ރަށްފުށުގެ ވެށީގެ ހިތްގައިމު ކަމާއި ހިތްފަސޭހަ ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވަނީ އެ ރަށެއްގައި ހެދިފައި ހުންނަ ގަސްތަކާއި އެ ގަސްތަކުން ދޭ ހިޔަލުންނެވެ. އެ ރަށް ރަށުގެ މާހައުލުގެ ރީތިކަން އިތުރުވެގެން ދަނީ ބިޔަ، ރީތި ގަސްތަކާއި މާމެލާމެލީގެ މީރު ވަހުންނެވެ.
ދުވަހަކުވެސް ފެނިފައި ނުވާފަދަ ރީތި ގަސްތައް މީގެ ކުރިން ވެސް ރަށްރަށުން ފެނި، މީހުން އެގަސްތަކުގެ ފޮޓޯ ނަގާ ސޯޝަލް މީޑިޔާގައި ވެސް ހިއްސާކުރެއެވެ. ދާދިފަހުން ހދ. ކުމުންދުއަށް ކުރި ދަތުރުގައި އެ ރަށުގެ މިސްކިތް ކައިރީގައި ހުރި "ރީފް" ގޭގެ ވަށާ ފާރުން މައްޗަށް އަރާފައިވާ ރީތި ގަހެއްގައި ލޯ އަޅައިގަތެވެ. އެއީ މީގެ ކުރިން ދެކެފައި ނުވާ ވައްތަރެއްގެ ރީތި ގަހެކެވެ. އެ ގަހާ ބެހޭ މައުލޫމާތު ސާފުކުރުމަށް އެ ރަށު ކައުންސިލް މެންބަރަކާ ސުވާލު ކުރުމުން ދިނީ ގަބޫލުކުރަން ދަތި ޖަވާބެކެވެ. އެއީ ޒައިތޫނި ގަހެއް ކަމަށް ބުންޏެވެ.
ޝައުގުވެރިކަން ބޮޑުވެ، އެ ގަހާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމަށް އެ ގެއިން މީހަކާ ބައްދަލުކުރަން ބޭނުންވިއެވެ. އެހެންނަމަވެސް އެކަން ވާ ގޮތް ނުވީ މިހާރު އެ ގޭގައި އެއްވެސް މީހަކު ދިރިނޫޅޭތީއެވެ. މީގެ ކުރިން ދެމަފިރިން އެ ގޭގައި ދިރިއުޅުނު ނަމަވެސް އަނބިމީހާ ނިޔާވެ، އޭނާގެ ފިރިމީހާ، ރ. މާކުރަތު އަހުމަދު ނަސީމް ވަނީ އޭނާގެ ރަށަށް ދިރިއުޅުން ބަދަލުކޮށްފައެވެ.
އިތުރަށް ކުރެވުނު މަސައްކަތުން އެ ގަހާ ބެހޭ މައުލޫމާތު އަހުމަދު ނަސީމްގެ ފަރާތުން ސާފުވެގެން ދިޔައެވެ. މީގެ އަަށެއްކަ އަހަރު ކުރިން ޕޮޓެއްގައި އިންދާފައި އިން ކައިވަތެއް ވަރުގެ، އެ ގަސް އަހުމަދު ނަސީމަށް މާލެއިން މީހަކު ދިން އިރު އެ ގަހުގައި ވަނީ މާވެސް އަޅާފައެވެ. އެހެންނަމަވެސް ކުމުންދުއަށް އެ ގަސް ގެންދިއުމުން އެ ގަހުގައި ހުރި މާތަށް ފައިބައިގެން ދިޔަ ކަމަށް އަހުމަދު ނަސީމް ވަނީ ބުނެފައެވެ.
އެ ގަސް ފުރަތަމަ އެ ރަށަށް ގެންގޮސް ޕޮޓާއެކު އިން ގޮތަށް ބޭންދީއެވެ. އެހެންނަމަވެސް އެ ގަސް ހެދެމުން އައުމާއެކު ޕޮޓުން ނަގާ ހަންބުރިއަކަށް ބަދަލުކޮށް ހަންބުރިން ނަގާ ބިންމަތީގައި އިންދި ކަމަށްވެސް އަހުމަދު ނަސީމް ކިޔައިދިނެވެ.
8 އަހަރު ކުރިން ލިބުނު ގަސް މިހާރު 15 ފޫޓަށް ހެދި 20 ފޫޓަށް ފެތުރިފައި!
މީގެ 8 އަހަރު ކުރިން ޕޮޓެއްގައި ގެންދިޔަ އެ ގަސް މިހާރު 15 ވަރަކަށް ފޫޓަށް ހެދިފައި ވާއިރު އެ ގަހުގެ ވަށަމިނުގައި ގާތްގަނޑަކަށް 20 ފޫޓު އެބަ ހުއްޓެވެ. އެހެންނަމަވެސް ފީންޏެއް ފަދައިން ހެދޭ އެ ގަހަކީ އެހާ އުހަށް ހެދޭ ގަހެއް ނޫން ކަމަށް އަހުމަދު ނަސީމް ވަނީ ބުނެފައެވެ. އަދި އެ ގަހުގައި އޮފި ޖަހައިގެން ހަތަރު ގަހަށްވާ ގޮތަށް މިހާރު ހެދިފައިވާ ކޮންމެ ގަސްގަނޑެއްގައި 8 ނުވަތަ 10 އިންޗި ހުންނާނެ ކަމަށް އަހުމަދު ނަސީމް ބުނެއެވެ.
އަހުމަދު ނަސީމް ބުނީ އެ ގަސް އެ ރަށަށް ގެންދިޔަތާ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި މާ އަޅަައިފި ކަމަށާއި އޭރު ގަސް ހުރީވެސް ވަރަށް ކުޑަކޮށް ކަމަށެވެ. އެ ގަސް އެހާ ކުރިން ފޯދުނީ އެއީ ކުރިންވެސް ފޯދިފައިވާ ގަހެއް ކަމުން ކަމަށާއި އޮށް އިންދައިގެން ފަޅާ ޒައިތޫނި ގަސް ފޯދެން 100 އަހަރު ނަގާ ކަމަށް އަހުމަދު ނަސީމް ބުނެއެވެ.
އެ ގަހުގައި މިހާރު ގިނަ އަދަދަކަށް ޒައިތޫނި އަޅާއިރު އެ ހުންނަނީ ވަރަށް ކުދި ކުދިކޮށް ކަމަށާއި އޭގައި ލަނީ މަޑުމަޑު ކިހަށް ރަހައެއް ނަމަވެސް އެ ވަރަށް މީރު ކަމަށް އަހުމަދު ނަސީމް ވަނީ ބުނެއެވެ. ބޭރުން ގެންނަ ޒައިތޫންޏާ ތަފާތު ކަމެއް ހުންނަކަން ފާހަގަ ކުރަމުން އަހުމަދު ނަސީމް ހިއްސާކުރީ އެއީ ޒައިތޫނިތޯ އިތުރަށް ޔަގީން ކުރަން އޭނާ ކުރި މަސައްކަތެވެ.
އަހުމަދު ނަސީމް ބުނީ އެކަމުގެ މާހިރުންނާ ވާހަކަދެއްކި ކަމަށާއި މީހަކު މެދުވެރިކޮށް ބޭރުގައި ޒައިތޫނި ދަނޑުތައް ހައްދާ މީހުންނާ ވެސް ވާހަކަދެއްކި ކަމަށެވެ. އެއީ ޒައިތޫނި ކަމަށް އެ މީހުން ބުނެފައިވާ ކަމަށް ވެސް ނަސީމް ބުންޏެވެ. އަދި އެހާ ކުދިކޮށް އެ ހުންނަނީ މާހައުލާ ނުގުޅޭތީ ކަމަށްވެސް އެ މީހުން ބުނެފައިވާ ކަމަށްވެސް އަހުމަދު ނަސީމް ވަނީ ބުނެފައެވެ.
އެ ގަހުގައި އަޅާ ޒައިތޫނިވެސް ދޮންވުމުން ދަނބު ކުލަ އަރާއިރު ގަހާ އެއް ކުލަވެފައި ހުންނަ ދޮން ނުވާ، ފެހި ކުލައިގެ ޒައިތޫނި މީހުންނަށް ފެންނަނީ ވަރަށް ބަލައިގެންނެވެ.
ގިނަ ބައެއްގެ ލޮލުގައި އަޅައިގަންނަ އެ ގަސް ކަނޑާނުލީ އެހެން ބޭނުންތައް ފުދޭތީ!
އެ ރީތި ގަސް ލޮލުގައި އަޅާ ނުގަންނާނީ ކާކަށް ހެއްޔެވެ. އެ ރަށުގެ އެ މަގުން ހިނގާ ގިނަ ބައެއްގެ ސަމާލުކަން އެގަހަށް ހުއްޓޭއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަމާލުކަންވެސް އެ ގަހަށް ހުއްޓުނެއެވެ.
އަހުމަދު ނަސީމް ބުނީ ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެ އެ ގަސް ބަލާލަން މީހުން ދާ ކަމަށާއި ރައީސް ސޯލިހު ވަޑައިގެން ފަހަރަކުވެސް އެ ގަސް ކައިރީގައި ވަރަށް ގިނައިރުވަންދެން މަޑުކުރައްވައިގެން ހުންނެވި ކަމަށެވެ. އަދި އެ ގަހުން ވަރަށް ބޮޑު ހިޔަލެއް ލިބޭކަން ފާހަގަކުރަމުން ނަސީމް ބުނީ މިސްކިތަށް އަންނަ މީހުންވެސް އެ ގަސްދޮށުގައި ސައިކަލު ބަހައްޓާ ކަމަށާއި ގަސް ކަނޑާ ނުލީ އެ ކަހަލަ ބޭނުންތައް ފުދޭތީ ކަމަށެވެ.
މަދުން ފެން ބޭނުންވާ، ގަދަ އަވީގައި ރަނގަޅަށް ހެދޭ ޒައިތޫނި!
އެ ގަސް ހެއްދުމުގައި ދުވަހަކުވެސް ކާނާއެއް ބޭހެއް އަދި އެފަދަ އެއްވެސް އެއްޗެއް އަޅާފައެއް ނުވެއެވެ. އެ ގަހަށް ފެންދީވެސް ހެދީ ދެ އަހަރެއް ވަރުވަންދެން ކަމަށާއި މިހާރު އެއްގޮތަކަށްވެސް އެ ގަހަށް ފެން ނުދޭތާ 6 އަހަރު ވަރު ވެދާނެ ކަމަށް އަހުމަދު ނަސީމް ބުނެއެވެ. އަދި ޒައިތޫންޏަކީ އެހާ ބޮޑަށް ފެން ބޭނުންވާ އެއްޗެއް ނޫން ކަމަށް އޭނާގެ ތަޖުރިބާއިން ވަނީ ހިއްސާކޮށްފައެވެ.
އަހުމަދު ނަސީމް ބުނީ ބޮޑަށް ލަފާކުރަނީ އެ ހެދެނީ ގަދަ ހޫނުގައި ކަމަށާއި ގަދަ ހޫނުގައި އެ ގަސް ވަރަށް ގަދަޔަށް ހެދޭ ކަމަށެވެ. އަދި ވާރޭ ވެހެންޏާ އެ ގަހުގެ ފަތްތައް ވަރަށް ގިނައިން ފައިބާ ކަމަށާއި އަވިގަދަ ވާނަމަ ފަތް ފޭބުން މަދުކަމަށް އަހުމަދު ނަސީމް ވަނީ ބުނެފައެވެ.
އޮފި އިންދައިގެން ޒައިތޫނި ރޮލެއް ނުވޭ، މޫ ފައިބަނީވެސް ވަރަށް މަސައްކަތުން!
އެ ގަހަށް ގިނަބައެއްގެ ސަމާލުކަން ލިބިފައި ވާއިރު އެ ބޭނުންވެގެން ގިނަ ބަޔަކު އެ ގެއަށް ދެއެވެ. އެ ރަށާއި ރަށުން ބޭރުގެ މީހުން ގޮސް ބުނުމުންވެސް ބުނާ ތަނަކުން އޮފި ދޭ ކަމަށާއި އެހެންނަމަވެސް އެ ރޯ ނުވާ ކަމަށް އަހުމަދު ނަސީމް ވަނީ ބުނެފައެވެ.
އަހުމަދު ނަސީމް ބުނީ އޭނާވެސް އޮފިން ރޯކުރަން ވަރަށް މަސައްކަތް ކުރާ ކަމަށާއި މޫ ބާލައިގެން ނޫން ގޮތަކަށް ރޯ ނުވާ ކަމަށެވެ. އަދި މޫ ފައިބަނީވެސް ވަރަށް މަސައްކަތުންކަން ފާހަގަ ކުރަމުން އޭނާ ބުނީ މިހާނަތަށް މޫ ފޭބީ ޖުމްލަ ހަތަރު އޮފިކޮޅުން ކަމަށެވެ.
ދިރިއުޅުން މާކުރަތަށް ބަދަލުވެ، ޒައިތޫނި ގަސް ހުރި ރީފް [ގެ] ވަނީ އެހެންމީހަކަށް ވިއްކާލާފައެވެ. އެހެންނަމަވެސް ނަސީމް ރަށަށް ދިޔައީ މޫ ބާލުވައިގެން ޒައިތޫނި އޮފި ކޮޅެއްވެސް ހިފައިގެންނެވެ. އެ ގަސް މާކުރަތުގައި ހުންނަ އޭނާގެ ގޭގައި އިންދާފައި ވާއިރު އިސްކޮޅާ ހަމައަށް ހެދިއްޖެ ކަމަށާއި އެ ގަހުގައި އަދި މާ ނާޅާ ކަމަށް އަހުމަދު ނަސީމް ވަނީ ބުނެެފައެވެ.
މާކުރަތުގައި ހުރި ގަސް ވެސް ފުރަތަމަ ބޭންދީ ޕޮޓެއްގައި ކަމަށާއި އެ ގަސް ބިންމައްޗަށް ބަދަލުކުރި ފަހުން 10 ވަރަކަށް މަސް ދުވަސް ވެފައިވާ ކަމަށް އަހުމަދު ނަސީމް ވަނީ ބުނެފައެވެ.
ނިންމާލަމުން ނަސީމު ބުނީ، ކުމުންދޫގައި ހުރި ޒައިތޫނި ގަސް ދޫކޮށްލާފައި ދާން ޖެހުމުން ވަރަށް ދެރަވި ކަމަށާއި އެ ގަސް ނޫނަސް އެ ރަށަކީވެސް ހިތްގައިމު، ހިތް ފަސޭހަ ރަށެއް ކަމަށެވެ.