ފުވައްމުލަކު ސިޓީގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކު ސިޓީގައި ސައިކަލެއް ކޮންޓްރޯލް ނުވެ ޒިބްރާ ކްރޮސް ޕޯސްޓް ދަނޑީގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 11:43 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި 32 އަހަރުގެ މީހަކަށް އަނިޔާވެފައިވާއިރު އެ މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ. އެ މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މީހާއަށް އިތުރު ފަރުވާ ދިނުމަށް ރޭ ފަތިހުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި ޒިބްރާ ކްރޮސް ޕޯސްޓް ދަނޑި ބިންދައިގެން ގޮސް ޕާކު ކޮށްފައިވާ ސައިކަލަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. އަދި އަނިޔާ ލިބުނު މީހާގެ ބޮލުގެ ނާށިގަނޑު ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާއިރު އޭނާގެ ވާއަތް ފަޅިއަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އެ ކަމުގެ މައުލޫމާތު އެނގޭ މީހާކު ވަނީ ބުނެފައެވެ.