ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް މުއާމަލާތް ކުރެވޭގޮތް މިއަދު ހަމަޖައްސައިފިއެވެ.

މި ބަދަލާ އެކު ފޮރިން މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް އިން ކުރިން ބްލޮކްކޮށްފައިވާ ޕްލެޓްފޯމުތަކުން މުއާމަލާތް ކުރެވޭނެއެވެ. އެގޮތުން ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެއިތުރުން ބީއެމްއެލް އިން ބުނީ މި ކާޑުތަކުގެ އިތުރުން ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެ ކަމަށެވެ.

މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މިއީ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެހީވުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.

މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭ ހިނދު، އެފާރަތްތަކަށް އެހީތެރިވުމުގެ މުހިންމުކަމަށް ބަލައި ގެނެވުނު ބަދަލެއް.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ

ސްޓުމްކަ އިތުރަށް ވިދާޅުވީ މިއާއެކު ބީއެމްއެލް އިން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ވެގެން ދާނެ ކަމަށާއި، އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.