް އަދި ފަހިކޮށްދެއްވާ ފަސޭހަތަކަށް ޓަކައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެހަރަމްފުޅުގެ ހާދިމް ސަލްމާން ބިން އަބްދުލް އަޒީޒަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށާއި އެ ގައުމުގެ ސަރުކާރަށް ވަރަށް ހާއްސަ ޝުކުރެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދާކުރައްވައިފިއެވެ.

ރައީސްގެ ރަސްމީ އެކްސް އެކައުންޓުން އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި ސައޫދީ އަރަބިއްޔާގެ މި އޯގާތެރިކަން އެމަނިކުފާނު ސިފަކުރައްވާފައިވަނީ ހިތަށްވެސް ގެންނަންދަތި މަތިވެރި ހިދުމަތްތަކެއްގެ ގޮތުގައެވެ. އަދި ހުއްޓުމެއްނެތި ކުރައްވަވާ ބުރަ މަސައްކަތްޕުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، ސަޢޫދީ ޢަރަބިއްޔާގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ތައުފީޤު އަބަދުމެ ދެއްވުން އެދި ދުޢާ ކުރައްވާފައި ވެއެވެ. އަދި މި އިޙްސާންތެރިޚިދުމަތުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެއެވެ.

ސައޫދީ އަރަބިއްޔާއަށް ރައްކާތެރިކަން ދެއްވުން އެދި ރައީސްގެ ޕޯސްޓުގައި ކުރައްވާފައިވާ ދުއާގައި ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ދިގު އުމުރުފުޅަކާއި ފުރިހަމަ ސިއްހަތާއި އާފިޔަތުގެ ނިއުމަތަށް އެދިވަޑައިގެންފައިވެއެވެ. އަދި ހަސަދަވެރީންނާއި ހިޔާނާތްތެރީންނާއި މަކަރުވެރީންގެ ނުރައްކަލުން ސައޫދީ އަރަބިއްޔާ ސަލާމަތްކޮށްދެއްވައި އެ ގައުމުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ދަމަހައްޓަވައި އުފާފާގަތިކަން ދެއްވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ދިވެހި ހައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ސައޫދީ ސަރުކާރުން ދަނީ ފަހިކޮށް ދެމުންނެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގައި ހާއްސަ ހުއްދައަކާ އެކު ދިވެހިރާއްޖެ ބައިވެރިކުރެއްވުން ފާހަގަކުރެވެއެވެ.

މައްކާ ރޫޓު އިނީޝިއޭޓްގެ ދަށުން މި އަހަރުން ފެށިގެން ދިވެހި ހައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އަދި ހައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ހައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ހިދުމަތްތަކެއް ވަނީ އިތުރަށް ފަހިވެފައެވެ.