ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އެންޓި ޑިފެކްޝަން ބިލުގެ ޕާޓީ ބަދަލުކުރާ ނުވަތަ ވަކިވާ ހާލަތުގައި މަޖިލިސް މެންބަރުކަމުން ވަކިވުން އިހްތިޔާރީ ކަމަކަށް ހަދާ ގޮތަށް ނިންމައި އެ ބިލު މަޖިލީހުގެ ވަގުތީ ކޮމިޓީން ފާސްކޮށްފިއެވެ.

އެމްޑީޕީން ހުށަހެޅި އެ ބިލް ދިރާސާ ކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް އެ ބިލު ފިނުވާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެއަށްފަހު އެ ކޮމިޓީގެ ދެ ބައްދަލުވުމެއް ބާއްވާފައިވާ އިރު، އިއްޔެ އެ ކޮމިޓީން ވަނީ އެ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފާސްކޮށްފައެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅި އިރު، މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކެއް އޮތް ނަމަވެސް މިހާރު "ގޮނޑި ގެއްލޭނެ ހާލަތު"ގެ ބަދަލުގައި އެ މާއްދާގެ އަރިމަތީ ސުރުހީ އިސްލާހުކޮށްފައި ވަނީ "މެންބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ހާލަތްތައް" އެގޮތަށެެވެ. އެގޮތަށް އިސްލާހު ގެނައި ސަބަބެއް ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ، އަރިމަތީ ސުރުހީގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަމަށް ބުނެފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ހާލަތްތަކެއް ކަމުގައިވާތީ ކަމަށެވެ.

އެގޮތަށް އިސްތިއުފާ ދޭނެ ހާލަތްތަކުގެ ގޮތުގައި ތިން ހާލަތެއް އެ ބިލަށް ގެނައި އިސްލާހުގައި ވެއެވެ. އެއީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރަކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުމާއި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން އަދި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމެވެ.

އެ ބިލުގައިވާ ގޮތުން އެ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު "މެންބަރުކަމުން އިސްތިއުފާ ދޭންވާނެ" އެވެ. އިހްތިޔާރީ ކަމެއްގެ ގޮތުގައި އެ އިިބާރާތް ލިޔެފައިވާ އިރު، އިސްތިއުފާ ނުދީފި ނަމަ، އަމަލު ކުރާނެ ގޮތެއް ކޮމިޓީ މަރުހަލާގައި ވެސް ބަޔާންކޮށްފައެެއް ނުވެއެވެ.

ދެން ބިލަށް ކޮމިޓީން ގެނެސްފައިވާ އިސްލާހަކީ، ޕާޓީން އެ މެންބަރަކު ވަކިކުރާ ހާލަތުގައި އަމަލު ކުރާނެ ގޮތްތަކެވެ. އެއީ އިންތިހާބުވި ޕާޓީން، އެ މެންބަރުގެ ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރާ ތާރީހުން ފެށިގެން ހަތް ދުވަސް ތެރޭ އެ ނިންމުމަކާ ގުޅޭ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށާއި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަހަނާޅާ ނަމަ، އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިވެފައި ވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެ ކަަމަށެވެ. އަދި އެ މެންބަރަކު ޕާޓީން ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފި ނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެންގުންމުން މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭން ވާނެއެވެ.