ސްޓެލްކޯގެ ފަރާތުން މި އަހަރުގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ.

ރޭ ބޭއްވި ހާއްސަ ތަރާވީހެއްގައި ސްޓެލްކޯ އިން ވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިއުމުގެ ފުރުސަތު ލިބޭ ތިން މުވައްޒަފަކާއި އުމްރާގެ އަޅުކަން އަދާކުރުމަށް ދިއުމުގެ ފުރުސަތު ލިބޭ ތިން މުވައްޒަފަކު ގުރުއަތުން ހޮވައިފައެވެ.

ސްޓެލްކޯ އިން ބުނީ، ހައްޖުގެ އަޅުކަން އަދާކުރުމަށް ދިއުމުގެ ފުރުސަތު ހުޅުވާލުމުން އެ ފުރުސަތަށް އެދި ހުށަހެޅި 116 މުވައްޒަފުންގެ ތެރެއިން ޝަރުތުތައް ފުރިހަމަވީ 98 މުވައްޒަފެއްގެ ކަމަށާއި، އުމްރާގެ އަޅުކަން އަދާކުރުމަށް ދިއުމުގެ ފުރުސަތު ހުޅުވާލުމުން އެ ފުރުސަތަށް އެދި ހުށަހެޅި 263 މުވައްޒަފުންގެ ތެެރެއިން ޝަރުތު ހަމަވީ 254 މުވައްޒަފެއްގެ ކަމަށެވެ.

މީގެ ކުރިން ހައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަން އަދާކުރުމަށް އެ ކުންފުނީގެ ފަރާތުން ދިއުމުގެ ފުރުސަތު ސްޓެލްކޯއިން ދީފައި ވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އެއް އަންހެން މުވައްޒަފަކަށާއި އެއް ފިރިހެން މުވައްޒަފަކަށެވެ. އެކަމަކު ސިޔާސަތުތަކަށް ބަދަލު ގެނެސް ކޮންމެ ބަޔަކުން ދެ ފިރިހެން މުވައްޒަފުންނަށާއި އަންހެން މުވައްޒަފަކަށް ފުރުސަތު ދޭ ގޮތަށް ވަނީ ނިންމައިފައެވެ.

މި އަހަރު ސްޓެލްކޯގެ ފަރާތުން ހައްޖުގެ އަޅުކަމަށް ދާ މުވައްޒަފުން

  • އަބްދުﷲ އާމިރު – ހުޅުމާލެ އިންޖީނުގެ
  • މުހައްމަދު އާދިލް – ކ. ކާށިދޫ އިންޖީނުގެ
  • އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ

މި އަހަރު ސްޓެލްކޯގެ ފަރާތުން އުމްރާ އަށް ދާ މުވައްޒަފުން

  • އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ
  • މުހައްމަދު އާރިފް – ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް
  • ޚަދީޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ހައްޖުގެ އަޅުކަން އަދާކުރުމަށް ސްޓެލްކޯ އިން ފޮނުވަނީ އެ ކުންފުނީގައި 15 އަހަރަށް ވުރެ ގިނަ ދުވަސްވީ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންގެ މެދުގައި ގުރު ނަގައިގެންނެވެ. އަދި އެ ކުންފުނީގެ ފަރާތުން އުމްރާ އަށް ފޮނުވަނީ ކުންފުނީގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންގެ މެދުގައި ގުރު ނަގައިގެންނެވެ.