މިސް ޔުނިވާސް ނުވަތަ ރީތީގެ ރާނީގެ މުބާރާތުގައި މިއަހަރު ސައުދީ އަރަބިއްޔާ އިން ބައިވެރިވާން ނިންމައިފިއެވެ.
އެއާއެކު ސައުދީ ވެގެންދާނީ ރީތީގެ ރާނީގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ ގައުމަށެވެ. މެކްސިކޯގައި މުބާރާތް ބާއްވަން ހަމަޖެހިފައިވާއިރު މި މުބާރާތް ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ހުޅުވާލައިގެން ބޭއްވޭ މި މުބާރާތުގައި ސައުދީ ތަމްސީލުކުރަނީ މޮޑެލް ރޫމީ އަލްގަހްތާނީ އެވެ.
މިސް ޔުނިވާސް މުބާރާތުގަައި ބައިވެރިވާން ނިންމާފައިވާކަން އިއުލާންކުރަމުން އުމުރުން 27 އަހަރުގެ މޮޑެލް ބުނީ ސައުދީ އިން މި މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރު ގައުމު ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާ އުފަލެއް ކަމަށެވެ. މިސް ސައުދީ އަރަބިއްޔާގެ ޓައިޓަލް ވެސް ކާމިޔާބުކޮށްފައިވާ މޮޑެލް ރޫމީ ބުނީ މުބާރާތުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މި މުބާރާތަށް ވަރަށް ތައްޔާރު ކަމަށެވެ.
މިދިޔަ އަހަރު މިސް ޔުނިވާސް މުބާރާތް ކާމިޔާބުކޮށްފައިވަނީ ނިކަރަގުޔަން އަށް އުފަން މޮޑެލް ޝެނިސް އެވެ. 1952 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި އެންމެ ގިނަ ފަހަރަށް މިސް ޔުނިވާސްގެ ތާޖު ދިފާއުކޮށްފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އެވެ. އެއީ 10 ތާޖާއެކުގައެވެ. ހަތް ތާޖާއެކު ވެނަޒުއޭލާ ލިސްޓުގެ ދެވަނައިގައި އުޅޭއިރު ޕުއާޓޯ ރިކޯ އުޅެނީ ލިސްޓުގެ ތިން ވަނައިގައެވެ.