ދިވެހިންގެ ތެރޭގައި ފަންގިވިނުމާއި ރޯނު ވެށުން ފަދަ މަސައްކަތްތަކަކީ ކާބަފައިންގެ ޒަމާނުއް ސުރެ ފެށިގެން ދިވެހިން ކުރަމުން އައި މަސައްކަތްތަކެވެ. އޭރު ދިރިއުޅުމުގެ ޒަރޫރީ ބޭނުން ފުއްދުމަށް އެ މަސައްކަތް ކުރި ނަމަވެސް ފަހުން ވިޔަފާރި އުސޫލުން އެ މަސައްކަތް ފަށައިގެން އާމްދަނީ ހޯދުމަށް ގިނަ ބަޔަކު މި ފަދަ މަސައްކަތްތައް ކޮށް އުޅުނެވެ. ނަމަވެސް ޒަމާން ބަދަލުވެ ތަރައްގީ ވަމުން އައިސް މިއަދު މި ފަދަ މަސައްކަތް ކުރާ މީހުން މަދުކަން ފާހަގަ ކުރެވެއެވެ.
ދ. މާއެނބޫދޫއަކީ ވެސް ތަފާތު ހުނަރުވެރި މަސައްކަތްތެރިން އުޅޭ ރަށަކަކަށް ވާ އިރު އެ ރަށުގައި މިފަދަ މަސައްކަތް ކުރާ މީހުން މަދެވެ. އެ ގޮތުން ފަންގި ވިނުމާއި ރޯނު ވެށުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ދެ މީހަކު ގެނެސް ދިނުމަށް 'ދަ ޕްރެސް' ރޯދަ ކޮންޓެންޓްގެ "މީހުން" ސިލްސިލާގައި މާއެންބޫދޫގައި މި މަސައްކަތް ކޮށް އުޅޭ ދެ އަންހެނުންނާ އިންޓަވިއު ކޮށްލީމެވެ.
ކުޑަ އިރުއްސުރެ އެކުގައި އުޅުނު މިއީ ދެ "ބެސްޓް ފްރެންޑް" އޭ ވެސް ބުނެވިދާނެއެވެ. އެދުރުބެ ގޯއްޗަށް ކިޔަވަން ދިއުމާއި، އެކުގައި މަސައްކަތް ކުރުން ފަދަ އެތައް ކަމެއް ކުރުމުގައި ހޭދަ ކުރި މި ދެ އެކުވެރިންގެ އެ ދަތުރު ހިއްސާ ކުރި އިރު، އުމުރުން 71 އަހަރުގެ ޝަރީފާ އަހްމަދު އާއި އުމުރުން 71 އަހަރުގެ މުނީރާ އިބްރާހިމް މި މަސައްކަތް ދަސް ކުރީ ވަރަށް ވެސް ޅަ އުމުރުގައެވެ. އެމީހުންނަށް ކިޔަވައިދިން އެދުރުބެގެ ފަރާތުން އުމުރުން 10 އަހަރުގައި މި މަސައްކަތް އެ ދުވަހު ދަސްކުރި ދެމީހުން މިއަދު އެ އަންނަނީ އެ މަސައްކަތުން ނަފާ ހޯދަމުންނެވެ.
ރޯނު ވެށުމުގެ މަސައްކަތް ކުރަމުން އަންނަ ޝަރީފާ އެ ދުވަސްތައް ހިއްސާ ކުރަމުން ބުނީ، އެމީހުން އުމުރުން 10 އަހަރުގައި ރޯނު ވެށުމުގެ މަސައްކަތް ދަސްކުރީ ކިޔަވަން އެދުރުބެ ކައިރިއަށް ގޮސް އުޅުނު އިރު ކަމަށެވެ. އެ ގޮތުން ބޮނބި މޫދަށް ގެންގޮސް ފާކޮށް އެ ބޮނބިތަޅުވައި އޭގެއިން ރޯނު ވަށަން ދަސްކޮށް ދިން ކަމަށެވެ. އޭރުއްސުރެ މި މަސައްކަތް ކުރަން ފެށި ކަމަށާއި މިހާރު މި މަސައްކަތް ކުރާތާ 60 އަހަރު ވެއްޖެ ކަމަށް އޭނާ ބުނެއެވެ.
ފަން ވިނުމުގެ މަސައްކުރާ މުނީރާ ބުނީ، އޭނާ ވެސް މި މަސައްކަތް ދަސްކުރީ އުމުރުން 10 އަހަރުގައި ކަމަށެވެ. ނަމަވެސް މި މަސައްކަތް އަމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ކުރަން ފެށީ އަތޮޅުގައި ރިސޯޓްތައް ތަރައްގީވެ ރިސޯޓްތަކަށް ފަންގަނޑު ވިއްކުމުގެ ފުރުސަތުތައް ފަހިވީ ހިސާބުން ކަމަށެވެ.
މި މަސައްކަތަށް ބޭނުންވާ ފަން ހޯދަނީ ކައިރީ ފަޅު ރަށްރަށުން ކަމަށް މުނީރާ ބުނެއެވެ. ފަން ބޮނޑިއެއް 99 ރުފިޔާ އަށް ވިއްކާ އިރު ރޯނު ބޮނޑިއެއް ވިއްކަނީ 180 ރުފިޔާއެވެ. މި އަގުތަކަށް ފަން ބޮނޑިއާއި ރޯނި ބޮނޑި ވިކޭ ކަމަށާއި އެކަމަށް ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ދެމީހުން ވެސް ފާހަގަ ކުރެއެވެ.
އަދުގެ ޒުވާންންގެ ތެރޭގައި މި މަސައްކަތަށް ޝއުގުވެރިކަން ހުރި ބަޔަކު ނެތް ކަމަކީ ހިތާމަ ކުރާ ކަމެއްގެ ގޮތުގައި ޝަރީފާ ފާހަގަ ކުރިއެވެ. ޅަފުރައޮގެ ކުއްޖެއްގެ ގާތުގައި މި މަސައްކަތް ކުރާ ގޮތް ކިޔައިދޭނަމޭ ބުނެ އަންނާށޭ ބުންޏަސް އެ ކުދިންގެ ޝައުގުވެރިކަމެއް މި މަސައްކަތަށް ނުހުންނަ ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން މިއީ އުވިގެން ނެތިގެން ދާނެ މަސައްކަތެއްގެ ގޮތުގައި ޝަރީފާ ސިފަކުރެއެވެ.
ރޯނު ވެށުމަށް ބޮނބި ތަޅާ ނިމޭ އިރުވެސް މީހާ ހުންނާނީ ކުނޑި ބުރައި ހަޑިވެފައި ކަމުން މި ޒާމާނުގެ ޅަ ފުރައިގެ ކުދިން މިފަދަ މަސައްކަތް ކުރަން ބޭނުން ނުވަނީ އެ ފަދަ ސަބަބުތަކާ ހުރެ ކަމަށް ޝަރީފާ ބުނެއެވެ. އެއަށް ވުރެ ބޮޑަށް އަރާމުގައި ހުރެ ފަސޭހައިން މަސައްކަތް ކޮށްގެން އާމްދަނީ ލިބޭނެ ކަންކަން ކުރުމަށް އަދުގެ ޒުވާނުން ޝައުގުވެރިވާ ކަމަށް އޭނާ ބުނެއެވެ.
ރޯނު ވެށުމުގެ މަސައްކަތަށް ބޭނުންވާ ބޮނބި ހޯދަނީ ރަށުން ކަމުގައި ވިޔަސް މަދުން ނަމަވެސް ފަޅުރަށްރަށުން ބޮނބި ހޯދާ ކަމަށް ޝަރީފާ ބުނެއެވެ. ކުރިން އޭނާ ވިޔާ ރޯނު ބޮނޑީގެ ދިގު މިން ބުނެދޭން ނޭނގުނަސް މިހާރު އޭނާ ވިޔާ ރޯނު ބޮނޑިއެއްގެ ދިގު މިނަކީ 3 ފޫޓު ކަމަށް ޝާރީފާ ބުނެއެވެ.
ރާއްޖެއަށް ޓޫރިޒަމް ތައާރަފްވެގެން އައުމަކީ މި މަސައްކަތުން ރަނގަޅު ނަފާއެއް އެމީހުންނަށް ލިބެން ފެށި ހިސާބު ކަން ފާހަގަ ކުރެއެވެ. ރިސޯޓްތަައް ތަރައްގީ ނުވި ނަމަ މި މަސައްކަތަކީ އުވިގެން ދާނެ ކަމެއްގެ ގޮތުގައި އެ މީހުން ސިފަ ކުރިއެވެ. މިއަދު މި މަސައްކަތް ކުރުމުގައި އެމީހުން ދެމި ތިބީ އެ ސަބަބާ ހުރެ ކަމަށް އެ މީހުން ބުނެއެވެ.
ކޮންމެ މަސައްކަތަކީ ވެސް ހަލާލުގޮތުގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ނަމަ އެއީ ހަޑި މަސައްކަތެއް ނޫން ކަމަށް އެ މީހުން ބުނެއެވެ. ބުރަ މަސައްކަތެއް ކަމުގައި ވިޔަސް އެ މަސައްކަތުން ހަލާލު ގޮތުގައި ލިބޭ ފައިސާ ލިބުމަކީ އެންމެ ބޮޑު ހިތް ހަމަޖެހުމެވެ. އަދުގެ ޒުވާނުންނަށް މިއީ ހަޑި އަދި ކަޑަ މަސައްކަތަށް ވެދާނެ އެވެ. ނަމަވެސް މިއީ އިހު ޒަމާނުގައި އެންމެ ގިނައިން ދިވެހިން ކޮށް އުޅުނު މަސައްކަތްތަކުގެ ތެރެއިން މަސައްކަތްތަކެވެ. ދިވެހި އަންހެނުންގެ މުރާލި ކަމާއި ހިތްވަރު މި ފަދަ މަސައްކަތްތަކުން ހާމަވެގެން ދެއެވެ.