ފުލުހަށް މިއަދު އޭނާ ހާޒިރުކުރީ ޖިނާއީ މައްސަލައެއްގެ ތަހުގީގަކަށް ނޫން ކަމަށާއި، މައުލޫމާތު ސާފުކުރުމަށް ކަމަށް، މައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ފައްޔާޒް އިއްޔެ އާންމުކުރެއްވި ޗިޓުގައިވާ ގޮތުން ފުލުހަށް އޭނާ ހާޒިރުކުރީ އާރުޑީސީ އަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި ކުންފުންޏާ ގުޅުންހުރި ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީން ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގައެވެ. ފުލުހުން އެ މައްސަލައިގައި އޭނާ ހާޒިރުކުރީ އާރުޑީސީން ކުރި މުއާމަލާތުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާ ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލައިގައި ފައްޔާޒް ހާޒިރުކުރީ ފުލުހުންނަށް މައުލޫމާތުދިނުމަށްޓަކައި ކަމަށް، އެ ޗިޓުގައިވެއެވެ.

ފުލުހުންގެ އޮފީހަށް ހާޒިރުވުމަށް ފަހު އެ ތަނުގައި ތިބި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ފުލުހުން އޭނާ ހާޒިރުކުރީ މީގެ ދޮޅު އަހަރު ކުރިން އޭނާ އާ ގުޅުންހުރި ކުންފުންޏަކުން ނަގާފައިވާ 160،000 ރުފިޔާގެ ލޯނާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ކަމަށާއި، ރައީސް އޮފީހުގެ ވެބްސައިޓާއި އޮޑިޓަރު ޖެނެރަލްގެ ފައިނޭންޝަލް ރިޕޯޓުގައި އެކަން ފެންނަން އޮއްވައި، ފުލުހުން އެ ސުވާލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ފައްޔާޒް މިއަދު ފުލުހަށް ހާޒިރުކުރިކުރުން އޭނާ ސިފަކުރެއްވީ އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގާތްވެފައި އޮއްވައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ސަރުކާރުން ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

އޭނާ ފުލުހަށް ހާޒިރުކުރުމުގެ އަޑީގައި ހުންނަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާއި، ރައީސްގެ އެދިވަޑައިގަތުމަކަށް އެކަން ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާން ކަމަށް ފައްޔާޒް ތުހުމަތުކުރެއްވިއެވެ.