އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލެއްވި ހަސަން ޝިޔާމް(ވީބީ ހަސަން)ގެ ކެންޑިޑެންސީ ސްޕްރީމް ކޯޓުން ބާތިލް ކުރުމާއެކު އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓްއަށް ތާއީދު ކުރަން ނިންމައިފިއެވެ.
އެމްޑީޕީގެ ޓިކެޓުގައި މެދު ހެންވޭރު ދާއިރާއަށް ވާދަ ކުރައްވަނީ އިބްރާހިމް އަލީ ޖަލީލުއެވެ.
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހަސަންއަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމްކޯޓުން މިއަދު ހުކުމްކޮށްފައި ވަނީ އޭނާ ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައެވެ.
ޝިޔާމްގެ ކެންޑިޑެންސީ ބާތިލް ކުރަން ހުށަހަޅާފައިވަނީ މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު، ހ. ކްއީން، އިލްޔާސް އަހުމަދުއެވެ. އިލްޔާސް ހުށަހެޅި މި ދައުވާގައި ބުނެފައި ވަނީ ޝިޔާމްގެ ސާބިތު ދަރަންޏެއް އޮތުމާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުުންގެ މަޖިލީހުގެ ގަވައިދުގައި، ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތު، އޭނާގެ ކިބައިގައި ފުރިހަމަ ނުވާ ކަމަށެވެ.
ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައިވާ ގޮތުން އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ޝިޔާމްގެ މައްޗަށް އޮތް ދަރަންޏަކީ އޭނާ ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިސޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި 10 މިލިއަން ޑޮލަރުގެ ލޯނަކާއި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނެެކެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ ލޯނަށް ގެރެންޓީ ދިން 11 މީހުން، އެ ދަރަނި ދައްކައި ހަލާސްކުރަން ހުކުމްކޮށްފައި ނަމަވެސް އެ ލޯނު އަދާކޮށްފައި ނުވެއެވެ.
އަދި ރަހުނުކުރި ދެ ރިސޯޓު ވިއްކާލުމުން ލޯނަށް ގެރެންޓީ ދިން މީހުން އިތުރަށް އަދާކުރަންޖެހޭ ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް ޝިޔާމްގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި ނަމަވެސް ސިވިލް ކޯޓުން އެ އަމުރު ނެރެދީފައެއް ނުވެއެވެ. އެ މައްސަލައިގައި ހައިކޯޓުން ދާދިފަހުންވެސް ހުކުމްކޮށްފަިއ ވަނީ ސިވިލް ކޯޓުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.