އިންޑިއާގައި އަންނަ މަހު ފެށޭ 6 ހަފްތާގެ އާންމު އިންތިހާބާ ދިމާކޮށް, ބޮޑުވަޒީރު މޯދީ އާ ވާދަ ކުރައްވާނެ ކަމަށް ބެލެވޭ އިދިކޮޅު ލީޑަރު ޖަލަސްލި މައްސަލައިގައި ބޭރު ދުނިޔެއިން ބަސް ބުނެފިއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ޗީފް މިނިސްޓަރުކަންވެސް ކުރައްވައި, އަރްވިންދު ކެޖިރްވާލް ހައްޔަރު ކުރީ, އޭނާގެ މިނިސްޓަރު ކަމުގައި ދިއްލީގައި ރާ ވިއްކަން އާންމުކޮށް ހުޅުވާލުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭތީއެވެ.
ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ދެކޮޅަށް 27 ޕާޓީ ގުޅިގެން އުފައްދާފައި ވާ ކޯލިޝަންގައި ހިމެނޭ އާމްއާދަމީ ޕާޓީގެ ވެސް ވެރިޔާ ކެޖިރްވާލް އަކީ އިދިކޮޅުން މޯދީއާ ވާދައަށް ނިކުންނާނެ ކެންޑިޑޭޓުންގެ ތެރެއިން އެކަކެވެ.
އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކާ މެދު އަދި އެއްބަސްވެވިފައި ނުވާ އިރު ކެޖިރްވާލް އާއި ކޮންގްރެސް ޕާޓީގެ ލީޑަރު ރާހޫލް ގާނދީ ވާދަ ކުރައްވާނެއެވެ.
އިންޑިއާގެ މިހާރުގެ ސަރުކާރުން ގެންދަނީ, ރާހޫލްގެ މައްޗަށް ވެސް ތުހުމަތުތަކެއް ކޮށް ދައުވާތަކެއް އުފުލާ ޝަރީއަތް ހިންގަމުންނެވެ. ރާހޫލް މިވަގުތު ކަފާލާތުގެ ދަށުން މިނިވަންވެފައި ހުރި ނަމަވެސް "މޯދީ ކިޔާ އެންމެންނަކީ ވަގުންތޯ" އައްސަވާ އޭނާ ކުރެއްވި ސުވާލާ ގުޅިގެން 2 އަހަރުގެ ހުކުމެއް އިއްވާފައި ވެއެވެ. އެ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް އަދި ނިމިފައި ނުވާ އިރު ކުރިއަށް އިތް އިންތިހާބުގެ ކުރިން ޝަރީއަތް އަލުން ހިނގަން ފަށައިފިނަމަ ރާހޫލް އަށް ވެސް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުމުގެ ބިރު އެބައޮތެވެ.
އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ވާއިރު މިނިވަން އިންސާފުވެރި އަދި އެންމެނަށް ހަމަހަމަ ފުރުސަތު ލިބޭގޮތަށް އިންތިހާޝު ބޭއްވުމަށް އދ އާއި އެމެރިކާ އައި ޖަރުމަނުން ވަނީ ގޮވާލާފައެވެ. އަދި ޑިޕްލޮމޭޓުން އެގޮތަށް ހިފާ ހައްޔަރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.
އެމެރިކާ އާއި ޖަރުމަނަކީ ވެސް އިންޑިއާގެ ގާތް އެކުވެރިންނެވެ. ނަމަވެސް ދޭދޭގައުމުތަކުގެ ސިޔާސަތާއި އަދި ސިޔާސީ އެކިއެކި ފަރާތްތަކާއި ގައުމުތަކާ އޮންނަ ގުޅުމުގެ ތެރެއިން އެބަޔަކު ގަބޫލުކުރާ ސިޔާސީ ވެރިން މިނިވަން ކުރުމަށް އަޑުއުފުލައެވެ.
މި މައްސަލަގައި އިންޑިއާގެ ހާރިޖީ ވުޒާއިން ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ ގައުމުގެ ދާހިލީ ކަންކަމާ ބެހޭ ގޮތުން ބަސް ބުނުން ބަލައިނުގަންނާނެ ކަމަށެވެ.