ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ވާނުވާ، މައްސަލަ ހުށަހަޅާ ފަރާތަށް ކޮންމެ 14 ދުވަހަކުން ހިއްސާ ކުރާގޮތަށް އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުންނަށް ހުށައަޅާ މައްސަލަތައް ކުރިއަށްދާކަން ނުވަތަ ނޫންކަން ނޭނގުމަކީ އާންމުންގެ ކަނބޮޑުވުމެއްކަން ފާހަގަ ކުރައްވާ ޝުޖާއު ވިދާޅުވީ ހުސްވި އަހަރު ފުލުހަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ބޭއްވި ފޯރަމުގައިވެސް އާންމުން އެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

އަދި މައްސަލަތައް ކުރިއަށް ދަނީ ފުލުހުންގެ ތެރެއިން އިސް ބޭފުޅަކަށް ގުޅައިގެން، ނުވަތަ ހުންނަ ރަހުމަތްތެރިއެއް މެދުވެރިކޮށް ކަމަށް އާންމުން ފާހަގަކުރާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން ފުލުހުންގެ ހިދުމަތަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އެފަދަ ވިސްނުންތައް ބަދަލުކުރަންޖެހޭ ކަމަށާއި، އަމާޒަކީ މި ދައުރު ތެރޭގައި ހުށަހަޅާ ކޮންމެ މައްސަލައެއްގެ އެންމެފަހުގެ މައުލޫމާތު ކޮންމެ 14 ދުވަހަކުން މައްސަލަ ހުށަހަޅާ ފަރާތާ ހިއްސާކުރަން ފެށްޓެވުން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރަން، އިރާދަކުރެއްވިއްޔާ މި ދައުރުގައި ފެނިގެންދާނެ، ފުލުހުންގެ އިދާރާއަށް ހުށަހަޅާ މައްސަލަތަކުގެ ވާނުވާއެއް އެ މައްސަލަ ހުށަހެޅި ފަރާތަށް އެޓްލީސްޓް ކޮންމެ 14 ދުވަހަކުން 1 ދުވަހު މަދުވެގެން އެ ފަރާތަކާ ގުޅާލައިގެން އެ ކުރެވުނު މަސައްކަތްތައް ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކުރުން،" ޝުޖާއު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ފުލުހުންގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެން ހުރި މަސައްކަތްތައްވެސް ޝުޖާއު ވަނީ ހިއްސާ ކުރައްވާފައެވެ.