ދައުލަތުގެ އާ ޕޭ ރޯލްގައި މިހާރު ކަނޑައަޅާފައިވާ 10 އިންސައްތަ އަށްވުރެ އިތުރަށް މިހާރު ވެސް ސިއްހީ މަސައްކަތްތެރިން މަސައްކަތް ކުރަން ޖެހޭކަމަށް ބުނެ ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ނެރުނު ބަޔާނުގައި ވަނީ އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ އިތުރު ގަޑީގެ ފައިސާ ލިބޭނެކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 އިންސައްތައަށްވާ މިންވަރަށް ވާތީ އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރެވިގެން ނުވާނެ ކަމަށެވެ. އަދި ވަޒީފާއާއި ބެހޭ ގާނޫނާ ހިލާފަށް ހެދޭ ކޮންމެ ގަވައިދެއް، އުސޫލެއް އަދި ކޮންމެ މިންގަނޑަކީ ބާތުލު އެއްޗެއްކަމުގައި އެ ޔޫނިއަން އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ބަޔާނުގައި ވަނީ ސިއްހީ ހިދުމަތް ހޯދާ ބަލި މީހުންގެ އަދަދާ އަޅާބަަލާއިރު ސިއްހީ މަސައްކަތްތެރިންގެ އަދަދު މަދުވުމުގެ ސަބަބުން ރަސްމީ ގަޑީގެ އިތުރަށް ގިނަ ވަގުތުތައް ސިއްހީ މަސައްކަތްތެރިން މަސައްކަތުގައި ހޭދަކުރަން ޖެހޭކަން ފާހަގަކޮށްފައެވެ. އަދި އިތުރުގަޑީގެ ފައިސާ ނުދޭކަމުގައި ވާނަމަ ދައުލަތުގެ އައު ޕޭ ފްރޭމްކޯކްގައި މިހާރު ކަނޑައަޅާފައިވާ 10 އިންސައްތައަށް ވުރެ އިތުރަށް ސިއްހީ މަސައްކަތެރިން މަސައްކަތްކުރަން ނުޖެހޭނެކަމުގައި އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ.

އިތުރަށް އެ ޖަމިއްޔާއިން ބުނީ މިނޫންގޮތަކަށް މަސައްކަތްކުރުވުން ވެގެންދާނީ ދައުލަތުގެ މުވައްޒަފުންނަށް އުޖޫރަ ނުދީ މަޖުބޫރުން މަސައްކަތްކުރުވުންކަމުގައެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ބުނީ ރަސްމީ މަސައްކަތު ގަޑީގެ ބޭރުން އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށަ މަސައްކަތްކުރުވުމަކީ ރާއްޖެއިން ސޮއިކޮށްފައިވާ 'ފޯސްޑް ލޭބާ' ނައްތާލުމާ ގުޅޭ ކޮންވެންޝަނާ ހިލާފުވުން ކަމުގައެވެ. އަދި މި ރޯދަމަހުގެ ފަހު ދިހައެއްގައިވެސް ސިއްހީ ހިދުމަތްތެރިން، ހިދުމަތުގައި ތިބޭއިރު، މިހާރު އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު އޮތް ގޮތުން ސިއްހީ ހިދުމަތްތެރިންގެ ހައްގުތައް ގެއްލޭކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.