15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް އެންޑް އިލެކްޓޯރަލް ކޮންގްރެސްގެ ހޯސްޓަކަށް ކެނަރީފް ރިސޯޓް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެލީޓް އެތުލީޓުންނާއި އޮފިޝަލުންނާއި ސަޕޯޓަރުން އައުމަށް ވަނީ ހަމަޖެހިފައެވެ.

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަން (ޑަބްލިއުބީޕީއެފް) ގެ ބެލުމުގެ ދަށުން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ މި ހަރަކާތް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި މިއީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ. އައްޑޫގެ ކެނަރީފް ރިސޯޓް މޯލްޑިވްސްގައި ބާއްވާ މި ހަރަކާތަށް 55 ގައުމަކުން 480 އެތްލީޓުންނާއެކު އޮފިޝަލުން އައުމަށް ހަމަޖެހިފައިވާ ކަމަށް ރާފިއު ވިދާޅުވިއެވެ.

ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ އިސްތިހާރެއް

މި މުބާރާތަކީ ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކުގެ އެންމެ ބޮޑު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ އަގު ވަޒަން ކުރުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ހާއްސަކޮށް އައްޑޫގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މި ހަރަކާތަކީ ހިތަދޫގައި ބޭއްވި ސާކް ސަމިޓް 2011 އަށް ފަހު މިފަދަ ބައިނަލްއަގުވާމީ އިތުރު ބޮޑު ހަރަކާތެއް އައްޑޫގައި ބާއްވާ ފަހަރެވެ.

ރާއްޖޭގައި މި ހަރަކާތް ބާއްވާ ކަމުގެ އަޑުތައް ފެތުރުމާއެކު އެތައް ބައެއްގެ ފާޑުކިޔުން ވެސް މި ވަނީ ސަރުކާރަށް އަމާޒުވެފައެވެ. މި ހަރަކާތުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ގޮސްފައި ވަނީ ފުރަތަމަ ފަހަރަށް މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުމުން ސަރުކާރުން އެކަން ކުށްވެރިކުރުމުންނެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު މެކްސިކޯގައި ބާއްވާ މިސް ޔުނިވާސް 2024 ގައި ބައިވެރިވާ އުމުރުން 21 އަހަރުގެ މޮޑެލް މަރިޔަމް ޝައިނާ ނަސީމަށް ވެސް ފާޑުކިޔުން އަމާޒުވެގެން ދިޔަ އިރު، މި ސަރުކާރުން ވަނީ މިސް ޔުނިވާސްގައި ދިވެއްސަކު ބައިވެރިވުން ބަލަައިނުގަންނާނެ ކަމަށް ބުނެ އެއީ ސަރުކާރާ ގުޅުން ހުރި ކަމެއް ނޫންކަން ހާމަކޮށްފައެވެ. އަދި މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ކޮންމެ ޖިންސެއްގެ ބަޔަކު ކުރި ކަމެއް ނަމަވެސް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ކާމިޔާބީއެއް ލިބިގެން ނުވާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން މިސް ޔުނިވާސްއާ ދެކޮޅަށް އަޑު އުފުލާފައިވާ އިރު، ރާއްޖޭގައި ބޮޑީ ބިލްޑިންގެ ފަދަ ހަރަކާތެއް ބޭއްވުމަކީ މި ސަރުކާރުން މި ފަދަ ހަރަކާތްތަކުގައި ހަމަހަމަކަން ނުގެންގުޅޭ ކަން ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ހަމައެއާއެކު މިސް ޔުނިވާސްގައި ދިވެއްސަކު ވާދަކުރުން މައްސަލައަކަށް ވީ އިރު، ހަށިގަނޑު ހާމަ ކުރާ ބައިނަލްއަގްވާމީ ބޮޑީ ބިލްޑިން ފަދަ މުބާރާތްތަކުގައި ދިވެހި ފިރިހެނުން ބައިވެރިވުން މައްސަލައަކަށް ނުވުމަކީ ދެ ޖިންސުގެ ދެމެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމުގެ މިސާލެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.