މިއަހަރު ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ގްރޮސް ރިޒާވްގައި 580 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އަހަރު ނިމޭ އިރު އެ އަދަދު 600 މިލިއަން ޑޮލަރުގައި ހިފަހައްޓާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވެއްޖެއެވެ.

އިމާދު މިހެން ވިދާޅުވީ ދައުލަތުގެ ކޭޝްފްލޯއާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.

އިމާދު ވިދާޅުވީ ދައުލަތުގެ އާމްދަނީ ލަފާކުރި ވަރަށް ވުރެ އިތުރުވެފައިވާ އިރު، ދައުލަތުގެ ހަރަދުން ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ދައުލަތް އަދިވެސް ހިނގަމުން ދަނީ ލިބޭ އާމްދަނީއަށް ވުރެ ހަރަދު ބޮޑުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހަރަދުތައް، ބޭރު ފައިސާއިން ކުރަން ޖެހޭ ހަރަދުތައް ކުރިއަށް ގެންދަން ބޮޑެތި ގޮންޖެހުންތައް އެބަހުރި،"
އަހްމަދު އިމާދު

ކޮންމެ އަހަރަކު އާމްދަނީ އާއި ހާއްސަކޮށް ހިލޭ އެހީ ލަފާކުރާ މިންވަރަށް ނުލިބޭ ކަމުގެ ކަންބޮޑުވުން އެމްއެމްއޭއިން އަބަދުވެސް ފާޅުކުރާ ކަމަށާއި މި އަހަރު ވެސް ބަޖެޓު ފޫބެއްދުމުގައި ވަރަށް ބޮޑެތި ޗެލެންޖަސް އެބަހުރި ކަމަށް އިމާދު ވިދާޅުވިއެވެ. އެގޮތުން ފާއިތުވި ތިން މަހު ގްރޮސް ރިޒާވްގައި އެމްއެމްއޭގެ މިންގަނޑާ އެއްގޮތަށް ގާތްގަނޑަކަށް 580 މިލިއަން ޑޮލަރު ހުރި އިރު، އަހަރު ނިމޭ އިރު، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގައި އެ އަދަދު ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޑޮލަރުގެ ލިކުއިޑީޓީ ހިފެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ބޭރު ފައިސާއިން ލިބޭ އާމްދަނީއަށް ވުރެ އިތުރަށް މަހަކު 50 މިލިއަނެއްހާ ޑޮލަރު ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިއެމްއެފްގެ ޕެކޭޖަކަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅުވައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ އެފަދަ ކަމެއްގެ މައުލޫމާތެއް ރަސްމީ ސިފައެއްގައި އަދި ލިބިފައި ނެތް ކަމަށެވެ.