ދަނޑުވެރިކަމަކީ ބުރަ އަދި ގިނަ ވަގުތުތަށް އެ މަސައްކަތެއް ކުރުމަށް ހޭދަވާ މަސައްކަތްތެއް ކަމުގައިވީ ނަމަވެސް ދަނޑުވެރިކަން ކުރާ ދިވެހިން މަދެއް ނޫނެވެ. ބުރަ ނަމަވެސް ރަނގަޅު އާމްދަނީއެއް ލިބޭ މި މަސައްކަތުގައި ގިނަ ދިވެހިންތަކެއް މިއަދު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މި މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ދަނޑުވެރިން އަދިވެސް އެ މަސައްކަތް ކުރަމުން ދަނީ ކުރާ ހިތުންނެވެ.
އެގޮތުން ހދ. ނޮޅިވަރަމަށް އުފަން އުމުރުން 70 އަހަރުގެ އާދަމް ހަލީމްއަކީ ވެސް މުރާލި ދަނޑުވެރިއެކެވެ. އަދި ހީވާގި ރާވެރިއެކެވެ. މެދުކެނޑުމެއްނެތި ދަނޑުވެރިކަން ކުރާތާ ގާތްގަނޑަކަށް 35 އަހަރުވެފައިވާއިރު އޭނާ ވެސް އެ މަސައްކަތް ކުރަމުން އަންނަނީ ކުރާ ހިތުންނެވެ. އޭނާ ދަނޑުވެރިކަން ކުރަން ފެށީ ދަނޑުވެރި ކަމާ ގުޅޭ ކޯހެއް ނުވަތަ ތަމްރީނަކާ ނުލައެވެ.
އެއްވެސް ތަމްރީނަކާ ނުލައި މަސައްކަތް ފެށި ނަމަވެސް އާދަމް ހަލީމް މިހާރު ވަނީ އެގްރިކަލްޗަރަލް މިނިސްޓްރީއިން ހިންގި 2 ކޯހެއް ފުރިހަމަކޮށްފައެވެ. އަދި ދަނޑުވެރިކަމުގައި މިހާ ހިސާބަށް އާދެވުނީ ކާށިދޫ ހަލީލުގެ އެހީތެރިކަމާއެކުކަން އާދަމް ފާހަގަ ކުރެއެވެ. މީގެކުރިން ކިޔުކަންބާ އަދި ކަރާ ފަދަ ބާވަތްތައް ހެއްދި ނަމަވެސް އާދަމް މިހާރު ހައްދަނީ ހަމަ އެކަނި މިރުހެވެ.
މިރުސް އެކަނި ހައްދާތާ 20 އަހަރު:
އާދަމް ބުނި ގޮތުގައި މިރުސް އެކަނި ހައްދާތާ މިހާރު 20 ވަރަކަށް އަހަރު ވެދާނެއެވެ. ކުރިން ހައްދަމުން ދިޔަ ބާވަތްތައް ދޫކޮށް ހަމައެކަނި މިރުސް ހެއްދުމަށް އޭނާ ނިންމީ އެކަނި މަސައްކަތް ކުރަން ޖެހުމާއެކު މިރުހުން ލިބޭ ފައިދާ ބޮޑުކަމަށް ފެންނާތީއެވެ. އަދި އޭނާ ދަސްކޮށްފައި ވަނީ ވެސް މިރުހުގެ އެކި އެކި ބާވަތްތައް ހައްދާނެ ގޮތް ކަމަށް އޭނާ ބުނެއެވެ.
އާދަމް ހަލީމް މިރުސް ކަނޑައި އުޅެނީ ކޮންމެ ހަފްތާއެކު 1 ދުވަހުއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ވެސް 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ އަދަދަކަށް މިރުސް ކަނޑާކަން އޭނާ ފާހަގަ ކުރެއެވެ. އެއްފަހަރެއްގެ މަތިން އެންމެ ގިނަ މިރުސް ކަނޑާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށާއި އޭރު 170 ކިލޯގެ މިރުސް އެސްޓީއޯއަށް ކިރާފައިވާނެ ކަމަށް އޭނާ ބުނެއެވެ.
އާންމު ގޮތެއްގައި އާދަމް ހަލީމް މިރުސް ވިއްކަނީ ކައިރީގައި އޮންނަ ކުޅުދުއްފުށި ސިޓީއަށެވެ. އެ ރަށުގެ 2 ފިހާރައަކުން އޭނާ އަތުން މިރުސް ގަންނައިރު މިރުސް ވިއްކަން ބާޒާރުގައި އިންނަ ނުޖެހޭކަން އާދަމް ފާހަގަ ކުރެއެވެ.
ކެމިކަލް ބޭސް ބޭނުމެއް ނުކުރޭ، ބޭނުން ކުރަނީ އަމިއްލަ އުފެއްދުމެއް:
ދަނޑުވެރިކަން ކުރުމުގައި އާދަމް ވަނީ ކުރިން ކެމިކަލް ބޭސް ބޭނުންކޮށްފައެވެ. އާދަމް ކެމިކަލް ބޭސް ބޭނުން ކުރުން ހުއްޓާލިތާ 5 އަހަރުވެފައިވާއިރު މިހާރު އޭނާ ބޭނުން ކުރަނީ އަމިއްލައަށް އުފައްދާ ބޭހެކެވެ. އެއީ މުގުރި ކަޅުދިރި، ކަޅުދިރި ތެޔޮ އަދި ކެތަރިން ސާފަތް ބޭނުންކޮށްގެން ތައްޔާރު ކުރާ ބޭހެކެވެ. މީގެއިތުރުން މަހަކު 2 ފަހަރު ގަސް ކާނާ ބޭނުން ކުރެއެވެ. ގަސް ކާނާގެ ގޮތުގައި ބޭނުން ކުރަނީ ގެރި ގުއި ނުވަތަ ޔުނިގްރޯއެވެ. އާދަމް ފާހަގަ ކުރި ގޮތުގައި މި މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުވެރިކަމަށް ބޭނުން ކުރާ ގަސްކާނާ ފަދަ އެއްޗެހި ރަށުން ގަންނަން ނުލިބުމެވެ.
މީގެ 5 އަހަރު ކުރިން ނަމާދު ވަގުތުތައް ފިޔަވާ ދުވާލުގެ ހުރިހާ ވަގުތެއްހެން ވެސް އާދަމް ހޭދަ ކުރަނީ އޭނާގެ ދަނޑުގައެވެ. ނަމަވެސް މިހާރު އުމުރުން ދުވަސްވުމާއެކު ދަނޑުގައި ހޭދަ ކުރާ ވަގުތު މަދު ނަމަވެސް އަދިވެސް ދުވަހުގެ ބޮޑުބައެއް އޭނާ ހޭދަ ކުރަނީ ދަނޑުވެރިކަމުގެ މަސައްކަތުގައެވެ.
އާދަމްއަކީ ދަނޑުވެރިއެއްގެ އިތުރުން ރާވެރިއެއް، ރާވެރިކަމުގައި 45 އަހަރު:
އާދަމް ރާވެރިކަން ކުރަން ފެށީ ދަނޑުވެރިކަން ކުރަން ފެށުމުގެ 10 އަހަރު ކުރިންނެވެ. ރާވެރިކަން ކޮށް އުޅުނު ޒަމާނުގައި 10 ރުކަށް އަރާ ކަމަށް އާދަމް ބުނެއެވެ. ޒަމާނަށް އައި ތަރައްގީއާއެކު މިހާރު ރާ އެޅުމަށް ފުޅިބުރި ބޭނުން ކުރި ނަމަވެސް ރާ މީރުވާނީ ގުޑީގައި ކަމަށް އާދަމް ބުނެއެވެ.
އާދަމް ފާހަގަ ކުރި ގޮތުގައި ހެނދުނުގެ ރަލާ ހަވީރުގެ ރަލުގައި ތަފާތެއް ހުރެއެވެ. އެގޮތުން ހެނދުނުގެ ރަލަށްވުރެ ހަވީރުގެ ރާ މީރުވާނެ ކަމަށް އޭނާ ބުނެއެވެ. މިކަމުގެ ސަބަބެއްގެ ގޮތުގައި އާދަމް ބުނީ މެންދުރު ރުކަށް އަރާތީވެ ހަވީރު ނަގާ ރާ އާ ކޮށް ހުރުން ކަމަށެވެ. އަދި ހަވީރު ރުކަށް އެރުމަށްފަހު ދެން އަނެއް ދުވަހު ހެނދުނު ރުކަށް އަރާތީ ހެނދުނުގެ ރާ އާނުވެ ހުރުމެވެ. މީގެއިތުރުން ދިގު ރުއްރުކުގެ ރާ މީރުކަން އޭނާ ފާހަގަ ކުރެއެވެ.
އާދަމް ވަނީ މި ރޯދަމަހަށް 3 ރާ ރުއް ތައްޔާރުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ރޯދަމަހުގައި ރަލަށް އޮންނަ ޑިމާންޑް އިތުރުވެ، ރަލުގެ އަގު މައްޗަށް ދެއެވެެ. މީގެ ކުރިން ގިނަ ރުއްތަކަށް އެރިއިރު އޭނާ ވަނީ ރަލުގެ ގޮތުގައި ގޮތުގައްޔާއި އަދި ދިޔާ ހަކުރުގެ ގޮތުގައި ވެސް އާމްދަނީ ހޯދާފައެވެ.
އާދަމްގެ މަސައްކަތުގެ އެންމެ ބޮޑު އެހީއަކީ އާއިލާ:
އާދަމް ބުނި ގޮތުގައި އޭނާގެ މަސައްކަތުގައި އާއިލާގެ މެންބަރުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ. އަދި މީގެ 10ވަރަކަށް އަހަރު ކުރިން ދަރިން މީހުންނާ ނީންނައިރު ހުރިހާ ދަރިން ވެސް ދަނޑަށް ގޮސް އޭނާއާއެކު ދަނޑުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅޭކަމަށް އޭނާ ބުނެއެވެ.
ވަކިން ހާއްސަ ގޮތެއްގައި އާދަމްގެ އަންހެނުންގެ ހިއްސާ މި މަސައްކަތުގައި ބޮޑުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އާދަމް ބުނީ ދަނޑުނޮޅާ ސާފު ކުރުމުގައި ވެސް އިސްދައުރެއް އާދަމްގެ އަންހެނުން އަދާ ކުރާ ކަމަށެވެ. އަދި ދަނޑުގައި މަސައްކަތް ކުރަން އިތުރު މީހަކު ނުގެންގުޅޭ ކަމަށް އޭނާ ބުނެއެވެ.
އާދަމްގެ އުންމީދަކީ ދަނޑުވެރިކަމުގައި ޒުވާން ކުދިން މި ދާއިރާގައި މަސައްކަތް ކުރާތަން ދެކުމެވެ. އަދި ދަނޑުވެރިން ކުރާ ބުރަ މަސައްކަތް ބަލައިގަތުމެވެ. މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ދަނޑުވެރިކަމާ ގުޅޭގޮތުން އާދަމްއަށް އެނގިފައިވާ އެއްޗެއް ދަސްކޮށްދިނުމަށް ތައްޔާރަށް ހުރި އާދަމް ބުނީ މި މަސައްކަތަކީ އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކަމަށެވެ.