ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުއަކީ މި ސަރުކާރުން ދުރާލާ ރާވައިގެން ކުރަން އުޅުނު ކަމެއް ނޫންކަމަށާއި، އެތަން މިހާރު ގިރަމުން އެދަނީ އެއްވެސް ޕްލޭނެއް ނެތި ފެށުމުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގައި އެމްޑީޕީއިން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެތަން ހިއްކާނެ ފައިސާގެ އިތުރުން ފަސްވެސް ނެތް ކަން މިހާރު ހާމަވާ ކަމަށް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފްލެޓުތައް މިހާރު "ނުހައްގުން ބަހާނުލެވި އޮތީ" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީ އަށް އޮތުމުންކަމަށްވެސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އޮތީ ބޭރު ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ ދޮގު ވާހަކަތަކެއް ދެއްކުމަށް ފަހު ވެރިކަމަށް އައިސް މި ސަރުކާރުން މާލެ ސަރަހައްދުން ބޮޑެތި ބިންތަކެއް ބޭރު ބަޔަކަށް ދީފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސޯލިހު އިތުރަށް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށް ހަދާފައިވަނީ ދޮގު ކަމަށާއި އޭގެ އެންމެ ބޮޑު އެއް ދޮގަކީ މުޅި ރާއްޖޭގައި އިންޑިއާ ސިފައިން ހާހުން ތިބި ކަމަށް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީ އިން ދެއްކި ވާހަކަތައް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި އަޑުއިވުނު އަޅުގަނޑުމެންނާ އިދިކޮޅު ބައެއް ކެންޑިޑޭޓުން ވިދާޅުވި، ހިނގައިނުގަނެވިގެންނޭ މި އުޅެނީ ރަށްރަށުގައި، އިންޑިއާ ސިފައިންނާ ހެދި. އަޅައިގަނެފައި ވެއްޓެނީއޭ. އޭހާ ބައިވަރު އިންޑިއާ ސިފައިން ތިބި ވާހަކަ ދެއްކީ،
ރައީސް ސޯލިހު

ސޯލިހު ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަން މިއަދު ރައްޔިތުންނަށް ހާމަވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ކުރިއަށް ދާއިރު، ކޮންމެ ރެއަކު ވެސް ރައީސް އާއި ކުރީގެ ރައީސް އިބޫއާ ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރައްވަ އެވެ. ދެ ބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ހަމަލާތައް ރައްދު ކުރައްވަނީ މާލޭގެ ރައްޔިތުންނަށް ކުރީ ސަރުކާރުން ދޫކުރި ގޯތިތަކުގެ މައްސަލާގައެވެ.

މާލޭގައި އޮތް ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވައުދުވެފައިވާ ގޮތަށް ގޯތި ލިބުނު އެންމެންނަށް އެމީހެއްގެ ގޯތި ހަވާލު ކުރަމުންދާނެ ކަމަށާއި ކުރީ ސަރުކާރުން ހެދިހެން ރައީސް އޮފީސް ތެރޭ ވަކި ލިސްޓެއް ހަދައި ގޯތިތައް ދޫކުރަމުން ނުދާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް ގޯއްޗެއްގައި އަތެއް ނުލާނެ ކަމަށާއި މަސައްކަތް ކުރަމުން ދަނީ ގޯތިތައް އަވަހަށް ދޫކުރުމަށް ކަމަށެވެ.